ދީން

ނަމާދު: އަޖައިބުކުރުވާ އެތައް ވާހަކައެއް

Jan 27, 2015
5

ކީރިތި ޤުރުއާނުގައި އޮވެއެވެ. "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެފޮތް ބާވާލެއްވީ، ޢަރަބި ބަހުން އޮތް ޤުރުއާނެއް ކަމުގައެވެ. އެއީ، ތިޔަބައިމީހުން ވިސްނައި ފިކުރު ކުރުމަށްޓަކައެވެ." (ޔޫސުފް ސޫރަތުގެ 2 ވަނަ އާޔަތް) މިއީ ހާދަހާ ބޮޑު ޙަޤީޤަތަކެވެ. އިސްލާމްދީނަކީ ވިސްނާ ފިކުރު ކުރުމަށް ބާރު އަޅާ ދީނެކެވެ. އަދި ވިސްނާ ފިކުރު ކުރާ މީހުންނަށް ކޮންމެ ކަމެއްގައިވެސް ޢިބްރަތެއް ވާނެކަމަށް ޤުރުއާނުގައި ސާފު ޢިބާރާތުން ބަޔާންކޮށްފައިވެއެވެ. އަޅުގަނޑުވެސް މިޒާތުގެ ދީނީ ކަންކަމާ ކޮންމެވެސް ވަރަކަށް ވިސްނާ އުޅެމެވެ. މިވިސްނުމުގެ ތެރެއިން ފައިދާވި ކަމެއްގެ ވާހަކަ ލިޔެލެވޭތޯ ބަލާނަމަކެވެ.

އަޅުގަނޑުމެން މުސްލިމުން ކޮންމެ ދުވަހަކު ފަސް ވަގުތު ނަމާދު ކުރަން މާތްﷲ އަންގަވާފައިވެއެވެ. އެއީ އިސްލާމް ދީނުގެ ރުކުނެކެވެ. ނަމާދާބެހޭ ގޮތުން ފުންކޮށް ވިސްނާލުމުން އަޅުގަނޑުގެ ސިކުނޑި ސުމަކަށްދާހާ ގިނަ ކަންތައް ދޭހަވެއެވެ. މިއީ ފަހަރުގައި އަޅުގަނޑުގެ ސިކުނޑީގައި ހުރި ޢާޠިފީ އުނިކަމެއް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް، ނަމާދުގެ ޖިސްމާނީ ބަޔަށް ބަލާއިރު، ނަމާދުގައި ކުރާ ހަމަ ކޮންމެ ޙަރަކާތަކަށްވެސް، މިޒަމާނުގެ ކަސްރަތު ޕްރޮގްރާމުތަކުގައި އެއާ އެއްވަރުގެ ޙަރަކާތެއްވެއެވެ. މިސާލަކަށް، ރުކޫޢު ކުރުމަށްފަހު އިޢުތިދާލުވުމަކީ މިޒަމާނުގެ ކަސްރަތުގައި ޑެޑް ލިފްޓެވެ. ސަޖިދައިން ތެދުވެ އަލުން ޙަރަމް ބަނުމަކީ ކަސްރަތުގައި ސްކޮޓްސްގެ ޙަރަކާތް ހިމެނޭ ކަމެކެވެ. މިއީ ރަމްޒީ ޙަރަކާތަކަށް ވެދާނެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ގަވާއިދުން ފަސްވަގުތު ނަމާދުކުރާ މީހަކަށް، މިޙަރަކާތްތައް ފަސޭހަކަމާއެކު ގެނެވޭނެއެވެ. މާނައަކީ، ކޮންމެ ދުވަހަކު ނަމާދު ކުރާ މީހަކު ނަމަ، ކަސްރަތުގެ ޙަރަކާތްތައް ހުންނާނީ ކުރެވިފައެވެ. މިމޭރުމުން ރަސޫލާ (ޞ) ޙަދީޘް ކުރައްވާފައިވަނީ ވުޟޫޢު ކުރުމާބެހޭ ގޮތުންނެވެ. ކޮންމެ ދުވަހަކު ފަސްވަގުތު ވުޟޫޢު ކުރާ މީހެއްގައި ނަޖިހެއް ނުހުންނާނެކަން ދޭހަވާ ޙަދީޘްފުޅެއް އޮވެއެވެ. ނަމާދާ ކަސްރަތާ ހުރި ޖިސްމާނީ ގުޅުންވެސް އަޅުގަނޑުގެ ވިސްނުމުގައި ހަމަ އެގޮތެވެ.

