ރިޕޯޓް

ޝައިހް އިލްޔާހަށް ވަރަށް ސަލާމް!

Mar 6, 2016
70

ޝައިހު އިލްޔާހަށް ވެދުން ސަލާމް، އިލްޔާހަށް އެނގިވަޑައިނުގެންނެވިއެއް ކަމަކު އަބަދުވެސް އަޅުގަނޑުގެ ކަންފަތް އިލްޔާހަށް ދެމެވެ. ތިޔައީ ވަރަށް ފުދޭ ދުލެކެވެ، ތިޔަ ލަހުޖާ ވެސް ހަމަ ފައްކަލެވެ. އެކަމަކު އިލްޔާހަށް އެނގި ވަޑައިގަންނަވާ ހެއްޔެވެ؟ އާންމުގޮތެއްގައި ފެންނަނީ ދޫފަހި ނުކިޔަވައި ތިބޭ މީހުންނާއި ދޫ ފަހި ނޫން ކިޔަވައިގެން ތިބި މީހުންނާއި ދޫ ވެސް ފަހި ކިޔަވައިގެން ވެސް ތިބޭ މީހުނެވެ. މީގެ ތެރެއިން އިލްޔާހުގެ ނަން ބާއްވަން އަޅުގަނޑު ބޭނުން ވަނީ އެންމެ ފަހަށް މި ދެންނެވި ގޮޅީގަ އެވެ. އެކަމަކު ފެހި އަދާލަތު ޕާޓީއަށް ފަހި ނޫން ގޮތަކަށް ރާއްޖޭގެ ސިޔާސީ މައިދާނަށް އަންނަ ކޮންމެ ލޮޅުމަކާއެކު އިރުއިރުކޮޅާ "ފިޓްޖެހޭ" މީހެއް ފަަދައިން އިލްޔާހު ނުކުންނަވައި ކަރަށް ނާރު އަރުވައިގެން ދައްކަވާ ވާހަކަތަކުން އެ ގޮޅިއަށް އިލްޔާހު ލައިދެވޭކަށް ނެތެވެ. އަޅުގަނޑުގެ ނަޒަރުގައި އިލްޔާހަށް ފިޓީ ކުރިޔަށް އޮތް "ކުޑަ ގޮޅި" އަށެވެ.

އޭ އިލްޔާހެވެ، ރައީސް މުހައްމަދު ނަޝީދު ސަރުކާރަށްވުރެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ލާދީނީ ވެފައިވާކަން ސާބިތުކޮށްދޭން ތިޔަ ވިދާޅުވަނީ ދީނާ ފުށުއަރާ ގޮތަށް އޮތް ގާނޫނުލް އުގޫބާތެއް ފާސްކުރި ވާހަކަ ދެއްތޯ އެވެ؟ އެ އެގޫބާތެއް ފާސްކުރަނީ ކިހިނެއްކަން އިލްޔާހަށް އެނގޭ ހެއްޔެވެ؟ ގާނޫނު ފާސް ކުރަނީ ސަރުކާރަކުން ނޫންކަން އިލްޔާހަށް ދެނެވަޑައިގަންނަވަން ހެއްޔެވެ؟ ހަތިމް ނަންގާފައިވާ އިމްރާން އަބްދުﷲ ޖަލަށްލާފައި ވަނީ މި ސަރުކާރުން އިލާހީ ގާނޫނާ ހިލާފަށް ކަމަށް އިލްޔާހު ވިދާޅުވާއިރު މީހުންގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމް ކުރަނީ ސަރުކާރުން ހެއްޔެވެ؟ އެކަން ހިނގާ ގޮތެއް އިލްޔާހަކަށް އެނގިވަޑައި ނުގަންނަވާ ދެއްތޯ އެވެ؟

އިލްޔާހު ތިޔަ ވިދާޅުވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ސިހުރު ހަދައިގެން ކަމަށެވެ. ސިހުރަކީ މީހަކަށް ގެއްލުމެއް ދޭން ހަދާ ފަންޑިތަކަމެއް އިލްޔާހަކަށް އެނގިވަޑައެއް ނުގަންނަވާ ދެއްތޯ އެވެ؟ ފުރާނައަކީ ހުރުމަތްވެގެން އެއްޗެއް ކަމަށާއި މީހެއްގެ ފުރާނައަށް ގެއްލުމެއް ނުދޭށޭ ވިދާޅުވި އަޑު އިލްޔާހަކަށް އިވިވަޑައެއް ނުގަތް ދެއްތޯ އެވެ؟

އިލްޔާހު ވިދާޅުވަނީ ރައީސް ޔާމީނު ވިދާޅުވެގެން ސިހުރު ހަދައިދިން މީހާ އެވާހަކަ ބުނެފިއޭ ނޫން ހެއްޔެވެ؟ އެންމެ ރަނގަޅެވެ. އިލްޔާހު ވިދާޅުވެގެން އަޅުގަނޑު ސިހުރު ހަދައިދިނީމޭ ބުނެ ލިޔެލައި މުޅި ރާއްޖެއަށް ފަތުރައިލެވިދާނެ އެވެ. އެހެން އަޅުގަނޑު ލިޔުނިއްޔާ ދެން އެކަން ވާނީ އޮލަނބަކަށް ހެއްޔެވެ؟ އެވާހަކަ ގަބޫލު ކުރަންވީ ހެއްޔެވެ؟

