ރާއްޖެ ކުޅިވަރު

އޭޝިއަން ކަޕްގެ ފައިނަލް މެޗުގެ މެޗު ކޮމިޝަނަރަކަށް ޝާހިރު ހަމަޖައްސައިފި

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ފައިނަލް މެޗުގެ މެޗު ކޮމިޝަނަރަކަށް ރާއްޖޭގެ ތަޖުރިބާކާރު މެޗު ކޮމިޝަނަރު އަހުމަދު ޝާހިރު ހަމަޖައްސަައިފި އެވެ. މިއީ އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލް އިން ރާއްޖޭގެ މެޗު ކޮމިޝަނަރަކަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއާގައި ހުރެ މިއަދު ފޯނުން "އަވަސް"އާ ވާހަކަދައްކަމުން ޝާހިރު ބުނީ ހޮނިހިރު ދުވަހު ކުޅޭ ފައިނަލް މެޗުން އޭނާ އަށް ޖާގަ ލިބުމަކީ ރަާއްޖެ އަށް ލިބުުނު ރީތި ނަމެއް ކަމަށެވެ.

"އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މެޗުގެ ފައިނަލް އިން ދިވެއްސަކަށް ޖާގަ ލިބުމަކީ ރާއްޖެ ލިބުނު ރީތި ނަމެއް. ދިވެހި ފުޓްބޯޅަ އަށް ލިބުުނު ކުރިއެރުމެއް. ކޮންމެހެން އަޅުގަނޑު ވީމައެއް ނޫން. ކޮންމެ މީހަކަށް މި ފުރުސަތު ލިބުނަސް، އެ ވާނީ ރާއްޖެ އަށް ލިބުނު ރީތި ނަމަކަށް،" ޝާހިރު ބުންޏެވެ.

މި މުބާރާތުގައި ޝާހިރު ވަނީ ތިން މެޗެއްގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. އެއީ ގުރޫޕް ސްޓޭޖުގެ އެއް މެޗާއި ކުއާޓާ ފައިނަލްގެ މެޗެއް އަދި ސެމީ ފައިނަލްގެ މެޗެކެވެ. މި މުބާރާތުގެ ފުރަތަމަ ސެމީގައި އިއްޔެ އިރާގު އަތުން ދެކުނު ކޮރެއާ މޮޅުވި މެޗުގެ މެޗު ކޮމިޝަނަރަކަށް ހުރީ ޝާހިރެވެ. 

އެފްއޭއެމްގެ އިސް މަގާމުތަކެއް ކުރި އަދާކޮށް، ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފައިވާ ޝާހިރު ވަނީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ މެޗު ކޮމިޝަނަރުކަންކޮށްފަ އެވެ. އަދި ޝާހިރު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ކޮމިޝަނަރުކަން 2007 ވަނަ އަހަރު ކޮށްފަ އެވެ. މީގެ އިތުރުން އޭޝިއާގެ ކްލަބު މުބާރާތްތަކުގެ ބޮޑެތި މެޗުތަކުގައި ޝާހިރު ވަނީ މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ.

ހޮނިހިރު ދުވަހު ކުޅޭ ފައިނަލް މެޗުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނާނީ ދެވަނަ ސެމީގައި މިއަދު އޮސްޓްރޭލިއާ އާއި ޔޫއޭއީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.