ސުޕްރީމް ކޯޓް

ރާއްޖޭގެ ޝަރުއީ ދާއިރާ ހިންގަނީ އެމްނެސްޓީ ރުއްސާކަށް ނޫން: ސުޕްރީމް ކޯޓް

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ރާއްޖޭގެ ހާލަތު ކަމަށް ބުނެ އެކުލަވާލި ރިޕޯޓަށް ސުޕްރީމް ކޯޓުން ރައްދު ދީ ރާއްޖޭގެ ޝަރުއީ ދާއިރާ މަސައްކަތްކުރަނީ އެމްނެސްޓީ ރުއްސަން ނޫން ކަމަށް ބުނެފި އެވެ. އިނގިރޭސި ބަހުން ނެރުނު ބަޔާނެއް މެދުވެރިކޮށް ސުޕްރީމް ކޯޓުން ބުނެފައިވަނީ އެމްނެސްޓީއިން ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ރިޕޯޓްގައި ހިމަނާފައިވާ ކަމަށެވެ.

އެމްނެސްޓީއިން ނެރުނު ރިޕޯޓްގައި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮންނަ ނުފެންނަ ކަމަށް ނިންމާ، އެ ކޮމިޝަން މިނިސްޓްރީއެއްގެ ގޮތުގައި ހިންގާ ސްޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްނެސްޓީއިން ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވާ ކަމަށް ބުނެ ރިޕޯޓް ކޮށްފައިވަނީ ހަގީގަތާ މުޅިން ހިލާފަށް ކަމަށެވެ.

މީގެއިތުރުން އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތު ކުރުކޮށްފައިވާ ކަމަށް ބުނެ، އެކަމުގައި އެމްނެސްޓީއިން ހަގީގަތް އޮޅޭ ގޮތަށް ރިޕޯޓްގައި މައުލޫމާތު ހިމަނާފައިވާ ކަމަށް ސްޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

"... އެމްނެސްޓީގެ ރިޕޯޓްގައި ރާއްޖޭގެ ކޯޓުތަކުން ހުކުމް ކުރަނީ ސިޔާސީ ގޮތުން ކަމަށް ބުނެފައިވޭ، ޝަރީއަތްތައް އިންސާފުވެރި ނޫން ކަމަށް ބުނެފައިވޭ، މިއީ ދޮގު މައުލޫމާތު، ހުކުމާ މެދު ހިންމަނުޖެހޭ ނަމަ އެ ހުކުމެއް ހައިކޯޓުގައި އަދި އެއަށްފަހު ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ރާއްޖޭގައި އޮތްކަން ހާމަކޮށްދިނުމުގައި އެމްނެސްޓީއިން ވަނީ ފެއިލްވެފައި،" ބަޔާނުގައިވެ އެވެ.

"ރާއްޖޭގެ ޝަރުއީ ނިޒާމް ހިންގާއި، ކަންކަން ނިންމަން ޖެހެނީ އެމްނެސްޓީ ހިންގަމުންދާ މީހުން ހިތް ރުހޭ ގޮތަކަށް ނޫން،"

ރާއްޖޭގެ ކޯޓުތަކުން ގާނޫނީ ބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި ގާނޫނު ކުރިމަތީ އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ބަޔާނުގައިވެ އެވެ. "ރާއްޖޭގެ ޝަރުއީ ނިޒާމް ސިޔާސީ ފަރާތްތަކަށް ވަކިން ހާއްސަ ގޮތެއް ނުގެންގުޅޭނެ، އަދި އެމީހުން ގާނޫނުގެ މަތީގައި ބޭއްތިބުމަށް ވެސް އެއްވެސް ކަމެއް ނުކުރާނެ،"

ސްޕްރީމް ކޯޓުން ބުނީ އެ ކޯޓަކީ ރާއްޖޭގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ އެންމެ މަތީ ފަރާތް ކަމަށާއި އެ ކޯޓުން ހުރިހާ ފިޔަވަޅެއް ވެސް އަޅަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށެވެ. އަދި އެ ކޯޓުން އަޅާ ފިޔަވަޅުތަކަކީ އެ ކޯޓަށް ލިބިދޭ ބާރުގެ ދަށުން އަޅާ ފިޔަވަޅުތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.