ހަބަރު

ރިސޯޓްތަކަށް އަރާ ވައްކަންކުރާ މައްސަލަ އެމްޑީޕީއިން ކުށްވެރިކޮށްފި

ފަތުރުވެރިން ޒިޔާރަށްކުރާ ރިސޯޓުތަކަށް ފޭރޭ މީހުން މޫނުނިވާކޮށްގެން ތިބެ ދަންވަރު އަރާ އެތަންތަނުގައި ތިބޭ މީހުން ބަނދެ ރަހީނުކޮށް ތިޖޫރީ ވަގަށްނަގައި މައްސަލަ އެމްޑީޕީއިން ކުށްވެރިކޮށްފި އެވެ.

މޫނުނިވާކޮށްގެން ތިބި ބަޔަކު ކަނޑުމަގުން އުޅަނދެއްގައި ގޮސް އެރަށަކަށް އަރައި އެރަށުގެ ޑިއުޓީގައި ތިބި މީހުން ބަނދެ ރަހީނުކޮށް ދެ ތިޖޫރީ ފޭރިގަނެގެން ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ބ.އަތޮޅު ރީތި ބީޗް ރިސޯޓުންނެވެ. ރީތި ބީޗް ރިސޯޓަށް މިގޮތަށް ދަންވަރު އަރައި މުވައްޒަފުން ބަނނުމަށްފަހު ދެ ތިޖޫރީ ފޭރިގަނެގެން ގެންގޮސްފައިވާއިރު މިދިޔަ މަހު ހަމަ އެގޮތަށް މޫނު ނިވާކޮށްގެން ދަންވަރު ކަނޑުމަގުން ބަޔަކު މީހުން ކ.ފިނޮޅު ވިލާސް ރިސޯޓަށް އަރައި އެ ރިސޯޓުގެ މުވައްޒަފުން ބަނުމަށްފަހު ހަތަރު ތިޖޫރީ ފޭރިގަނެގެން ގެންގޮސްފައިވެ އެވެ. ހަމަ އެފަދައިން 2014 ވަނަ އަހަރު ވެސް ފ.ފިލިތެޔޮ ރިސޯޓަށް ހަމަ އެގޮތަށް އަރައި މުވައްޒަފުން ރަހީނުކޮށް ތިޖޫރީ ފޭރިގަނެގެން ގެންގޮސްފައިވެ އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިހުތިސާދުގެ މައި ނާރުކަމަށް ވާއިރު، ފަތުރުވެރިން ޒިޔާރަތްކުރާ ރިސޯޓުތަކަށް މީގެ ކުރިން ނެތް ނުރައްކަލަކާއި ބިރުވެރިކަމެއް މިހާރު މިވަނީ ކުރިމަތިވެ، އާންމުވެފައި ކަމަށެވެ. އަދި ފަތުރުވެރިން ޒިޔާރަތްކުރާ ރިސޯޓުތަކަށާއި، ފަތުރުވެރިކަން ހިންގާ ފަރާތްތަކަށާއި އަދި ފަތުރުވެރިންނަށް ވެސް މި ފަދަ ނުރައްކަލާއި ނާމާންކަމާ ކުރިމަތިލާންޖެހުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގުތިސާދަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންވާނެ ކަމެއް ކަމަށެވެ.

"މި ނުރައްކާތެރި ޖަރީމާ ހިންގުން ހުއްޓުމެއް ނެތި ކުރިއަށް ދިއުމާއި އަދި އެކަމުގައި ސަރުކާރުން އެކަށީގެންވާ ޖިނާއީ ތަހުގީގު ހިންގައި ރިސޯޓުތަކަށާއި ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފިޔަވަޅުތައް އަޅަމުން ނުދާތީ އެކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." އެމްޑީޕީގެ ބުނެ އެވެ.

ބ.އަތޮޅު ރީތި ބީޗް ރިސޯޓަށާއި އަދި އެނޫންވެސް ރިޒޯޓުތަކަށް ދަންވަރު އަރައި މުވައްޒަފުން ބަނުމަށްފަހު ތިޖޫރީތައް ފޭރިގަނެގެން ގެންގޮސްފައިވާ މައްސަލަތަކުގެ ފުރިހަމަ ޖިނާއީ ތަހުގީގު ހިންގުމަށާއި ރިސޯޓުތައް ހިންގާ ފަރާތްތަކާއި ރާއްޖެ ޒިޔާރަތްކުރަން ތިބި ފަތުރުވެރިންނަށް އެ ތަހުގީގުތަކުގެ އިތުބާރުކުރެވޭނޭ ގޮތަށް އެ ތަހުގީގުތައް ހިންގުމަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ.