އޮފްބީޓް

އެންމެން ދަންނަ ފޮޓޯއެއް! އެންމެނަށް ނޭނގޭ ވާހަކައެއް!

މަހެއްހާ ދުވަސް ކުރި އެވެ؛ ކުއްލިއަކަށް ދުނިޔެ ސިއްސުވާލީ މަދިރީގެ ސަބަބުންޖެހޭ ބައްޔެއްގެ ވާހަކައިންނެވެ. "ޒިކާ" ގެ ހަބަރުން ދުނިޔެ ބިރު ގަންނަވައިލީ އެ ބަލީގައި ތުއްތު ކުދިންނަށް ކުރާ ނުބައި އަސަރެއްގެ ސަބަބުންނެވެ. އެއީ މައިކްރޯސެފަލީ އެވެ. މައިކްރޯސެފަލީއަކީ ކުއްޖާ ވިހާއިރު އުމުރާ އެއްވަރަށް ސިކުނޑި އުފެދިފައި ނުވުމެވެ. އެ އުނިކަން ތުއްތުކުއްޖާއަށް ސީދާ ދިމާވަނީ ޒިކާގެ ސަބަބުން ކަން ކަށަވަރަށް ހޯދިފައިނުވި ނަމަވެސް މިހާތަނަށް ބެލެވެނީ އެއީ ޒިކާގެ ނުރައްކާކަން ކަމަށެވެ.

ހަގީގަތުއި ދައްކަން އޮތީ ޒިކާ ނުވަތަ މައިކްރޯސެފަލީގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ ލޮލުގައި ޒިކާ ވައިރަސް އަޅައިގަތް ފޮޓޯއެއްގެ ވާހަކަ އެވެ. މި ފޮޓޯ ނުފެންނަ މީހަކު މިހާރު މަދުވާނެ އެވެ. ޒިކާއާ ގުޅޭ އެތަކެއް ހާސް އިލްމީ ލިޔުމާއި ހަބަރާއި ރިޕޯޓްތަކުގައި އެ ފޮޓޯ ބޭނުންކުރި އެވެ. ރާއްޖޭގެ މީޑިއާގައި ވެސް އެންމެ ހިނގި ފޮޓޯއަކަށްވީ މި ފޮޓޯ އެވެ. އެހެންކަމުން ފޮޓޯއާއި އެއިން ފެންނަ ތުއްތު ކުއްޖާގެ ވާހަކަ ދައްކާލުން ކިހިނެއް ހެއްޔެވެ؟

އެއޮއްބޮޑު ބީބީސީއަށް އެއޮއް ކުޑަކުޑަ، އުމުރުން ހަތަރު މަހުގެ ފިރިހެން ކުއްޖާގެ ވާހަކަ ކިޔައިދިނީ އެ ކުއްޖާގެ މަންމަ އެވެ. އެ މަންމަގެ ބަނޑުން ތުއްތު، ޖޯސޭ ވީސްލޭ ދުނިޔޭގެ އަލިކަން ދުށީ ޒިކާ ވައިރަސް ދުނިއަށް "ވިހައި" ދެކުނު އެމެރިކާގެ ބްރެޒިލަށް ފެތުރިގަނެ ވަކި ހިފާލާފައި އޮއްވައެވެ.

"އަހަރެން މި ދަރިފުޅަށް ބަނޑުބޮޑުއިރު ޒިކާ ވައިރަސްގެ އަސަރު އަހަރެންނަށް ކުރި، ހަށިގަނޑުގައި ރަތް ލަތްތަކެއްޖެހި އަދި ގައިގާ ވަރަށް ބޮޑަށް ރިއްސި، އޭރު ވެސް އެންމެން ދައްކަނީ ޒިކާ ވައިރަސްގެ ވާހަކަ،"

"ދަރިފުޅު ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު، އަހަރެންނަށް އެންމެ ފުރަތަމަ ނޭނގޭ ދަރިފުޅުގެ މައްސަލައެއް ހުރި ކަމެއް، އުނި ކަމެއް ހުރި ކަމެއް، ދަރިފުޅު ވިހެއީ ދުވަސް ނުފުރާ ކަމުން މާބޮޑަށް ފާހަގައެއް ނުކުރެވުން، އެހެން މީހަކަށް ވެސް އެއްވެސް ޝައްކެއް ނުވޭ،" ޖޯސޭގެ މަންމަ، ސްލާންޖް ބުންޏެވެ.

ޖޯސޭ އަށް ދެ މަސް ވީއިރު އޭނާގެ ކިބައިން ތަފާތު ތަކެއް ފެންނާތީ ދަރިފުޅު އުރާލައިގެން ސްލާންޖް ސިއްހީ މަރުކަޒަކަށް ދިޔަ އެވެ. ޖޯސޭގެ ސިކުނޑީގައި އުނިކަމެއް ހުރިކަން ފާހަގަވެ، ސްލާންޖް ރޮއްވާލީ އެހިސާބުންނެވެ. އަދި އެހިސާބުން އެހެން ކުދިންނަށްވުރެ ޖޯސޭގެ ހަރަކާތްތައް ތަފާތުވެފައި ހަރަކާތް މަދުކަން ވެސް ސްލާންޖްއަށް ފާހަގަކުރެވުނެވެ.

