އަހުމަދު މަހްލޫފު

މަގަށް ކުނި އަޅައިގެން 100 ރުފިޔާއިން މަހުލޫފް ޖޫރިމަނާކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ގ. ދޫވެހީގެ ކުރިމައްޗައް ޑޮލަރު ތަކެއް ގޮތަށް ޗާޕްކޮށްފައި ހުރި ކަރުދާސްތަކެއް އެޅި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް 100ރ. އިން ޖޫރިމަނާކޮށްފި އެވެ.

މަހުލޫފް ޖޫރިމަނާކުރީ އެންވައިރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ.

ޖޫރިމަނާކުރިކަން އަންގާ މަހުލޫފަށް އީޕީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ، އީޕީއޭއަށް ހާޒިރުވުމަށް މަހުލޫފަށް ދިން ހަތް ދުވަހުގެ ތެރޭގައި ހާޒިރުވެފައިނުވުން ގާނޫނުގައިވާ ގޮތުގެ މަތިން 100ރ. އިން ޖޫރިމަނާކުރާ ކަމަށެވެ. ހަތް ދުވަސް ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވެސް އީޕީއޭއިން މަހުލޫފަށް ވަނީ އަންގާފަ އެވެ. ކުނި މެނޭޖް ކުރުމާބެހޭ ގާވާއިދުގައިވާ ގޮތުން މަގު މައްޗަށް ކުނި އަޅައިފިނަމަ އޭގެ އަދަބަކީ ފަސް ރުފިޔާ އާއި 500ރ. ދެމެދުން ޖޫރިމަނާ ކުރުމެވެ.

މަހުލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކުރިމައްޗައް އުކާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯއަކާ އެކު ޑޮލަރު ގޮތަށް ޗާޕްކޮށްފައިވާ ކަރުދާސްތަކެކެވެ.

މި މައްސަލާގައި އީވާ އާއި މަހުލޫފް ފުލުހުންގެ އިދާރާއަށް ވެސް ހާޒިރުކޮށްފައިވެ އެވެ. އެ ދެ މެންބަރުން ފުލުހުންގެ އިދާރާގައި ތިއްބެވީ ހަނެވެ. މި މައްސަލާގައި އީވާއަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.