ރައްޔިތުންގެ މަޖިލިސް

ޕޭމަންޓް ސިސްޓަމް ބިލު ބަލައިގެންފި

ސަރުކާރު ފަރާތުން ހުށަހެޅި ޕޭމަންޓް ސިސްޓަމްގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ. ބިލް ބަލައިގަތީ ހާޒިރުވީ މެމްބަރުންގެ އިއްތިފާގުންނެވެ.

ވިލިފުށީ ދާއިރާ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅި ބިލު ފާސްވުމަށް 27 ވޯޓު ބޭނުންވާއިރު މަޖިލީހަށް ހާޒިރުވީ މެމްބަރުންގެ ތެރެއިން 52 މެމްބަރުން ބިލަށް ތާއީދު ކުރެއްވި އެވެ. އެހެން ކަމުން މަޖިލީހަށް ހާޒިރުވީ މެމްބަރުންގެ އިއްތިފާގުން ބިލު ބަލައިގަނެ މިހާރު ވަނީ އިގްިސޯދީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ބިލު ހުށަހަޅަމުން ރިޔާޒް ރަޝީދު ވިދާޅުވީ ޕޭމަންޓް ސިސްޓަމް ބިލަކީ ރާއްޖޭގެ ބެންކުތަކުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި މުހިންމު ބިލެއް ކަމަށާއި އެގޮތުން އެއް ބޭންކު އަނެއް ބެންކާއި އަދި ބެންކާއި އެމްއެމްއޭގެ އިތުރުން ހުރިހާ ބެންކުތަކާއި އެމްއެމްއޭއާ ދެމެދު ހިނގައި ޓްރާންސެކްޝަންތައް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

"މިސަރުކާރު އައިފަހުން އެމްއެމްއޭގެ ކަންތައްތައް ހަރުދަނާ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފި. އެގޮތުނ މިއަދު މި ހުށަހެޅި ބިލަކީ ވެސް ދުނިޔޭގެ އެހެން ތަހުޒީބު ގައުމުތަކުގައި ވެސް އަމަލު ކުރަމުންދާ އުސޫލެއް. އަދި މި ބިލް އެކުލަވައިލީ އައިއެމްއެފްގެ ފަންނީ އެހީތެރިކަމާއި އެކުގައި،" ރިޔާޒް ރަޝީދު ވިދާޅުވި އެވެ.

ޕޭމަންޓް ސިސްޓަމް ބިލަށް ބަހުސް ކުރަން މަޖިލީހުގެ ރައީސް ތިން ގަޑިއިރުގެ ވަގުތެއް ދެއްވި ނަމަވެސް އެކަމަށް ބަހުސް ކުރެއްވީ ހަމައެކަނި ޕީޕީއެމްގެ ދެ މެމްބަރުންނާއި އެމްޑީޕީގެ ދެ މެމްބްރުންނެވެ. އަދި މި ހަތަރު މެމްބަރުން ވެސް ވަނީ ބިލަށް ތާއީދު ކުރައްވާފަ އެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހުރިކަން މިމެމްބަރުން ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ އެތެރޭގަ އާއި ބޭރުގައި ފައިސާގެ މުއާމަލާތްތައް ހިނގަމުން ދާއިރު ޕޭމަންޓް ގޭޓްވޭތައް އުފެދިގެން ދިޔުމަކީ މުހިންމު ކަމެއް ކަމަށާއި އެހެން ނަމަވެސް އެމްއެމްއޭ އަށް ޕޭމަންޓް ގޭޓްވޭއާ ބެހޭ ހުރިހާ ކަމެއް ކުރަން ޖެހޭ ނަމަ ސީއެމްޑީއޭ އަށް ހަވާލު ކުރެވިގެންދާ މައްސޫލިއްޔަތުން ވެސް ބައެއް އެމްއެމްއޭއަށް ބަދަލުވެގެންދާނެ ކަމަށެވެ.

"އެހެ ކަމުން މިހާރު މި އިން އިންފާރު ނައްތާލަފައި އަލުން ހުރިހާ ކަމެއް ކުރަން ޖެހޭނީ އެއް އިދާރާ އަކުން ކަމަށް ގަބޫލު ކުރެވޭ ކަމަށްވާ ނަމަ ސެކިއުރިޓީސް އާ ބެހޭ ގާނޫނު އުވާލަން ޖެހޭނެ. އެހެން ކަމުން އެކަން އަލުން ބަލާ ކޮމިޓީގައި ވާހަކަ ދައްކާ މިކަން ކަން ބަދަލު ކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޕޭމަންޓް ސިސްޓަމްގައި ބައިވެރިވާ އެކި ފަރާތްތަކުން ހިޔާނާތްތެރިވުމުން އަމަލު ކުރަން ޖެހޭ ގޮތެއް މި ބިލުގައި ތަފްސީލުކޮށް ބަޔާން ކޮށްފައި ނެތް ކަމަށާއި މިޒަމާނުގައި ފައިސާގެ ބަދަލުގައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އެއްބެންކުން އަނެއް ބެންކަށް މުއާމަލާތް ކުރާ އިރު، ސިސްޓަމް ރެގިއުލޭޓް ކުރުމުގައި އެކި ބެންކުތަކަށް މުއާމަލާތް ކުރުމުގައި ހުންނަން ޖެހޭ ހަރުދަނާ ކަމާއި އަމަލު ކުރަން ޖެހޭ ގޮތްތަކާއި އަދި އެކަންތަކާއި ހިލާފު ވުމުން އަމަލު ކުރަން ޖެހޭ ގޮތް ބަޔާން ކޮށްފައި އޮންނަން ޖެހޭ ކަމަށެވެ.