ގާސިމް އިބްރާހިމް އިލްޔާހަށް ކަންނެލި އޮޑިއެއް ދިނޭ ބުނެ ދައްކާ ވާހަކަތަކަށް އިލްޔާހު ދެއްވާ ޖަވާބަކީ އެއީ މީހުން ކިޔާ ފެންނުހިފޭ ވާހަކައެކޭ ނޫންތޯ އެވެ؟ ޔާމީން ވިދާޅުވެގެން ސިހުރު ހެދީމޭ ބުނީ އެންމެ މީހެކެވެ. އެއީ ދިވެއްސެއް އަމުދުން މުސްލިމެއް ވެސް ނޫނެވެ. އެކަމަކު އެ މީހާ ބުނާ ކޮންމެ އެއްޗަަކީ ތެދަކަށްވެފައި ގިނަ އަދަދެއްގެ ދިވެހިން، އަމުދަކުން މިހާރު އިލްޔާހާ ހިތާވެފައިވާ އެމްޑީޕީން އިލްޔާހަށް ކަންނެލި އޮޑިއެއް ދިނޭ ބުނާ ބުނުން ދޮގަކަށްވާންވީ ކީއްވެގެން ހެއްޔެވެ؟ އަދި އިލްޔާހު ވިދާޅުވެގެން އަޅުގަނޑު ސިހުރު ހަދައިދިނީމޭ ލިޔެފިއްޔާ އެކަން ދޮގަކަށް ވާންވީ ވެސް ކީއްވެގެން ހެއްޔެވެ؟ އަޅުގަނޑު އިލްޔާހަށް ޗެލެންޖް ކުރަމެވެ. މި މައުލޫއަށް ބަހުސްކޮށްލަން ތިކޮޅަށް ގަދަ ފެއްސާއި ރަން ރީނދޫ، މިކޮޅަށް އަޅުގަނޑު އެކަނި އަރަމާ ހިނގާށެވެ. ބަލި ކޮށްލާނަމެވެ.

އިލްޔާހު ތިޔަ ވިދާޅުވަނީ ކަންލެނި އޮޑިއެއް ދިންކަން ސާބިތުކޮށްދީފިއްޔާ އެ އޮޑި އާއި އެއްލަކަ ރުފިޔާ ދެއްވާނަމޭ ނޫން ހެއްޔެވެ؟ ތިޔައީ ހެޔޮ ހަބަރެކެވެ. އަޅުގަނޑު ވެސް އެއްލަކަ ރުފިޔާ ބޭނުމެވެ. އެކަމަކު ދެރައީ ނިވިދިއްލޭ ބޮތްކެއްހެން ދޭތެރެ ދޭތެރެއިން ފެނި ވަޑައިގަންނަވާއިރު އަދި އިލްޔާހު ވަޒީފާއެއް ވެސް އަދާ ނުކުރައްވާއިރު ތިޔަ އެއްލަކަ ރުފިޔާ ދެއްވާނެ ގޮތެއް ނޭނގޭތީ އެވެ. ޔަހޫދީންނަށް މަންނައާ ސަލްވާ އައި ފަދައިން އިލްޔާހަށް ފައިސާގެ ދޮލަނގެއް ފައި ބަނީ ހެއްޔެވެ؟

އިލްޔާހު ތިޔަ ވިދާޅުވީ ތެދަށެވެ. ބަޔަކު މީހުން ރާއްޖޭގައި ދަވާދީ ހެދުން (ބޮޑީ ޕެއިންޓް ކޮށްގެން) އަޅައިގެން ފޮޓޯ ނަގައި ސަކަރާތްގަނޑެއް ގަތެވެ. އެކަން ކުރި އެވެ. އެ ގޯހެވެ. އެކަމަކު އިލްޔާހު އަޅެ ވިދާޅުވެ ބައްލަވާށެވެ. އެއީ ސަރުކާރުން ގެނައި ބައެއް ހެއްޔެވެ؟ ނޫނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގެނައި ބައެއް ހެއްޔެވެ؟ އެ ޖަމިއްޔާއަކީ އަމިއްލައަށް ދައުވާ ކުރުމުގެ ހައްގާއެކު މިނިވަން ދިއުޅިއެއްގައި ހިނގާ ތަނެއް ހެއްޔެވެ؟ ދުވަހުން ދުވަހަށް ސަރުކާރުން ހިންގާ އިންޖީނެއް ހެއްޔެވެ؟

އިލްޔާހު ވިދާޅުވެ ބައްލަވާށެވެ. އަޅުގަނޑު ތަނަކުން އަންހެނަކު ގެނެސް ދަވާދީ ހެދުން ލައްވައި އަޅުގަނޑުގެ ސަރަންފީގައި ބާއްވައިގެން ފަންކާ ވިއްސައި ނައްޓުވައި ހެދީމާ އެކަމަކާ ސަރުކާރަކާ ކިއެއް ކިއެއް ހެއްޔެވެ؟ ސަރުކާރުގެ ގޯހަކަށް ވާނީ އެކަމެއް ހިނގުމުން އެކަމެއް ނުހުއްޓުވިއްޔާތާ އެވެ.