ދެން އޮތީ އޭގެ ރޫޙާނީ ބައެވެ. ރޫޙާނީ ބައިގައި ދެބައެއްވެއެވެ. އެއީ، ނަމާދުގައި ކިޔާ ތަކެއްޗާއި އެތަކެތީގެ މާނައާއި، ނަމާދުގައި މާތް ﷲ ގެ ކިބައަށް ކުއްތަންވުމެވެ. ފަހުން މިދެންނެވި ކުއްތަންވުމުގެ ވާހަކަ އެހެން ދުވަހަކަށް ބާއްވަމާ ހިނގާށެވެ. އެއީ، އީމާންތެރިކަމަކީ ގިނަވެ މަދުވާ އެއްޗަކަށްވާތީ، އެމައުޟޫޢާ ނުގުޅުވައި، ނަމާދުގެ ރޫޙާނީ ބައިގެ ތަފްޞީލު ލިޔަން ވެއްޖެނަމަ، އަޅުގަނޑުގެ ވިސްނުން "ލާދީނީ" ކަމަށް ސިފަކުރެވިދާނެތީއެވެ. ލާދީނީ އަކީވެސް ފިސާރި މައުޟޫޢެކެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ މުޤައްރަރުގެ ގްރޭޑް 8 ގެ އިސްލާމް ފޮތުގައި، ނަމާދުގެ ތަޢުރީފެއް ދީފައިވެއެވެ. ނަމާދަކީ، ތަކުބީރަކުން ފެށޭ، ވަކި ޙަރަކާތްތަކެއްގެ މައްޗަށް ބިނާވެފައިވާ، ސަލާމަކުން ނިމޭ، ދުޢާއެކެވެ. ނަމާދަކީ ދުޢާއެކެވެ. ނަމާދުގައި ކިޔާ ތަކެތީގެ ތެރެއިން އެއެއްޗަކާނުލައި، ނަމާދު ފުރިހަމަނުވާ އަސާސީ އެއްޗަކީ އަލްފާތިޙާ ސޫރަތެވެ. ދިވެހިން ކިޔާ ގޮތުންނަމަ އަލްޙަމްދެވެ. ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ފާތިޙާ ސޫރަތަކީ މާތްވެގެންވާ ސޫރަތެކެވެ. އެއީ ސަބްޢުލްމަޘާނީއެވެ. ޤުރުއާނުގެ މަންމައެވެ.

މިއާޔަތް ކިޔާފައި އަޅުގަނޑު ސިކުނޑި އެކި ދިމާދިމާއަށް ދަތުރު ކުރެއެވެ. ނަމާދަކީ ހަމަ ކޮންމެ މުސްލިމަކު ކޮންމެ ދުވަހަކު ފަސްވަގުތު ކުރަންޖެހޭ އެއްޗަކަށް ވެފައި، ނަމާދަކީ ދުޢާއަކަށް ވާއިރު، އެނަމާދުގައި ކިޔަންޖެހޭ ހަމައެކަނި ސޫރަތުގައި ދުޢާއަކަށް ފުދޭ އެންމެ އާޔަތެއް އޮތުމަކީ ހާދަހާ ބޮޑު ޢަޖައިބެކެވެ. އަޅުގަނޑު ނަމާދު ކުރަން އެހޭދަކުރާ މަދު ވަގުތު ކޮޅުގައި (މިސާލަކަށް،) ބަޤަރާ ސޫރަތުގެ ފަހުކޮޅުގައި، މީހަކު ލޮލުން ކަރުނަ ހިލޭހާ ރީތިކޮށް، ފަށުވިކޮށް ހުރި ދުޢާތައް ކިޔަން ލާޒިމު ނުކުރެއްވީ ކީއްވެބާއެވެ. މިކަމުގައި ކޮންމެވެސް ޙިކުމަތެއް އޮންނާނެއެވެ.

މީގެ އިތުރުން، ޤުރުއާނުގެ އެންމެ ސޫރަތެއްގެ އެންމެ އާޔަތަކުންވެސް، މުޅި އުއްމަތް ބަދަލުކުރުމުގެ ޤާބިލުކަން އެބަހުއްޓެވެ. ޤުރުއާން އެހާބޮޑު މުޢުޖިޒާތަކަށްވަނީ އެހެން ވެގެންނެވެ. ޤުރުއާނަކީ، ވިސްނާ ފިކުރު ކުރާ މީހުންނަށް ހުރި ޢިބުރަތެކެވެ. އެއީ ހަމަ ރަނގަޅު ޙަޤީޤީ ވާހަކައެކެވެ.