މަރު

އަރުހަމް މަރާލި މައްސަލާގައި އެކެއްގެ ހެކިބަސް ނުނަގަން ނިންމައިފި

ކުއްލިއްޔަތުލް ދިރާސާތުލް އިސްމާމިއްޔާގެ އިރަށް އޮންނަ ލޮރެންރޯ ޕާކްތެރޭގައި ހުއްޓާ ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، 16، މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި ހެއްކެއްގެ ހެކިބަސް ނުނެގުމަށް ޝަރީއަތުން ނިންމައިފި އެވެ. އަރުހަމް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު އެވެ.

އަރުހަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނު،19، އާއި މއ. ސީނަރީވިޔު އާތިފް ރަޝީދު، 21، ގެ އިތުރުން ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް،19، އާއި ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފް،25، އެވެ. މި މީހުންގެ ތެރެއިން އާތިފް ރަޝީދު ވަނީ ބަންދު ދޫކޮށްލާފަ އެވެ. އަނެއް ތިން މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

ހަތަރު މީހުންގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އެވެ. ދައުވާއަށް އިންކާރުކޮށްފައިވާއިރު މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ހުލާސާ ބަޔާން އިއްވުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދީފަ އެވެ. ނަމަވެސް ދައުލަތުން އެދުނީ ނިއުޒިލެންޑްގައި ހުރި މީހެއްގެ ހެކިބަސް ސްކައިޕް މެދުވެރިކޮށް ނަގައިދިނުމަށެވެ. ޝަރީއަތުން ވަނީ އެމީހާގެ ހެކިބަސް ނުނަގަން ނިންމާފަ އެވެ.

ދައުލަތުން ވިދާޅުވީ، މިއަދު ހުލާސާ ބަޔާން އިއްވަން ތައްޔާރު ނޫން ކަމަށެވެ. އެހެންކަމުން ޝަރީއަތުން ވަނީ އިތުރު އަޑުއެހުމެއް ހުލާސާ ބަޔާން އިއްވަން ބާއްވަން ނިންމާފަ އެވެ. ގާޒީ ވިދާޅުވީ، މައްސަލަ ދެން އިތުރަށް ދިގުލައިގެން ނުގޮސް، އަވަހަށް އަޑުއެހުމެއް ބާއްވާ އަޑުއެހުންތައް ނިންމާލައި ހުކުމް އިއްވާނެ ކަމަށެވެ.

ސުފުޔާން، އާތިފު، މަންސޫރު އަދި ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އާއި ހެނދުނު 6:30 އާ ދެމެދުގެ ވަގުތެއްގައި ވިސާމާއި މަންސޫރު އަދި ސުފުޔާން ލޮރެންޒޯ ޕާކްތެރެއަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމުން އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އަރްހަމް މަރާލުމަށްފަހު އެ ތިން މީހުން އަދި އާތިފްއާ އެކު ސައިކަލްތަކުގައި ގޮސްފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

އަރުހަމް މަރާލާފައިވަނީ ދަރުމަވަންތަ ސްކޫލްގައި ގުރޭޑް ނުވައެއްގައި ކިޔަވަމުން ދަނިކޮށެވެ. ލޮރެންޒޯ ޕާކް ތެރޭގައި އޭނާ މަރާލާފައި އޮތްވާ ފެނުނީ ފުލުހަކަށެވެ. އަރުހަމް މަރާލާފައިވަނީ އެކިތަންތަނަށް ވަޅި ހަރައިގެންނެވެ.