އިލްޔާހެވެ. އޭކަންގެ ޝޯ އިލްޔާހަށް ގޯހެވެ. ލަވައެއް ކަމަކު ނުދެ އެވެ. މިއުޒިކެއް ކަަމަކު ނުދެ އެވެ؛ އެކަމަކު ލަވަޔާ މިއުޒިކަކީ ދަންނަ ބޭކަލުންގެ މެދުގައި ހިޔާލުތަފާތު މައްސަލަކެވެ. ދަންނަބޭކަލުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެނަމަ ދެން އެކަމަށް ގޮތެއް ނިންމޭނީ އެއަށްވުރެ މަތީ ފަރާތަކަށެވެ. ހަމަ ހުންނަވާފައި އިލްޔާހު އެކަމަށް ގޮތެއް ނިންމީމާ އެއީ ފަހުބަހަށްވާ ގޮތެއް އޮވޭ ހެއްޔެވެ؟

މިއުޒިކު ޖަހައި ލަވަ ފަޅައި ހަދައިފި އެވެ. އިލްޔާހު ތިޔަ ވަރުން އަޅުވާ ސަރުކާރުގައި ޝޯ ނުބާއްވާ ހެއްޔެވެ؟ އެ ރައީސް މީހާ ނަށައި ލަވަ ވިދާޅު ނުވޭ ހެއްޔެވެ؟ އެ ރައީސްގެ ނަމުގެ މާނައަކީ ވެސް "ލަވަ" ނޫންތޯ އެވެ؟

އޭ އިލްޔާހެވެ، ރައްޔިތުންގެގެ މަޖިލީހަކީ އިލްޔާހުގެ ނަޒަރުގައި އޮންނަން ޖެހޭ ތަނެއް ނޫނެވެ. އެއީ ކުފުރުގެ ތަނެކެވެ. އެހެންވިއްޔާ ތިޔަ ޕާޓީގެ މެންބަރަކު އެ މަޖިލީހުގައި ބައިންދައިގެން ތިއްބެވުމަކީ ކިިހާ ބޮޑު ގޯހެއްތޯ އެވެ؟ އެ މަޖިލީހަށް ހޮވެން އިލްޔާހު ވެސް ކުރިމަތި ލެއްވިން ދެއްްތޯ އެވެ؟ ލެއްވި އެވެ. އެއީ ކިޔެއްވެގެން ތޯއެވެ؟ ފޮޓޯ ނަގައި ސޫރަ ކުރެހުން އިލްޔާހު ގަބޫލެއް ނުކުރަވަ އެވެ. އެމަކު އިލްޔާހުގެ ކެމްޕޭން ޕޯސްޓަރާއި އިލްޔާހާއެކު ތިބި ދީނީ އިލްމުވެރިން މަޖިލީހަށް ދާންވީމާ ފޮޓޯ ނަގައި ޗާޕްޖަހާން ހަމަ އެންމެ ރަނގަޅެވެ. އެހެންވަނީ ކޮން ހަމައަކުން ހެއްޔެވެ؟

ރަސޫލާއަށް ސަލަވާތް ކިޔެވުމަކީ އިސްލާމްދީނުގެ އެންމެ ބޮޑަށް ބާރު އަޅުއްވާ ކަންތަކެވެ. ވާޖިބެކެވެ. އިލްޔާހު ތިޔަ ވަރުން އަޅުވާ ރައީސް މުހައްމަދު ނަޝީދު ރަސޫލާއަށް ނިސްބަތްކޮށް "މަށަށްވެސް ކިޔަނީ މޯޑޭ، އެކަލޭގެއަށް މަ ސަލަވާތް ނުކިޔަވާނަމޭ" ވިދާޅުވިޔޭ ކިޔައި ޕޯޑިއަމްތަކުގައި އެ ވާހަަކަ ދައްކަވަނީ އިލްޔާހެވެ. އިލްޔާހު އަޅެ ވިދާޅުވެ ދެއްވާށެވެ. އެއަށްވުރެ ސީރިއަސް ކަމެއް ރައީސް ޔާމީން ސަރުކާރުގައި ހިނގައިފި ހެއްޔެވެ؟ ރައީސް ނަޝީދު އެގޮތަށް ކަން ކުރެއްވިޔޭ ވިދާޅުވަނީ ވެސް އިލްޔާހު ނޫންތޯ އެވެ؟

އިލްޔާހު އަޅެ ވިދާޅު ދެއްވަަ ބައްލަވާށެވެ. ލާދީނީވުމުގެ ޝަރުތު ފުރިހަމަވުމަކީ މިވެނި މީހާ "ލާދީނީ ވެއްޖެއޭ" އިލްޔާހުގެ ތިއޮށް ފުދޭ ދުލުން ވިދާޅުވުން ހެއްޔެވެ؟ އެހެން ވެއްޖެއްޔާ ދެން އެވާހަކައެއް ދައްކާނެ ކަމެއް ކަމެއް ނެތެވެ.

