ރައްޔިތުންގެ މަޖިލިސް

ސީމެގުގެ އެދުންތައް ތަންފީޒު ކުރަން ގޮވާލި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކޮމަންވެލުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން އެޖެންޑާގައި ރާއްޖެ ނުހިމަނައި، ފުރިހަމަ ކުރަން ހުށަހެޅި ކަން ކަން މަޖިލިސް ތެރެއިން ތަންފީޒު ކުރުމަށް އެމްޑީޕީއިން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެމްޑީޕީ ފަރާތުން މި މައްސަލަ ހުށަހަޅަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ހުށަހެޅި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ބަލަން ވޯޓަށް އެހުމުން ފެންނަ ކަމަށް 20 މެމްބަރުން ވޯޓު ދެއްވި އިރު 26 މެމްބަރުން މި މައްސަލައަށް ބަހުސް ކުރަން ބޭނުން ނުވާ ކަމަށް ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއް މެމްބަރެކެވެ.

ކުއްލި މައްސަލަ ހުށަހަޅަމުން ނިޒާރު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ސީމެގުން ބޭއްވި އެކްސްޓްރާ އޯޑިނަރީ މީޓިންގައި، ރާއްޖެއިން މިހާރުން މިހާރަށް ކުރަން މުހިންމު ކަމެއްގައި ފާހަގަ ކުރެއްވި ކަން ކަމުގެ ތެރެއިން ސަރުކާރުގެ އިސްނެގުމުގެ މަތިން ހުރިހާ ސިޔާސީ ޕާޓީތަކާއި އެކު ބިނާ ކުރެނެވި މަޝްވަރާ ކުރުމަށާއި 2018 ވަނަ އަހަރުގެ އިންތިހާބުގައި ބައިވެރި ވެވޭނެ ގޮތަށް ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމް އިތުރަށް ހައްލު ކުރުން ހިމެނެ އެވެ. އަދި ޓެރަރިޒަމްގެ ގާނޫނު ނަހަމު ގޮތުގައި ބޭނުން ނުކުރުމަށާއި ސިވިލް ސޮސައިޓީތައް މިނިވަންކޮށް ކުރި އެރުވުން ފަދަ ކަންތައް މަޖިލީހުގެ ތެރެއިން ތަންފީޒު ކުރުމަށެވެ.

މި މައްސަލަ މަޖިލީހުން ބޭރުކޮށްލި އިރު މިދައުރުގައި އެޕާޓީ ފަރާތުން ހުށަހެޅުނު ދެ ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލައިފަ އެވެ.