ހަބަރު

މިނިސްޓަރު ދުންޔާ، ޔޫއޭއީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި މިހާރު އެކުވެރި އަރަބި އިމާރާތަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެ ގައުމުގެ ފޮރިން މިނިސްޓަރު ޝައިހް އަބުދުﷲ ބިން ޒާއިދު އަލް ނަޙުޔާންއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ މިއަދު އެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި މިނިސްޓަރު ދުންޔާ ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސިޓީފުޅެއް ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ ޝައިހް ހަލީފާ ބިން ޒައިދު އަލް ނަޙުޔާނަށް ފޮނުވުމަށް ޝައިހް އަބްދުﷲއާ ހަވާލުކުރައްވާފަ އެވެ.

ދުންޔާ ވަނީ އެކަމަނާ އެގައުމަށް ވަޑައިގެންނެވުމުން އެ ގައުމުގެ ސަރުކާރުން ދެއްވި މެހެމާނުދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ. ދުންޔާ ޔޫއޭއީއަށް ވަޑައިގަތީ ޝައިހް އަބްދުﷲގެ ދައުވަތަކަށެވެ.

ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ދުންޔާގެ އިތުރުން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދު އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ބައިވެރިވި އެވެ.