ފަނޑިޔާރަކު ބަދު އަހުލާގީ އަމަލެއް ހިންގީ އެވެ. އެއީ މައްސަަލައެކެވެ. އެކަމަކު އިލްޔާހު އަޅެ ވިދާޅުވެ ބައްލަވާށެވެ. އެއްވެސް މީހަކަށް ފާރަލައި ސިއްރުން ކެމެރާ އަޅައިގެން އެފަދަ މަންޒަރުތައް ރިކޯޑްކޮށް އެކަންކަން އާންމު ކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ފަނޑިޔާރަކު ބަރަހަނާވުމާ ސަރުކާރަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ނޫން، ހަމަ ސާފުކޮށް ވިދާޅުވެ ބައްލަވާށެވެ.

ކޮންމެވެސް އެއް ވަގުތެއްގައި ބަރަަނާއަށް ނޯންނާނެ، އޮރިޔާމާ ނުހުންނާ މީހަކު ހުންނާނެ ހެއްޔެވެ؟ އިލްޔާހު ވެސް ބަރަހަނާއަށް ހުންވާ ވަގުތު އަންނާނެ އެވެ. އެފަދަ ހާލަތެއްގައި އިލްޔާހުގެ އެފަދަ މަންޒަރެއް ރިކޯޑްކުރީމާ އެކަން ރަނގަޅުވެފައި އިލްޔާހު ބަރަހަނާއަށް ހުރުން އިލްޔާހަށް މޮޅުވާނެ ހެއްޔެވެ؟ އަޅުގަނޑަށް މިއެތި ކެެވެލި ޖައްސަވައި ދެއްވަ ބައްލަވާށެވެ.

ތިބޭޅާ މި ސަރުކާރާ ވަރުން އަޅުވާ ސަރުކާރުގެ ވަޒީރުންނާއި ޕާލަމެންޓް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ގޮތަށް އެތައް ބަޔަކު ބަރަހަނާ ފިލްމު ކުޅުނެވެ. ހަމަ ކުޅުނެވެ؛ އެ މަންޒަރުތައް ނެރުނު ބަޔަކު ނެރުނެވެ. ދީނީ އިލްމުވެރިން ގާތަށް އަންހެން ކުދިން ފޮނުވައިގެން އޮރިޔާން ފިލްމު ކުޅުވަން އުޅުނެވެ. އެ ވާހަކަ އިލްޔާހު ވެސް ވިދާޅުވެ އެވެ. މިހާރު އެވާހަކަ ހުދަކަށް ހައްދަވައި ކޯޓެއްގައި ސާބިތެއްވެސް ވެފައި ނެތް ކަމެއް ކަޅަކަށް ހައްދަވައި އެ ވާހަަކައެއްގައި އެލިގަގެނެގެން އުޅުއްވަނީ ކީއްވެގެން ހެއްޔެވެ؟

މި ސަރުކާރުގެ ލާދީނީކަން، ރައީސް ނަޝީދުގެ ސަރުކާރާ ވަރުން އަޅުވަން ދީނީ އިލްމުވެރިން ދަރުސް ބާއްވާނެ ތަނެއް ނުލިބޭ ވާހަކަ އިލްޔާހު ވިދާޅުވަން ދެއްތޯ އެވެ؟ އަސްލު ތަން ނުލިބެއްޏާ އެއީ މައްސަލައެކެވެ. އެކަމަކު އިލްޔާހަށް އެނގޭ ހެއްޔެވެ؟ ތަނެއް ހަމަ ނުލިބެ އެވެ. ކަންކަން ގިނަވެ މީހުން ބިޒީ ވެގެންގޮސް ކައިވެނި ޕާޓީގަނޑެއް ބާއްވާލާނެއް ތަނެއް ވެސް ހަމަ ނުލިބެ އެވެ. ތަން ނެތިއްޔާ ތަން ދޭނީ ކިހިނެއް ހެއްޔެވެ؟ ތަން ނެތިގެން ހިއްކޭ ގޮތެއް ހަދަން މާރުވަގަދަ ޖައްރާފާއެއް ޔާމީން ގެންނަވާކަ އަޑު އެހީމެވެ. އޭރަކަށް ދެން ވަރަށް ފަސޭހަ ވެދޭނެ އެވެ. އިލްޔާހު ވެސް ތިމަންނާއަށް މިތަނޭ ބުނީމާ އެތަނެއް ހިއްކައިދޭން ނިންމާފާނެ ވެސް ތޯއްޗެކެވެ.

