ރާއްޖެ ކުޅިވަރު

މާޒިޔާގެ މެއިން ސްޕޮންސާއަކަށް އޭޑީކޭ، ކޯ ސްޕޮންސާ އަކަށް ޓީސިޕްސް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މެއިން ސްޕޮންސާ އަކަށް އޭޑީކޭ ގުރޫޕް އޮފް ކޮމްޕެނީސް ހަމަޖައްސައި، ސްޕޮންސާޝިޕް އެގްރީމަންޓްގައި މިއަދު މެންދުރު ސޮއިކޮށްފި އެވެ. އަދި އެ ކުންފުނިން މާކެޓްކުރާ ސައިފަތް ބްރޭންޑެއް ކަމަށްވާ ޓީސިޕްސް ވަނީ އެ ކްލަބުގެ ކޯ ސްޕޮންސާއަކަށް ހަމަޖައްސައި، އެ ސްޕޮންސާޝިޕް އެގްރީމަންޓްގައި ވެސް ވަނީ މިއަދު ސޮއިކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި މާޒިޔާގެ ފަރާތުން ސްޕޮންސާޝިޕް އެގްރީމަންޓްގައި ސޮއިކުރެއްވީ އެ ކްލަބުގެ ޗެއާމަން އަހުމަދު ސާޖިދެވެ. އޭޑީކޭ ގުރޫޕްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލެވެ. މިއީ އެއް އަހަރު ދުވަހުގެ ސްޕޮންސާޝިޕެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޒިޔާގެ މެނޭޖަރު އިބްރާހިމް ވަހީދު ބުނީ އޭޑީކޭ އަކީ މާޒިޔާ އަށް އަބަދު ވެސް އެހީތެރިވަމުން އަންނަ ކުންފުންޏެއް ކަމަށާއި ހާއްސަކޮށް އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އަކީ މާޒިޔާ އުފެދުނީންސުރެ އެ ކްލަަބަށް އެހީތެރިވަމުން އަންނަ ބޭފުޅެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ފަރާތައް ވެސް ފައިދާ ކުރާނެ ކަމަށެވެ.

"ނާޝިދަކީ މާޒިޔާ އުފެދުނީންސުރެ މި ކްލަބާ ވަރަށް ގާތް ގުޅުމެއް ބާއްވައި، މި ކްލަަބަށް އެހީތެރިވަމުން އަންނަ ކުޅުންތެރިއެއް. ކްލަބަށް ނާޝިދު ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރަން،" ވަހީދު ބުންޏެވެ. "މިއީ ދެ ފަރާތަށް ވެސް ފައިދާވާނެ ސްޕޮންސާޝިޕެއް. މިސާލަކަށް އޭޑީކޭގެ ޕްރޮމޯޝަނަލް ހަރަކާތްތަކުގައި އަޅުގަނޑުމެންގެ ސްޓާ ޕްލޭޔަރުން އޭޑީކޭ އަށް ބޭނުންކުރެވޭނެ."

އައްފާލް ވިދާޅުވީ މާޒިޔާ އިން ފާއިތުވި އަހަރުތަކުގައި ހޯދައިފައިވާ ކާމިޔާބީތަކަކީ މި އަހަރު ވެސް އެ ކްލަބަށް އެހީތެރިވުމަށް އޭޑީކޭ އިން ނިންމި އެއް ސަބަބު ކަމަށެވެ. އަދި މި އަހަރު ވެސް އެ ކްލަބުން ރަނގަޅު ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މާޒިޔާގެ ކޯ ސްޕޮންސާއަކަށް ޓީސިޕްސް ހަމަޖައްސައި، މިއަދު ގަލޮޅު ދަނޑުގައި އޮތް ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. މާޒިޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކްލަބުގެ ފައިނޭންޝަލް ޑައިރެކްޓަރު ފާތިމަތު ޝާއިރާ އެވެ. އޭޑިކޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ފަޒްލާ ހަސެނެވެ.

ފުރަތަމަ ޑިވިޝަންގައި 2007 ވަނަ އަހަރުން ފެށިގެން ވާދަކުރަމުންދާ މާޒިޔާ އިން ވަނީ މިހާރު ކުރިއަށްދާ ޕީޕަލްސް ކަޕްގެ ފައިނަލް އިން ޖާގަ ހޯދައިފަ އެވެ. މާދަމާ ރޭ ކުޅޭ މުބާރާތުގެ ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ މެލޭޝިއާގެ ޕީޑީއާރްއެމް އެވެ.