ހަބަރު

މިއަދަށް ތާވަލުކުރި އަދީބު، ޒިޔަތު އަދި ހާމިދުގެ ޝަރީއަތް ކެންސަލް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ. ކެންސަލްކުރި ސަބަބެއް ކްރިމިނަލް ކޯޓުން ނުބުނެ އެވެ. ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މެންދުރުފަހު ދެއެއް ޖަހާއިރަށެވެ.

ހިޔާނާތުގައި ބައިވެރިވިކަމުގެ ދައުވާ އަދީބާއި ހާމިދުގެ މައްޗަށް އުފުލާފައިވާއިރު އެ ދައުވާ އުފުލާފަިއވަނީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ޅ. މާބިންހުރާ، ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައެވެ. މި މައްސަލާގައި ޒިޔަތުގެ މައްޗަށް އުފުލާފައިވަނީ ހިޔާނަތްތެރިވި ކަމުގެ ދައުވާއެވެ.

މި މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޒިޔަތާއި އަދީބު ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފަ އެވެ. ހާމިދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީ އިން ގެއްލުނު 1.22 ބިލިއަން ރުފިޔާގެ ތެރެއިން، ވަރަށް ގިނަ އަދަދެއްގެ ފައިސާ ވަނީ، ހާމިދު ސޭޓްގެ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ އެކައުންޓްތަކަކަށް ވެސް ގޮސްފަ އެވެ. އަދި އެމްއެމްޕީއާރުސީއަށް ޗެކްތައް ޖަމާކުރުމުގެ ބަދަލުގައި އެހެން އެކައުންޓްތަކަށް ޗެކްތައް ޖަމާ ކުރީ އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތު އެންޑޯސް ކުރައްވައިގެންނެވެ.