ހަބަރު

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ އެކަކުން ފެށިގެން ހުޅުވިގެން ދާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބުނެފި އެވެ. ނަން ހުށަހެޅުމުގެ ފުރުސަތު މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށް ވެސް އެމްއެމްސީއިން ބުނެ އެވެ.

އެމްއެމްސީ އިން ވަނީ މި އަހަރު ހަތް ދާއިރާއަކުން ނޫސްވެރިންނަށް އެވޯޑް ދިނުމަށް ނިންމާފައެވެ. އެމްއެމްސީން ބުނީ ހަތް ދާއިރާއަކުން އެވޯޑު ދޭން ނިންމީ، ނޫސްވެރިކަން ފުޅާކޮށް ވީހާ ވެސް ގިނަ ބަަޔަކަށް އެވޯޑު ދިނުމުގެ މަގްސަދުގަައި ކަމަށާއި ހަތް ދާއިރާއަށް ވެސް ޓީވީ، ރޭޑިއޯ އަދި ޕްރިންޓް/އޮންލައިންގެ ނޫސްވެރިންނަށް ކުރިމަތިލެވޭނެއެވެ.

މިފަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  • ކުޅިވަރު ރިޕޯޓު
  • އިޖުތިމާއީ ރިޕޯޓު
  • ސިޔާސީ ރިޕޯޓު
  • ވިޔަފާރި ރިޕޯޓް
  • ކޯޓު ރިޕޯޓް
  • ފޮޓޯ ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް

އެމްއެމްސީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭނީ "ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމް 2015" ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ. އަމިއްލަ ފަރުދަކަށް ނުވަތަ މުއައްސަސާއަކަށް ވެސް ނޫސްވެރިއެއްގެ ނަން ހުށަހެޅޭނެ އެވެ.

އެމްއެމްސީ އިން މީގެ ދެ އަހަރު ކުރިން ފެށި، ނޫސްވެރިކަމުގެ އެވޯޑަކީ ކޮންމެ އަހަރެއްގެ ވެސް މޭ ތިނެއް ގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަން ދުވަހު ދޭ އެވޯޑެކެވެ.