ޕީޕީއެމް

އީސީސީގެ ގޮނޑިތައް ބޭނުމެއް ނުކުރަން: ޕީޕީއެމް

ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހުގައި އާއި ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި ބޭނުންކުރާ ރަތްކުލަ އާއި ގަދަ ފިޔާތޮށި ކުލައިގެ ގޮނޑިތަކަކީ އައްޑޫ ސިޓީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހުރި ގޮނޑިތައް ނޫން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ޕީޕީއެމްއިން ބޭނުންކުރަނީ އީސީސީގެ ގޮނޑިތައް ކަމަށް ބުނެ ބަޔަކު ދައްކަމުންދާ ވާހަކަތަކާއި ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުން ފަތުރަމުން ގެންދާ ހަބަރުތަކަކީ އެކަމުގެ ހަގީގީ މައުލޫމާތު ހޯދުމެއް ނެތި ފަތުރާ ދޮގު ހަބަރުތަކެއް ކަމަށެވެ.

"ޕީޕީއެމްގެ އޮފީހުގައި ބޭނުންކުރާ ރަތް ކުލައިގެ ގޮނޑިތަކަކީ 2012 ވަނަ އަހަރުން ފެށިގެން އޮފީހުގައި ބޭނުން ކުރަމުން އަންނަ ޕީޕީއެމްގެ އަމިއްލަ ގޮނޑިތަކެއް،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ޕީޕީއެމްއިން ބުނީ، ޖަލްސާތަކުގައި ބޭނުންކުރާ ގޮނޑިތަކަކީ އެ ޖަލްސާތަކުގައި ބޭނުން ކުރުމަށް ކުއްޔަށް ތަކެތި ދޫކުރާ އަމިއްލަ ކުލީ ބަޔަކުން ކުއްޔަށް ހިފާ ތަކެތި ކަމަށެވެ. އަދި ޕާޓީގެ އެއްވެސް ހަރަކާތެއްގައި އީސީސީގެ އެއްވެސް ގޮނޑިއެއް ނުވަތަ އެހެންވެސް އެ ސެންޓަރަށް ނިސްބަތްވާ އެއްޗެއް ބޭނުންކޮށްފައި ނުވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

"ކަމުގެ ހަގީގަތް ހޯދުމެއް ނެތި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ހަގީގީ މައުލޫމާތު ހޯދައި، ޒިންމާދާރުކަމާއެކު އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެފަދަ ވާހަކަތައް ދައްކާ އެންމެހާ ފަރާތްތަކަށް ޕާޓީގެ ފަރާތުން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.