އޮފްބީޓް

މެސީ ސޮއިކުރި ޖާޒީ ލިބިއްޖެ! ދެން އޮތީ ބައްދަލުވުން!

މީގެ ދުވަސް ކޮޅެއް ކުރިން ސުރުހީތައް އަތުލި އަފްޣާނިސްތާނުގެ ފަސް އަހަރުގެ ކުޑަކުޑަ މުރުތަޒާ އަހުމަދީއަކީ ދުނިޔޭގެ ފުޓްބޯޅަ ތަރި، ލިއޮނަލް މެސީގެ އެންމެ ބޮޑު ސަޕޯޓަރެވެ. އަހުމަދީ މަޝްހޫރުވީ ޕްލާސްޓިކް ކޮތަޅުފެ ޖާޒީއެއް ލައިގެންނެވެ. ދުނިޔޭގެ އެންމެންނަށް ވެސް އެއީ މިހާރު އެނގޭ ވާހަކަ އެކެވެ. އޭނާ ވެސް އެހާ މަޝްހޫރެވެ. ނަމަވެސް މިފަހަރު މިއޮތީ އަހުމަދީގެ އާ ވާހަކައެކެވެ.

އަހުމަދީއަށްވަނީ އޭނާ ދުށް ބިޔަ ބޮޑު ހުވަފެން ހަގީގަތަކަށްވެފަ އެވެ. އޭނާއަށް މެސީގެ ޖާޒީއެއް ލިބުނީ އެވެ. މެސީގެ ސޮއިކޮށްފައިވާ ޖާޒީ އެކެވެ. އެކަމާ އަހުމަދީ މިހާރު ހުރީ އުފަލުން ފޮޅިފަ އެވެ. އެކަމަކު މިއީ އޭނާ އުއްމީދުކޮށްގެން ހުރި ކަމެއް ނޫނެވެ. މެސީ ސޮއި ކުރި ޝަރަފުވެރި މި ޖޯޒީ މި ފަހަރުވެރި ކުޑަކުއްޖާއަށް ފޯރުކޮށް ދިނީ ޔުނިސެފުންނެވެ. ޔުނިސެފުން އަހުމަދީއަށް ދިން ހަދިޔާގެ ސަބަބުން އަހުމަދީ އާއި އޭނާގެ އާއިލާ ވެސް ތިބީ ވަރަށް އުފަލުންނެވެ.

ކުރިން ޕްލާސްޓިކް ކޮތަޅަކުން ޖާޒީއެއް ހަދައިގެން ލައިގެން ކުޅެމުން އައި އަހުމަދީ މިހާރު ފޮޓޯތަކަށް ހުއްޓިލަނީ ފަހުރުވެރިކަމާ އެކު މެސީ ސޮއި ކުރި 10 ނަމްބަރު ޖާޒީ ދައްކަމުންނެވެ.

"އަހަރެން މެސީ ދެކެ ލޯބިވޭ، މި ޖާޒީއިން އެނގެނީ މެސީ ވެސް އަހަރެން ދެކެ ލޯބިވާކަން." އަހުމަދީ ބުންޏެވެ. އޭނާއާއެކު އޭނާގެ ބައްޕަވެސް ވާހަކަ ދެއްކި އެވެ. އަދި ބުންޏެވެ: "ޔުނިސެފުން އަންހެނެއް ގުޅީ އަހަރެމެންނަށް، ގުޅާފައި ބުނީ އަހުމަދީއަށް ވަރަށް އަވަހަށް މެސީގެ ޕެކޭޖެއް ލިބޭނޭ، އަހުމަދީ ހުރީ ވަރަށް އުފަލުން އެ ހަދިޔާ ލިބުމުން،"

މި ފުރިހަމަވީ އަހުމަދީގެ ހުވަފެނުގެ އެއްބައެވެ. ބޮޑު ބައި އަދި އޮތީ އެވެ. އެއީ މެސީއާ ބައްދަލު ކުރުމެވެ. އަހުމަދީގެ މި ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އަފްޣާނިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުންނެވެ. އެ ފެޑަރޭޝަނުން ވަނީ އަހުމަދީގެ މައުލޫމާތު މެސީގެ މެނޭޖްމެންޓް ޓީމާ ހަމައަށް ގެންގޮސްފައެވެ.

"އަހަރެމެން މެސީގެ މެނޭޖްމެންޓް ޓީމަށް ގުޅައިފިން އެމީހުން ތިބީ އަހުމަދީއާ ބައްދަލުކުރަން ބޭނުންވެފައި،" އަފްގާނިސްތާން ފުޓްބޯޅަ ފެޑަރޭޝަންގެ ތަރުޖަމާނު ސައީދު އަލީ ވިދާޅުވި އެވެ. "އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަ ކުރަން މެސީއާ އަހުމަދީ ބައްދަލު ކޮށްދިނުމަށް، ތާރީހަކާއި ތަނެއް އަދި ހަމައެއް ނުޖެހޭ ބައްދަލުކުރާކަށް، އެކަމަކު ވަރަށް އަވަހަށް އަހުމަދީއަށް އޭނާގެ އައިޑޮލްއާ ބައްދަލުކުރަން ސްޕެއިންއަށް ފުރަން ޖެހިދާނެ،"

ސައީދު ވިދާޅުވީ އަހުމަދީ ފުޓްބޯޅައަށް ވަރަށް ލޯބިކުރާ ކަމަށާއި އެކަން ދުނިޔެއަށް ފެނިފައިވާއިރު އަފްގާނިސްތާން ފުޓުބޯޅަ ޓީމްގެ ތެރެއަށް އަހުމަދީ ވައްދަން ތަމްރީނުތައް ވެސް ދޭނެ ކަމަށެވެ.

އަހުމަދީ ދުނިޔެއަށް ދައްކާލައި އޭނާ މަޝްހޫރުކޮށްދިން ކޮތަޅު ޖާޒީ ތައްޔާރުކުރީ އޭނާގެ ބޭބެ އެވެ. ޖާޒީގައި މެސީގެ ނަމާއި ނަންބަރު ވެސް ޖަހައިދިނީ އެ ބޭބެ އެވެ.

"އަހުމަދީއަށް ޕްލާސްޓިކް ކޮތަޅެއް ފެނި އަހަރެން ކައިރިއަށް ދުވެފައި އައި، އޭނާ އެދުނީ އެއިން ޖާޒީއެއް ހަދައިދިނުމަށް،" އަހުމަދީގެ 15 އަހަރުގެ ބޭބެ ބުންޏެވެ. "އަހަރެމެންނަށް މެސީގެ އަސްލު ޖާޒީއެއް ނުގަނެވޭނެ، އެއީ އަހަރެމެންނަށް ހިތަށް ވެސް އެރުވޭނެ ކަމެއް ނޫން، އެވަރަށް އަހަރެމެން އަތަކު ފައިސާއެއް ނެތް، ކޮއްކޮ އުފާކޮށްދިނުމަށް އަހަރެން އެ ޕްލާސްޓިކް ކޮތަޅުން މެސީގެ ޖާޒީ ހަދައިދިނީ،"