އިލްޔާހު ކިޔުއްވިން ހެއްޔެވެ؟ ދިވެހި ކޮންމެ ރައްޔިތަކަށްމެ ބޯހިޔާވަހިކަން ދޭން ވެސް ގާނޫނުއަސީގައި އެބައޮތެވެ. އެ ހިޔާވަހިކަން ނުލިބި ތިބީ ކިތައް މީހުން ހެއްޔެވެ؟ އެ ހިޔާވަހިކަމަށް ނުވަދެވި ދުނިޔެއަޅާ ދިޔައީ ކިތަން މީހުން ހެއްޔެވެ؟ އެ އެންމެން ނުކުމެ ފެލި ނުގަންނަޏާމަކުން އެ އަޑެއް ނީވޭނެ ދޯ އެވެ؟ އެހެންވިޔަސް އިލްޔާހު ދަރުހެއް ދޭންޖެހިގެން ނުދެވި އެބައޮތް ހެއްޔެވެ؟ ނުދެނެހުރީމެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ކޮންމެ ބަދަލަކާއެކު އިލްޔާހު ފާޅުވެ އެވެ. އަދި މިތިބަހާ މީސްތަކުން ބިރުގަންނަހާ ސުރީ އަޅުވާފައި ދަރުސް ދެއްވައެވެ. ތިޔަ ވިދާޅުވާ ދަރުހެއް ނުދެވި އޮތިއްޔާ އޮތީ "ފުޅަ އިލްމުވެރިޔާ" ކަން އިލްޔާހު ގައިން ނެގި އިލްޔާހު ރީތިވެގެން ފަލަވެގެން މޮޅުވެގެން އަދި އިލްޔާހުގެ ފްރެންޑްގައިން "ފަހެރި" ކަން ނަގައި ދެންމެ ފާޅުވި "ޝެއިހު" އަކަށް ހަދައިގެން އުޅޭ އެމްޑީޕީން ހުރަސް އަޅައިގެނެވެ.

ހަދުމަފުޅު ނެތީވިއްޔާ އެހެން ވާހަކައެއް ވެސް ދަންނަވަފާނަމެވެ؛ އިލްޔާހުމެން ދަރުސް ބާއްވަން އާދަވެ ބޭނުން ކުރާ އާޓިފިޝަލް ބީޗާއި އުސްފަސްގަނޑާއި ދެންވެސް ހުރިހާ ތަނަކަށް ފުއްޕާ ހަމެއް ހިފައިގެން މީން ކުޑަކުއްޖަކުވެސް ވަނަ ނުދީ ކާޅު ކަތިލާށާއި ކަނޑަށް ފާލަން އަޅާށާއި ދުން މުުޖުމަރާ ބަހައްޓަން އަދި ރޭދުވާ ހުސްކޮށް ހެއްދެވިހާ އަވަގުރާނައެއް ގޮވާން ހަމަސް ދުވަހުން އަށް މަސް ދުވަހުން އަހަރު ދުވަހަށް މުއްދަތު އިތުރު ކުރަމުން އެމްޑީޕީއަށް ކުއްޔަށް ދިނީ ރައީސް ޔާމީނެއް ނޫނެވެ. ރައީސް ވަހީދުގައި ސަރުކާރަކުން ވެސް ނޫނެވެ. މިހެން ހުންނަ ކަންކަން ހިސާބަކަށް ބަަލައިލާންވާނެ އެވެ؟

އޭ އިލްޔާހެވެ. ދީނީ އިލްމުވެރިންގެ މެދުގައި ވަރަށް ގިނަ ކަންކަމުގައި ހިޔާލު ދެކަފިވެ އެވެ. އެއީ އާ ކަމެއް ނޫނެވެ. ބޮޑެތި ބޮޑެތިހާ އިލްމުވެރިންގެ މެދުގައި އެކަން އެގޮތަށް އޮންނާނެ އެވެ. އެކަމަކު އެފަދަ ބޭފުޅުންގެ ރައުޔާ އަނެކާގެ ރައުޔު ދިމާ ނުވީމާ ދެން ތިބި އިލްމުވެރިން އެއީ ސައިތާނުން ކަމަކަށް ނުނިންމަ އެވެ. ހިޔާލު ތަފާތުވެ، އިލްޔާހާ އެއްބަސް ނުވަންޏާ މިރާއްޖޭގައި ދެންތިބި އިލްމުވެރިން ސައިތާނުންނަށް ވާންވީ ކިޔެއްވެގެން ހެއްޔެވެ؟

އޭ އިލްޔާހެވެ. "ގުރުއާނަކީ ހުއްޖަތެއް ނޫނޭ" ރައީސް މައުމޫން ވިދާޅުވި ކަމަށް ބުނެ އިލްޔާހުމެން އެވާހަަކަ ދައްކަމެއް ނޫން ހެއްޔެވެ؟ މައުމޫން ވިދާޅުވި ޖުމްލަ އިލްޔާހު އަޑު އެއްސެވިން ހެއްޔެވެ؟ އެ ރޯލް އަލުން ލައްވާލައި ޖަހާލައިބަލާށެވެ. މައުމޫނު ވިދާޅުވާނީ "ގުރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއް ނޫނޭ" އެވެ. އެނގޭ ހެއްޔެވެ؟ ގުރުއާންގެ ތަރުޖަމާ އެކި އިލްމުވެރިންނަށް ކުރެވެނީ އެކި ގޮތަށެވެ. އަދި އެކި ޒަމާނުގައި އާ ފޮރޮޅުންތަކަށް ގެންދެ އެވެ. ގުރުއާން މުއުޖިޒާތަކަށް ވާ އެއް ސަބަބަކީ އެއީ ކަން އިލްޔާހަށް އެނގޭ ހެއްޔެވެ؟ އެއީ އެގުރުއާން ކޮންމެ ޒަމާނަކަށް ކޮންމެ މަކާނަށް ފުދި ފެތޭތީ އެވެ.

