ބޭރު ކުޅިވަރު

ސިޓީ މޮޅުވެ، އެތްލެޓިކޯ އެއްވަރުވެއްޖެ

Feb 25, 2016

ޗެމްޕިއަންސް ލީގުގައި ރަޝިޔާގެ ޑީނަމޯ ކިއޭވް އަތުން މެންޗެސްޓާ ސިޓީ 3-1އިން މޮޅުވެ، ނެދަލޭންޑްސްގެ ޕީއެސްވީ އެއިންދޯވަންއާ ބައްދަލުކޮށް ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް 0-0އިން އެއްވަރުވެއްޖެ އެވެ.

ސިޓީ ކާމިޔާބި މިހޯދ ޗެމްޕިއަންސް ލީގަށް ސަމާލުކަންދޭންވެގެން އިނގިރޭސި އެފްއޭކަޕުގައި ސީނިއާ ކުޅުންތެރިން ރެސްޓްކުރުވުމަށްފަހު އެވެ. ނަމަވެސް މޮޅާއެކު އެފްއޭކަޕުން ކެޓުމުގެ ހިތްދަތިކަން ފިލައިފިކަމަށް ކުޅުންތެރިން ބުންޏެވެ.

"ވަރަށް ވަރުގަދަ މެޗެއް މިއީ. އަހަރުމެން މިތިބީ ހިތްހަމަޖެހިފައި ނަތީޖާއާ މެދު. 3-1އަކީ މިކަހަލަ ބޮޑު މުބާރާތެއްގައި ވަރަށް ރަނގަޅު ނަތީޖާއެއް. މި ނަތީޖާގެ ސަބަބުން އަހަރުމެންނަށް އަނެއް ބުރަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިއްޖެ،" މެޗަށް ފަހު ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ބުންޏެވެ.

ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ ރަށުން ބޭރުގައި މޮޅުވުމަކީ އަމިއްލަ ރަށުގައި އަދި މެޗެއް ކުޅެންޖެހޭކަން ހަނދާން ނައްތާލަންވީ ކަމެއްނޫން ކަމަށެވެ.

"އެކަމަކު މިއީ ރަނގަޅު ނަތީޖާއެއް. މީގެ ސަބަބުން އަހަރުމެންނަށް އިތުބާރު ބޮޑުވާނެ. ނަތީޖާ 2-1ގައި އޮތްއިރު އަހަރުމެން ކުޑަކޮށް ހާސްވި. އެކަމަކު ތިން ވަނަ ގޯލާއެކު ހަމަޖެހިލެވުނު،" ޕެލެގްރީނީ ބުންޏެވެ.

ކިއޭވްގެ ކޯޗު ސަރްގޭ ރެބްރޯވް ބުނީ ސިޓީ ދެ ގޯލު ޖެހުމުން އޭނާގެ ޓީމުގެ އިތުބާރު ގެއްލިއްޖެ ކަމަށާއި އަދި މި ހިސާބުން މުބާރާތުން ވަކިވާން ޖެހިއްޖެ ނަމަވެސް މުބާރާތުގައި ނެރެފައިވާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ ކަމަށެވެ.