"ދަރިފުޅުގެ ކުޑަ ކުޑަ އަތް ހުޅުވާލައި، ފައި ވެސް ހަރަކާތްކޮށްލާނެ... އަދި ވަރަށް ރޮއިހަދާ، އަހަރެންގެ އެހެން ކުދިން އެ އުމުރުގައި އެވަރަކަށް ނުރޮއެ،"

މަޝްހޫރުވެ އެންމެނަށް ދަސްވެފައިވާ ޖޯސޭގެ ފޮޓޯގައި އޭނާ އިންނަނީ ކުޑަ ބާލިދީއެއްގެ ތެރޭގައި ފެންވަރާށެވެ. އެއީ މިހާރުވެސް ޖޯސޭ ފެންވަރުވަން ބައިންދާ ބާލިދީ އެވެ. ކުޑަކުޑަ ޖޯސޭ ކަމަކާ ހާސްވިޔަސް އޭނާއަށް ހިތްހަމަޖެހުމެއް ލިބެނީ އެ ބާލިދީ ތެރޭގައި ބޭންދުމުންނެވެ.

"ދަރިފުޅު ހާސްވެއްޖެނަމަ އަހަރެން އެ ބާލިދީ ތެރެއަށް އޭނާ ލާފައި ބާލިދީ ފުރެންދެން ފެން އަޅަނީ،"

ޑޮކްޓަރުން ވަނީ ވާހަކަ ދެއްކުމުގަ އާއި ހިނގުމާއި ނިދުމުގައި ވެސް ޖޯސޭއަށް ދަތިތަކާ ކުރިމަތިވާނެ ކަމުގެ ހަބަރު ދީފައެވެ. އެހެންވެ ޖޯސޭ ދޮށިވަމުން ދިޔަ ވަރަކުން އޭނާއަށް ދަނީ އުނދަގޫތަކާ ކުރިމަތިވަމުންނެވެ. އެހެން ނަމަވެސް ޖޯސޭއަކީ އުނި ކުއްޖެއް ކަމަކަށް ސްލާންޖްއެއް ނުދެކެއެވެ. ގަބޫލެއް ވެސް ނުކުރެއެވެ. އޭނާގެ ދެކޭ ގޮތުގައި ހަގު ދަރިފުޅު، ޖޯސޭއަކީ މުޅީން ފުރިހަމަ ކުއްޖެކެވެ.

"އަހަންނަށް ޑޮކްޓަރުގެ ރިޕޯޓްތަކާއި ތަހުލީލުތައް ފެނުނު، އެހެންނަމަވެސް އަހަންނަށް އަހަރެންގެ ދަރިފުޅު ނޯމަލް، އަހަންނަށް އަހަރެންގެ ޖޯސޭ އެއީ ހަމަ ނޯމަލް ކުއްޖެއް،"

ބްރެޒިލުން އަދި ބޭރު ނުވާ ޖޯސޭގެ ފޮޓޯ މިހާރު ވަނީ ދުނިޔޭގެ ހުރިހާ ބިތަކަށް ދަތުރު ކޮށްފައެވެ. ޖޯސޭގެ އެ ފޮޓޯ ނަގާފައިވަނީ ބްރެޒިލްގައި ގާއިމުވެ ހުންނަ އެމެރިކާގެ އެސޯސިއޭޓް ޕްރެސް (އޭޕީ) ފޮޓޯގްރާފަރެކެވެ. އެ ފޮޓޯއަށް ދުނިޔެއިން ބޮޑު ސަމާލުކަމެއް ލިބުމާއެކު ފޮޓޯގްރާފަރު ވަނީ ސްލާންޖްއާ ބައްދަލުކޮށްފަ އެވެ.

"ފޮޓޯ ނަގާ އެމީހާ އަހަރެން ގާތުގައި ބުނީ ޖޯސޭއަކީ މިހާރު މަޝްހޫރު ކުއްޖެކޭ، މުޅި ދުނިޔެއަށް އޭނާ އެނގޭނޭ. ދެން އަހަރެން ބުނިން ބައްޔެއް ހުރި ކުއްޖެއްގެ ގޮތުގައި ޖޯސޭ މަޝްހޫރުވާން އަހަރެން ބޭނުމެއް ނުވެއޭ،" ސްލާންޖް ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެން ޖޯސޭ ބަލައި ބޮޑުކުރަމުން އަންނަ ގޮތް އެހެން މައިންނަށް އިބުރަތަކަށްވާނެ، އަހަރެން މިއުޅޭ ހާލުގައި އެހެން މައިން ވެސް އެބައުޅޭ،"

ޖޯސޭއަކީ ލޯބި ލޯބި މައުސޫމް ކުއްޖެކެވެ. އޭނާގެ މަންމަ ސްލާންޖަކީ ހިތްވަރުގަދަ ނަމޫނާ މައެކެވެ. އޭނާގެ ވާހަކަތަކުން އެކަން ސާބިތުކޮށްދެ އެވެ. އޭނާ ބުންޏެވެ: "އަހަރެންގެ ދިރިއުޅުން ނޯމަލް، އެއްވެސް މައްސަލައެއް ނެތް، އިންޓަނެޓުން އަހަރެމެން ދެމައިން ދުނިޔެއަށް ފެނުމަކީ އެންމެ ރަނގަޅު ކަމެއް، އެއިން އަހަރެމެން ދެމައިންގެ ދިރިއުޅުމަށް މާބޮޑު އަސަރެއް ނުކުރޭ،"