ކުޅުދުއްފުށި

ޒުވާނުން ނުކުމެ ކުޅުދުއްފުށީ ފަޅު ސާފުކޮށްފި

ހދ. ކުޅުދުއްފުށީ އުތުރު ބަނދަރުގެ ފަޅުތެރެ، އެ ރަށު ޒުވާނުން އިސްނަގައިގެން ސާފުކޮށްފި އެވެ. އިއްޔެ ކުޅުދުއްފުށީގައި ކުރިއަށް ދިޔަ މި ހަރަކާތަކީ އެ ރަށު "ބިލީފް" ގުރޫޕުން އިންތިޒާމްކުރި ހަރަކާތެކެވެ.

އިއްޔެ މެންދުރުފަހު ދެއަކުން ފެށިގެން، ހަވީރު 4:30 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދެ ލޮރީގެ ކުނި ފަޅު ތެރެއިން ނަގާފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ޓައިރު ފަދަ ތަކެއްޗެވެ.

ބިލީފް ގްރޫޕްގެ ފައުންޑާ އަފާ ހުސެއިން ބުނީ، ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، ވޮލެންޓިއަރުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ބައިވެރިވި ކަމަށެވެ. މި ހަރާކާތުގައި ވޮލެންޓިއަރުންގެ ގޮތުގައި، ކުޅުދުއްފުށި ފްރީ ޑައިވާސް، އޯޕަން ވޯޓާ ސްޕޯޓް ކުޅުދުއްފުށި، ޕޮލިސް، އެމްއެންޑީއެފް، ކްލަބް ކޮރަލްސް، ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލްގެ ސްކައުންޓާއި ކެޑޭޓްސް އަދި ރެޑް ކްރެސެންޓުން ބައިވެރިވި އެވެ.

ފަޅުތެރެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ދިޔައިރު، ދެ ސްކޫލްގެ ސްކައުންޓްސް އަދި ކެޑޭޓްސް ވަނީ އުތުރު ބަނދަރު ސަރަހައްދު ވެސް ސާފުކޮށްފަ އެވެ.

"ސަޕޯޓް ވަރަށް ވަރަށް ލިބުން، ސްޕޮންސަރުންގެ އެހީ ފާހަގަކޮށްލަން، އޭގެ އިތުރުން ރަށު ކައުންސިލްގެ އެހީ ވަރަށް ބޮޑަށް ލިބުން، ހާއްސަކޮށް ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަންގެ ނަން ފާހަގަކޮށްލަން،" އަފާ ބުންޏެވެ. "ބިލީފްގެ މެންބަރުން ކުރި ބުރަ މަސައްކަތް ވެސް ފާހަގަކޮށްލަން، ދެން ހޮސްޕިޓަލްގެ ފަރާތުން ވެސް ޑޮކްޓަރުންނާއި ނަރުހުން ދިމާވެ ދާނެ ކުއްލި ނުރައްކަލަކަށްޓަކައި އެތާ ހަރަކާތްތެރިވި،"

ބިލީފްއަކީ މިދިޔަ އަހަރު ފަހުކޮޅު ކުޅުދުއްފުށީގެ ތިމާވެށި ހިމާއަތް ކުރުމަށް އުފެއްދި ގުރޫޕެކެވެ. އެ ގުރޫޕް އުފެއްދުމާއެކު ކުޅުދުއްފުށީގެ ތިމާވެށި ހިމާއަތްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް ބިލީފްއިން ވަނީ ކުޅުދުއްފުށި ސާފުކުރުމުގެ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.