ހުޅުމާލެ

މާލެ، ވިލިމާލޭގައި މީހުން ވަޅުލުން ހުއްޓާލައި ހުޅުމާލޭގައި ވަޅުލާން ފަށައިފި

މާލެ އަދި ވިލިމާލޭގައި މީހުން ވަޅުލުން ހުއްޓާލައި ހުޅުމާލޭގައި މީހުން ވަޅުލަން ސަރުކާރުން ނިންމި ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

މިއަދުން ފެށިގެން މާލެ އަދި ވިލިމާލޭގައި މީހުން ވަޅުލުން ވަނީ ހުއްޓާލާފަ އެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ހުޅުމާލެ ގަބުރުސްތާނުގައި ވަޅުލަން ނިންމާފައިވާއިރު ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ހެދި އާ ގަބުރުސްތާނުގައި އެއް ފަހަރާ ހަތަރު މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދެވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭގައި ޖަމާއަތްތެރިންގެ ގޮތުގައި ހަރަކާތްތެރިވަމުން ދާނީ މާލޭގެ އާ ސަހަރާ މިސްކިތުގައި މަސައްކަތް ކުރަމުން އައި ޖަމާއަތްތެރިން ކަމަށާއި މީހުން ވަޅުލުމުގެ އުސޫލު ކުރިއަށްދާނީ މިހާރުވެސް ކުރިއަށްދާ އުސޫލުން ކަމަށެވެ. އަދި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެއަށް ގެންދިއުމުގައިވެސް ގެންގުޅޭނީވެސް އެއް އުސޫލެއް ކަމަށެވެ.

އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ އައިޖީއެމްއެޗްގައި މަރުވާ މީހުން އެމްބިއުލާންސްގައި މައްޔިތާ އުފުލާ ފެރީ އޮންނަ، ނަސަންދުރާ ކުރިމައްޗަށް 60ރ. އަށް ގެންގޮސްދޭނެ ކަމަށެވެ. އަދި މައްޔިތާ ފެރީގައި ހުޅުމާލެ ސަހަރާއަށް ގެންގޮސްދިނުމަށް ނަގާނީ 608ރ. ކަމަށާއި ހުޅުލެއިން ވެހިކަލެއްގައި ސަހަރާއަށް ގެންގޮސްދިނުމަށް ނަގާނީ 160ރ. ކަމަށެވެ. އަދި އާސަންދައިގެ ދަށުން ކަށުކަމާކެމީގެ ކަންތައްތައް ކުރަން ބޭނުންވާ ފަރާތްތަކަށް އާސަންދައިގެ ދަށުން މިކަންތައްތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

ބާރަ އަހަރުގެ މުއްދަތަށް އަމާޒުކޮށްގެން ހެދި މި ސަހަރާގައި ކުޑަ ނަމާދު ކޮޓަރިއަކާއި އަންހެނުންނަށް ހާއްސަ ވެއިޓިން ރޫމެއް ވަނީ ގާއިމްކޮށްފަ އެވެ.

އެމްޓީސީސީން މިއަދު ބުނީ މައްޔިތާ ހުޅުލެއަށް ފެރީގައި ގެނެސްދޭ އިރު މި ފެރީގެ ހިދުމަތް 24 ގަޑިއިރު ދޭނެ ކަމަށެވެ. އަދި ފެރީއަށް އެރޭނީ އެމްބިއުލާންސް އަށް މީހުންނަށް އެރޭ އަދަދަަށް ކަމަށާއި މި ފެރީގައި އެންމެ ގިނަވެގެން ގެންދެވޭނީ ދެ މައްޔިތުން ކަމަށެވެ. އަދި މައްޔިތާގެ އާއިލާގެ މީހުންނަށް ހުޅުމާލެ ފެރީ ބޭނުން ކުރެވޭނެ ކަމަށެވެ.

މައްޔިތުން ހުޅުމާލެއަށް ގެންދަން ދެ ފެރީ ބޭނުންކުރާނެ ކަމަށާއި މައްޔިތާ ނިޔާވުމުން ހޮސްޕިޓަލުން ފެރީ އިންތިޒާމް ކުރުމުގެ މަސައްކަތް ކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހުޅުމާލެއަށް އާއްމުން ދަތުރުކުރާ ފެރީ ނޯންނަ ވަގުތު ތަކުގައިވެސް އާއިލާ އިން ރިކުއެސްޓު ކުރުމުން ފެރީގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެ އެވެ.

އެޗްޑީސީން ބުނީ މި ސަހަރާގެ މިސްކިތް އަދި ނުނިމޭ ކަމަށާއި ކުރިއަށް މިއޮތް މަހެއް ނުވަތަ ދެމަސް ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިމެންދެން ހުޅުމާލެ ވަގުތީ މިސްކިތް ޖަނާޒާގެ ކަންތައްތަކަށް ބޭނުންކުރެވޭނެ ކަމަށެވެ. އަދި މައްޔިތާ ގެންގޮސް ގެނެސްދޭނީ އެޗްޑީސީން ކަމަށެވެ.

ހަތަރު ލޭޔާ އަކަށް މީހުން ވަޅުލައިގެން 12 އަހަރުގެ މުއްދަތަކަށް މި ސަހަރާ ބޭނުން ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.