އޭ އިލްޔާހެވެ، ގުރުއާނުގެ "އަލިފްލާމް މީމް ޒާލިކަލް ކިތާބަ..." މިއާޔަތުގައިވާ "ކިތާބު" އެއީ ކޯންޗެއްހެޔެވެ؟ "ފޮތް" އަހަރުމެން ސިފަ ކުރަނީ ބަނޑޭރިގަނޑަކާއެކު އޮންނަ ސޮފުހާތާކަކަށެވެ. މީގެ 1400 އަހަރު ކުރިން އެ ގްރުއާން ބާވާލެއްވި އިރު އޮންނާނީ އަހަރެމެން މި ސިފަ ކުރާ ފޮތް ހެއްޔެވެ؟ ގްރުއާނުގެ އެހީގައި މިއަދުގެ ސައިންސާއި ތަފުސީރުން އެ ހޯދަނީ މީގެ ކުރީގެ އިލްމުވެރިންނަށް ނުފެންނަ ހަގީގަތްތަކާއި ކަންކަމެވެ. އާ ކަންކަމެވެ. ވީމާ ގުރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއް ނޫނޭ ވިދާޅުވީމާ އިލްމީ ބަހުސަކަށް ވަޑައި ނުގެން ގޮތްގޮތަށް ވާހަކަ ދައްކަވަނީ ކިއެއްވެގެން ހެއްޔެވެ؟

އޭ އިލްޔާހެވެ؛ ކަންކަމަށް އެކަށީގެން ނުވާ މީހުން ކަންކަން ހިންގާން ހަވާލުވުމަކީ ގިޔާމަތް ދުވަހުގެ އަލާމާތް ކަމަށް އިލްޔާހު ވިދާޅުވެ އެވެ. އެންމެ ރަނގަޅެވެ. މިހާރު ވެސް ތިއުޅުއްވާ ފާޑުގައި ރައީސް ނަޝީދު ވެރި ކަމަށް ގެންނަން ޕޯޑިއަމްތަކުގައި އަތް ޖައްސަވާފައި ވާހަކަ ދަކަވައި ދުއާ ކުރެއްވީ އެއީ ދައުލަތެއް ވަލިއްޔުލް އަމްރުކަން ހަވާލު ކުރަން އެންމެ ރަނގަޅު މީހާއަށް ވެގެން ހެއްޔެވެ؟ އަދި އެއީ ގިޔާމާތްވާން ކައިރިވެގެން ކުރެއްވި ކަމެއް ހެއްޔެވެ؟

އޭ އިލްޔާހެވެ. ގުރުއާނާއި ރަސޫލާގެ ސުންނަތް ނޫން ގޮތެއް ހޯދައިދޭން ގޮވާލީ ރައީސް ޔާމީން ހެއްޔެވެ؟ އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ކަމުނުދާ ކަމަށާއި ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވީ ރައީސް ޔާމީން ހެއްޔެވެ؟ އެ އާދަޔާހިލާފު ގެކޮޅުގައި މަސްތުވާ ދިއާ އެއްޗެއްސާއި ހިކިތަކެތި ގެންގުޅެ އެގޭގައި މަސާޖު ޕާލާއި ހަދައި އިހުގައި އެގެ އޮތް ގޮތަށް ނަމްބަރު ގެއަކަށް ބަދަލުކޮށް މީހުން ލައްވާ ނައްޓުވައި އަހުމަދު ދޮށިމޭނާ ކިލެގެފާނު އެގޭގައި ހޮސްޓެޖް ކުރި ފަދައިން އެގޭގައި މީހުން ބްލެކް މެއިލްކޮށް މީހުންގެ ޒާތީ މައުލޫމާތު އެއްކޮށް "ޕްރިންސް ހަސަނަކަށް" ވެގެން އުޅުއްވީ ރައީސް ޔާމީން ހެއްޔެވެ؟

ރަށުތެރެއަށް ބަނގުއާވި އާންމު ކޮށްލީ ރައީސް ޔާމީން ހެއްޔެވެ؟ ރާއްޖޭގައި ފައްޅިއަޅަން އެއްބަސްވީ ރައީސް ޔާމީނު ހެއްޔެވެ؟ ރާއްޖޭގައި އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތުދޭން އުޅުއްވީ ރައީސް ޔާމީން ހެއްޔެވެ؟ ޔަހޫދީ އިޒްރޭލާ ގުޅުން ބަދަހިކޮށް އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގެ މަންހަޖު ބަަދަލު ކުރަން އެއްބަސްވީ ކާކު ހެއްޔެވެ؟ އެތަކެއްހާސް ދިވެހި ރައްޔިތުންގެ ކުރިމަތީގައި ދިވެއްސަކު ލައްވާ "ތިމަންނާއަކީ މުސްލިމެއް ނޫނޭ" ބުނުވައި ދިވެހިން ލަދު ގަންނަވާލީ ރައީސް ޔާމީން ހެއްޔެވެ؟ ދީނީ އިލްމުވެރިންނާއި ގުނައި އަދަދު ނުކުރެވޭހާ މީހުން "އިސްލާމް ދީނު ގެ ދިފާއުގައި" ކަމަށް ބުނެ ތިއޮށް ލޮނު ޒިޔާރަތް ކޮޅަށް ޖަމާވީމާ "ތިޔަހެނެއް ނުކިޔޭނޭ" ވިދާޅުވެ، މޭ ފުއްޕީ ޔާމީން ހެއްޔެވެ؟ އެ ދުވަހު އެ އެންމެން ވުލޫކޮށް ނަމާދުގައި ސަޖިދައަށް ތިރިވީމާ ރަކިހިނި ހީނ އާޑަ މަލާމާތްކޮށް ފުރައްސާކުރީ ޔާމީން ހެއްޔެވެ؟

