ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

މަޝްވަރާ ކުރަން ދާނީ ސިޔާސީ ހައްޔަރީން މިނިވަންކުރުމުން: އަދާލަތު/އެމްޑީޕީ

މަޝްވަރާކުރަން ސަރުކާރުން ހަމަޖެހޭ މާހައުލެއް ފަހިކޮށްދީފައި ނުވާތީ މަޝްވަރާކުރަން އެއްބަސް ނުވާ ކަމަށް އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީން ބުނެފި އެވެ. އެ ދެ ޕާޓީން ބުނީ ސަރުކާރާއެކު މަޝްވަރާކުރާނީ ޖަލުގައި ބަންދުކޮށްފައިތިބި ސިޔާސީ ޕާޓީތަކުގެ ބޭފުޅުން މިނިވަންކުރުމުން ކަމަށެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީން މަޝްވަރާއަށް ތައްޔާރަށް އޮތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައިވަނިކޮށް، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ނައިބު ލީޑަރު އަލީ ޒާހިރު ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީން މަޝްވަރާކުރަން ތައްޔާރު ވާނީ، އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެންވެސް ސިޔާސީ ކުށްވެރިން މިނިވަން ކުރުމުން ކަމަށެވެ. އެނޫން ގޮތަކަށް މަޝްވަރާއަށް ތައްޔާރަށް އޮތްކަމަށް އެއްވެސް އިރެއްގައި ސަރުކާރަށް އަންގާފައި ނުވާނެ ކަމަށެވެ.

"މަޝްވަރާކުރަން ސަރުކާރުން އިއުލާނު ކުރުމާއެކު އަޅުގަނޑުމެން ވާނީ މަޝްވަރާ ކުރާނެ މާހައުލެއް ފަހިކޮށްދޭން ސަރުކާރަށް ގޮވާލާފަ. އެގޮތަކީ ޖަލުގައި ތިބި ސިޔާސީ ކުށްވެރިން މިނިވަންކުރުން، އެނޫން ގޮތަކަށް އަޅުގަނޑުމެން އެއްބަހެއް ނުވަން. މަޝްވަރާ އަށް ހުޅުވާލީ ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް އޮވެގެން ކަމަށް ވާނަމަ އެ މާހައުލު އަޅުގަނޑުމެންނަށް ހޯދައިދޭނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ޕާޓީތަކުން ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން މިއަދު މިނިސްޓަރު ޝައިނީ ވިދާޅުވީ، އެއްވެސް ސިޔާސީ ކުށްވެރިއަކު ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކު ކުށެއްގެ ތުހުމަތުގައި ޖަލުގައި ހުންނެވުމަކީ ތަފާތު ކަމެއް ކަމަށެވެ.

ޕާޓީތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ މެއި މަހުގެ ދެވަނަ ދުވަހު ފަށާނެ ކަމަށް ސަރުކާރުން މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ.