ވިޔަފާރި

މުދަލާއި ހިދުމަތުގެ އަގު މިދިޔަ މަހު 0.10 ޕަސެންޓް ދަށަށް!

  • އަގުތައް އެންމެ ދަށްވީ ތެލުގެ
  • މައްޗަށް ދިޔައީ ކުލީ ކޮޓަރީގެ
  • އަހަރު ދުވަހަށް ބަލާއިރު އަގުތައް މަތި

މިދިޔަ މަހު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު 0.10 ޕަސެންޓް ދަށަށް ގޮސްފި އެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކާ ބެހޭ މައި އިރާދާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ބާޒާރުގެ އަގުތަކަށް އައި ބަދަލު ނުވަތަ އިންފްލޭޝަން، ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.52 ޕަސެންޓުގަ އެވެ. އަދި މަހުގެ އަގަށް އައި ބަދަލު ނުލައި ބަލާނަމަ ޖެނުއަރީ މަހުގެ އިންފްލޭޝަން ރޭޓްހުރީ 0.01 ޕަސެންޓުގަ އެވެ. މިއަދަދު ޑިސެމްބަރު މަހު ހުރީ 0.15 ޕަސެންޓުގަ އެވެ.

ޖެނުއަރީ މަހު އަގު ދަށަށް ދިޔަ ބާވަތްތައް

  • ތަރުކާއީގެ ބާވަތްތައް (7.59 ޕަސެންޓް )
  • މަހުގެ ބާވަތްތަކުން (1.52 ޕަސެންޓް)
  • ކަރަންޓުގެ އަގު (1.30 ޕަސެންޓް )
  • ޕެޓްރޯލާއި ޑީސަލް (9.94 ޕަސެންޓް)
  • ރިސެޕްޝަނަށް ބޭނުންކުރާ ސާމާނު (1.87 ޕަސެންޓް)
  • ދުންފަތުގެ ބާވަތްތައް (0.33 ޕަސެންޓް)
  • ޕެލާއި ޕެޓްގެ ބާވަތްތައް (0.73 ޕަސެންޓް)
  • ޕާނާއި ސީރިއަލް (0.14 ޕަސެންޓް)

ތަފާސް ހިސާބުތަކާ ބެހޭ މައި އިރާދާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ޕެޓްރޯލާއި ޑީސަލްއިންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ވެއްޓުމާއެކު ރާއްޖޭގައިވެސް ވަނީ ތެލުގެ އަގު ވަަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ޑީސަލް ލިޓަރަކުން އެއް ރުފިޔާ، އަދި ޕެޓްރޯލް ލިޓަރަކުން 1.20ރ. ހެޔޮކޮށްފަ އެވެ. މި ބަދަލާއެކު ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 9.80ރ. އަށް ހެޔޮވެފަ އެވެ. އަދި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 10ރ. އަށެވެ.

މިދިޔަ މަހު އަގުތައް މަތިވި ބާވަތްތައް

  • ސާނަވީ ތައުލީމް (ތިން ޕަސެންޓް)
  • މޭވާގެ ބާވަތްތައް (3.45 ޕަސެންޓް)
  • ޕްރީ ސްކޫލް އަދި ޕްރައިމަރީ ތަޢުލީމް (5.62 ޕަސެންޓް)
  • ގޭގެ ކުލި (0.31 ޕަސެންޓް)
  • ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު (1.37 ޕަސެންޓް)
  • ބިހާއި ޗީޒް އަދި ކިރުގެ ބާވަތްތައް (0.48 ޕަސެންޓް)
  • ދުވަހުކުއްޔަދޭ ތަންތަން (15.85 ޕަސެންޓް)
  • ސިއްހީ ހިދުމަތުގެ ބައިން ބޭހުގެ ބާވަތްތައް (0.59 ޕަސެންޓް)
  • މަތީތައުލީމް (8.13 ޕަސެންޓް)
  • ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނު (0.17 ޕަސެންޓް)
  • ވައިގެމަގުން ކުރާ ދަތުރުތައް (1.66 ޕަސެންޓް)

މި ހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑަށް އަގުތައް މަތިވެފައިވަނީ ދުވަހު ކުއްޔަށް ދޭ ކުލީ ކޮޓަރީގެ އަގުތަކެވެ. ދުވަހު ކުއްޔަށްދޭ ތަންތަނުގެ އަގުތައް ވަނީ 15.85 ޕަސެންޓް މަތިވެފަ އެވެ.

ތަފާސް ހިސާބުގެ މައި އިރާދާއިން ބުނި ގޮތުގައި މި އަދަދު އަހަރު ދުވަހަށް ބަލާނަމަ ވަނީ ގާތްގަނޑަކަށް 1.04 ޕަސެންޓު އިތުރުވެފަ އެވެ. އަދި 2014 ޑިސެމްބަރުން 2015 ޑިސެމްބަރު މަހާ ހަމައަށް ބަލާނަމަ މި އަދަދު އުޅެނީ 0.85 ޕަސެންޓް މަތީގަ އެވެ.