އޭ އިލްޔާހެވެ؛ ތިބާގެ ވަޒަރުނުގައި ބޮޑެތިހާ ބުދު ބެހެއްޓީ ރައީސް ޔާމީން ހެއްޔެވެ؟ ކިރިސްޓިއަނުން އެންމެ ލޯބި ކުރާ މިސްރާބު "އަންޑަ ދަ ސަދަން ކްރޮސް" ގެ ރަމްޒެއްގެ ގޮތު ތިބާގެ ވަޒަނުގައި ބޭރަށް މާ ވަރުގަދަ ދަޅައެއް އަރާ ކޮންވެންޝަން ސެންޓަރެއް އެޅީ ރައީސް ޔާމީނު ހެއްޔެވެ؟ އެ ދުވަހު ތިޔަ ހެލޭ ދުލުން މިއަދު "މި ރައީސަށް" އެތިވަރު ގޮވާ ގޮތަށް އެ ދުވަހު "އެ ރައީސް މީހާ" އާ ދިމާއަށް ތިޔަ ބާވަތުގެ ހިލައިން ހަދާފައިވާ އިލާހުންތައް ބިލާހަކަށްވެ ފިލައި ހިނގައިދާ ދުވަސް ދާދި ގާތްވެއްޖެއޭ ވިދާޅުވާން ކެރި ވަޑައި ނުގެން ފިއްލެވީ ކިއެއްވެގެން ހެއްޔެވެ؟

އޭ އިލްޔާހެވެ. އިސްލާމީ ޝަރީއަތުގައިވާ ގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވަނީ ރައީސް ނަޝީދު ހެއްޔެވެ؟ އަރަބި އިސްލާމް މަޖުބޫރު މާއްދާއަކަށް ހެދީ ނަޝީދު ހެއްޔެވެ؟ ރާއްޖޭގައި އަޅާ އެންމެ ބޮޑު އިސްލާމީ ބިނާ އަޅުއްވަނީ ނަޝީދު ހެއްޔެވެ؟ އިސްމާލީމް މުޖުތަމައާ ގުޅުން ބަދަހި ކުރެއްވީ ނަޝީދު ހެއްޔެވެ؟ ހިސޯރުކޮށްފައި ތިބި މުދިމުންނާއި އިމާމުން މިނިވަން ކުރީ ނަޝީދު ހެއްޔެވެ؟ ސުންނާފަތިވާންދާ މިސްކިތަކުގެ އާބާތުރަ ފިލުވީ ނަޝީދު ހެއްޔެވެ؟ އިސްލާމިކް ޔުނިވާސިޓީއެއް ހެދީ ނަޝީދު ހެއްޔެވެ؟

އިލްޔާހެވެ. ރާއްޖޭގެ އެންމެން ގާތުގައި ކޮން މަޒުހަބެއްތޯ އަހައިބަލާށެވެ. އެންމެން ވެސް ބުނާނީ ޝާފިއީ މަޒުހަބޭ އެވެ. އިލްޔާހަށް އެނގޭ ހެއްޔެވެ؟ ޝާފިއީ މަޒުހަބު އެންމެ މުހިންމު އަސާސަކީ އަންހެނުން މޫނު ބަރުގާ އެޅުމެވެ. އެއީ ވާޖިބެކެވެ. ފިރިހެނާގެ އެ މީހާގެ ހަރުވާޅު ތަނނބިކަށިން މަތީގައި ބެހެއްޓުމެވެ. އެއީ ވާޖިބެކެވެ. ރާއްޖޭގައި މީހުން ތިބީ އެހެން ހެއްޔެވެ؟ އިލްޔާހެވެ؛ ތިބާގެ ބޭބޭފުޅު ޝައިހު އިދުރީސް ފިތުނަ އާބެހޭ ގޮތުން ލިޔުއްވާފައި އޮންނަ ފޮތެއް ވިދާޅުވިން ހެއްޔެވެ؟ އެކަން ނުވެ އޮތީވިއްޔާ އެފޮތުން ހިރަފުސް ފޮޅާލައި ސުރެންސުރެން ކިޔާލައިބައްލަވާށެވެ. އޭރަކަށް ހަލުވާލެވިފައިވާ ތިޔަ ދޫ ފަދައިން ލެއްޕިފައިވާ ތިޔަ ސިކުނޑި ވެސް ހުޅުވައި ލެވިދާނެ އެވެ.

