ހަބަރު

ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ދުންޔާ ބައްދަލުކުރައްވައިފި

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައްދަލުކުރައްވައިފި އެވެ. ދުންޔާ ވަނީ ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަ ރެސެޕްޝަނެއް ބާއްވާފަ އެވެ.

ޔޫއޭއީއަށް ދުންޔާ މިހާރު ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޔޫއޭއީގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް، ދެ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

މީގެއިތުރުން ޔޫއޭއީގެ ރައީސްއާ މި ދަތުރުފުޅުގައި ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. މި ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސިޓީފުޅެއް ޔޫއޭއީގެ ރައީސްއަށް އަރުވާނެ އެވެ.

މި ދަތުރުގައި ދުންޔާގެ އިތުރުން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދު އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ބައިވެރިވެ އެވެ.