އަހުމަދު ނިހާން ހުސައިން މަނިކު

ރާޅާއަޅާ މީހުންނަށް ނިހާން އުފާވެރި ހަބަރެއްދީފި

މާލޭގެ ލޮނު ޒިޔާރަތްކޮޅުގެ ރާޅުގަނޑުގައި ރާޅާ އަޅާ މީހުނަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު އުފާވެރި ހަބަރެއް ދީފި އެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާޅާ އެޅުންތެރިންނަށް ބޭނުން ވަނީ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ރައީސް އަބްދުﷲ ޔާމީން ކ. ތަނބުރުދޫގައި ގާއިމުކުރައްވާނެ ކަމަށެވެ.

ނިހާން މިހެން ވިދާޅުވެފައިމިވަނީ، ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުން ރާޅުގަނޑު ސަރަހައްދު ކިލަނބުވެ ރާޅު ނެގުން މަދުވެފައިވާތީ، ރާޅާ އެޅުންތެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އިއްޔެ ރާޅުގަނޑު ސަރަހައްދުގައި ރާޅާ އެޅުންތެރިން ކުރި އިހުތިޖާޖުގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އިއްޔެ ހަވީރު ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ރާޅުގަނޑަށް ގެނައި ބާޖު ކައިރިއަށް ރާޅާ އެޅުންތެރިން ވަނީ ފަތާފައި ގޮސް އަޑު އުފުލާއި ބްރިޖްގެ މަސައްކަތްތަށް ހުރަސް އަޅާފަ އެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ އެމީހުން އެތަނުން ފޮނުވާލާފަ އެވެ.

ހައުސިން މިނިސްޓްރު ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ރާޅާ އެޅުންތެރިންނަށް ރަނގަޅު ގޮތެއް ހައްދަވައިދޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. މުއިއްޒު ވިދާޅުވެފައިވަނީ، ބްރިޖް މަޝްރޫއުގެ ވަކި ހިސާބަކުން ރާޅުގަނޑު ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ރާޅާ އެޅުންތެރިންނަށް މަޝްރޫއު ނިމެންދެން، މާލެއާ ދުރު ނޫން އެހެން ސަރަހައްދަކުން ރާޅާ އެޅޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އިއްޒު ވިދާޅުވީ، ސިޔާސީ ވިސްނުމެއްގައި ގައުމީ މަޝްރޫއުތަކަށް ހުރަސް އެޅުމަށް ކުރާ ކަންތައްތައް ހުއްޓާލުމަށްޖެހޭ ކަމަށެވެ. އަދި އެންމެން ވެސް ފުރަތަމަ ގައުމު އިސްކުރުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.