ހަބަރު

ޕާޓްނަޝިޕް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގެންފި

ސަރުކާރު ފަރާތުން ހުށަހެޅި ޕާޓްނާޝިޕް ގާނޫނަށް އިސްލާހު ގެނެއުމުގެ ބިލު ބަލައިގެންފި އެެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅި މި ބިލު ފާސް ވުމަށް 22 ވޯޓު ބޭނުންވާ އިރު މަޖިލީހަށް ހާޒިރުވި މެމްބަރުންގެ ތެރެއިން 41 މެމްބަރަކު ބިލަށް ތާއީދު ކުރެއްވި އެވެ. އަދި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއް މެމްބަރެކެވެ. ޕާޓްނާޝިޕް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިހާރު ވަނީ މަޖިލީހުން ބަލައިގަނެ އިގްތިސޯދީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ޕާޓްނާޝިޕް ގާނޫނުގައި ބުނެފައިވާ ގޮތުން ކުންފުނީގައި ތިބެވޭނީ ގިނަ ވެގެން 20 ޕާޓްނަރުންނަށެވެ. ނަމަވެސް އެކަން އިސްލާހު ކުރުމަށް ޖަމީލު ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ ޕާޓްނާޝިޕެއްގައި އެންމެ ގިނަވެގެން ހިމެނޭ ޕާޓްނަރުންގެ އަދަދު ޕާޓްނާޝިޕްގެ އެއްބަސްވުމެއްގައި ބަޔާން ކުރަންވާނެ ކަމަށެވެ.

އަދި ގާނޫނުގައި ޕާޓްނާޝިޕެއްގައި މެނޭޖިން ޕާޓްނަރެއް ހުންނަން ޖެހޭ ކަމަށް ބުނެފައިވާ އިރު މި އިސްލާހުގައި ވަނީ ލިމިޓަޑް ލައިބިލިޓީ ޕާޓްނާޝިޕެއްގެ މެނޭޖިން ޕާޓްނަރަކަށް ތާބިއީ ޝަހްސެއް ނުވަތަ ގާނޫނީ ޝަހްސެއް އައްޔަން ކުރެވިދާނެ ކަމަށެވެ.

މި އިސްލާހު ގެނައުމަށް މެންބަރުން ބަހުސް ކުރައްވާފައިވާ އިރު އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އިން ވަނީ މި ބިލަށް ތާއީދުކޮށްފަ އެވެ. އެހެން ނަމަވެސް ބައެއް އެމްޑީޕީ މެމްބަރުން ބިލުގައި އިސްލާހު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރި އިރު އަނެއްބައި މެމްބަރުން ބިލާއި ދެކޮޅަށް ވާހަކަދައްކާފަ އެވެ.