ރާއްޖެ ކުޅިވަރު

ލަޔަންސް ބަލިކޮށް ޕީޑީއާރްއެމް ފައިނަލަށް

ޕީޕަލްސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ސިންގަޕޫރުގެ ލަޔަންސް ޓުވެލް އަތުން 1-0 އިން މޮޅުވެ، މެލޭޝިއާގެ ޕީޑީއާރްއެމް މުބާރާތުގެ ފައިނަލް އިން މިރޭ ޖާގަ ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ޕީޑީއާރްއެމް އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ މާލީގެ ފޯވަޑް ޑްރަމާނޭ ޓްރައޯރޭ އެވެ. ޕީޑީއާރްއެމް އަށް ޕެނަލްޓީއެއް ލިބުނީ ޕީޑީއާރްއެމްގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ލަޔަންސްގެ ކެޕްޓަން މުހައްމަދު އީސާ ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން މެޗުގެ ރެފްރީ އަހުމަދު އަމީޒު ވަނީ އީސަ އަށ ސީދާ ރަތްކާޑެއް ދައްކައިފަ އެވެ.

މި މުބާރާތުގެ ފައިނަލްގައި ބުދަ ދުވަހުގެ ރޭ ޕީޑީއާރްއެމްއާ ދެކޮޅަށް ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

މި މުބާރާތުގެ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ޕީޑީއާރްއެމް ފައިނަލް އިން ޖާގަ ހޯދީ ހަތް ޕޮއިންޓާއެކު އެވެ. ޕީޑީއާރްއެމް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. މާޒިޔާ ލީގު ބުރުގެ ދެވަނަ ހޯދީ ފަސް ޕޮއިންޓާއެކު އެވެ. މާޒިޔާ ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ މެޗު އެއްވަރުކޮށްފަ އެވެ. ލީގު ބުރުގެ ފުލަށް ދިޔައީ ދިވެހި ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓެވެ. ނިއު ލީގު ބުރު ނިންމާލީ އެއް ޕޮއިންޓާއެކު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނީ ލަޔަންސްއަށެވެ. މެޗުގެ ފުރަތަމަ ހަމަލާ 19 ވަނަ މިނިޓުގައި ފޮނުވާލީ ލަޔަންސްގެ ފޯވަޑް މުހައްމަދު ހައިރުލިން އަމީރީ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން އަމީރީ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފުގައި ލަޔަންސްގެ މުހައްމަދު ނަޒްރުލް ބިން އަހުމަދު ނަޒްރީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބިފަ އެވެ. މެޗުގެ  14 ވަނަ މިނިޓުގައި ޕީޑީއާރްއެމްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ ނަޒްރުލް ފޮނުވާލި ބޯޅަ ޕީޑީއާރްއެމްގެ ގޯލްކީޕަރު ވިލްފްރެޑް އަނަކް ޖަބުން ވަނީ ދިފާއުކޮށްފަ އެވެ. އަދި އޭގެ ފަހުން ވެސް ލިބުނު ހުސް ފުރުސަތެއްގައި ނަޒްރުލް އަށް ގޯލަށް ބޯޅަ އަމާޒުކޮށްލެވޭ ގޮތެއްނުވި އެވެ.

ފުރަތަމަ ހާފުގައި ޕީޑީއާރްއެމްގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޑިފެންޑަރު މުހައްމަދު އަފީފް އެވެ. ލަޔަންސް އޭރިޔާ ތެރެއަށް މުހައްމަދު ފާދިލް ހުރަސްކޮށްލި ބޯޅަ އަފީފް ބޮލުން ފޮނުވާލި ނަމަވެސް، އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފުގައި ޕީޑީއާރްއެމް އިން ލީޑު ނެގި ފަހުން ދަގަނޑޭ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ތިން ފުރުސަތު ލިބިފަ އެވެ. މެޗުގެ 61 ވަނަ މިނިޓުގައި ލަޔަންސްގެ  ޑިފެންސް ފޫއަޅުވާލުމަށް ފަހު ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭ ފޮނުވާލި ބޯޅަ ލަޔަންސްގެ ގޯލްކީޕަރު ދިފާއުކުރިއިރު، 87 ވަނަ މިނިޓުގައި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ޝޮޓް ދިޔައީ ބޭރަށެވެ.