މަކުނުގެ ތިން ބާވަތުގެ ތެރޭގައި ހިމެނޭ ވާމަކުނު އިލްޔާހު ދެނެވަޑައި ނުގަންނަވަން ދެއްތޯ އެވެ؟ އެ މަކުނުގެ ފިނދުން ވާ ހުހެއް ނުވެއެވެ. އެ ކުޑަކުޑަ ސޫފި، އޭގެ އެތަކެއް ސަތޭގެ ގުނަ ބޮޑު ވާގަނޑުގަނޑު އެއޮއް ފުރައިލަނީ އެވެ. އެއް ވެސް ދިމާއަކުން ބަލިކަށި ކަމެއް ލެނބުމެއް ވެސް ނުވާނެހެން ވަށައިޖައްސަ އެވެ.

އިލްޔާހުގެ ހެލޭ ދުލުން ވާހަަކަ ދެއްކެވިދާނެ އެވެ. ރާއްޖާގެ ބަރުދަނަށް ވާހަކަ ބަންޑުން ވެސް ކުރެވިދާނެ އެވެ. އެކަމަކު އެ ދައްކަވާ ވާހަކައެއް ވަށައިޖެހެންވާނެ ނޫން ހެއްޔެވެ؟ ކުޑަކުޑަ އެ މަކުނަށް ކޮށްލެވޭވަރު ނުވެވެންޏާ އިލްޔާހުމެން އަދި އިތުރަށް އަދި އުނގެނެން އެބަޖެހޭ ނޫން ހެއްޔެވެ؟ އެންމެ ރަނގަޅު ގޮތަކީ ނޭނގެންޏާ އަދި އިތުރަށް އުނގެނި ދަސްކުރުމެވެ. ނޭނގުމަށްވުރެ ވަކީން ދެރަކަމެއް އޮންނާނެ ހެއްޔެވެ؟ ދިވެހިން "ވެލާ މަހޯ ހަރާމީ" ބުނީމާ ޝައިހު އަބްދުއް ރަހުމާނު "ވެލާ މަހޯ ހަލާލީ" ވިދާޅުވެ ފަތުވާ ނެރުއްވި ގޮތަށް ފިސާރިއަކު "ޝައިހު އަބްދުރަހުމާނަކަށް" ވެވަޑައިގަންނަވާށެވެ. އެކަމަކު މިހާރު ތިޔަ ހައްދަވާ ގޮތަށް ގޮތަށް ފިޓް ޖެހޭ އުސޫލަކަށް ނޫނެވެ.

ތަންކޮޅެއް ކުރީގައި ދީނީ ވަރަށް ބޮޑު އިލްުމުވެރިޔަކު މާލޭގައި އުޅުއްވި އެވެ. ވަރަށް މަޝްހޫރު ބޭފުޅެކެވެ. އެބޭފުޅާ ހައްދަވާ ގޮތަކީ މަގު ހިންގަވާއިރު ގޭގެ ވަޅަށް ދާނި ގަންބާލާ އަޑު އިވިލާއިރަށް ކޮރެއްޖަހައި ހަމައިސްކޮޅަށް ދެމިލާފައި ގިފިލި ބަލަނީ އެވެ. މިކަމެއް ބޮޑުވެގެން ދިމާއަށް ނުކުމެ މީހަކު ބުނެފި އެވެ. ތިޔަފަދަ އިލްމުވެރިން ތިކަހަލަ ނުބައި ކަންކަން ކުރަން ހެޔޮވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެ އިލްމުވެރިޔާގެ ޖަވާބަކީ ކަލެއަކަށް ނޭނގޭނެ އެވެ. އަހަންނަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. ކޮންމެ ކަމެއްގައިވެސް ވާހަކަ ދައްކައި ރެކި ގަނެވިގެންދެވޭވަރުގެ އިލްުމުވެރިއެކެވެ. އިލްޔާހުމެންގެ މިސާލަކީ މީއީ ނޫންތޯ އެވެ؟

ރާއްޖޭގައި މިހާރު ޔަގީން ދެކަމެއް އޮވެއެވެ. އަދާލަތަކީ ދީނެވެ! އާދަލަތާއި އެ ޕާޓީ އަށް ނިސްބަތްވާ މީހަކަށް ފާޑެއް ކިޔައިފިއްޔާ އެއީ ދީނާ ބެހުނީ އެވެ. އެމްޑީޕީއަކީ ޑިމޮކްރަސީ އެވެ! އެމްޑީީޕީ އާއި ނަޝީދަށް ފާޑެއް ކިޔައިފީވިއްޔާ އެއީ ޑިމޮކްރަސީ ފުނޑާލީ އެވެ. އެނގެ އެވެ. މި ސިޓީ ވިދާޅުވެފައި އިލްޔާހުމެން އަޅުގަނޑަށް ރުޅި އަރާނެ އެވެ. ގޮވާނެ އެވެ. އެކަމަކު މިއީ ފަހަތުން އޯލާ މީހާއަށް އެނބުރި ނުބަލައިދާ މުންޑޫ އެވެ. މަށަކު އެ ދީދީ ލިޔުއްވި ދީނިއްޔާތު ނޫން ފޮތަކަށް ނުބަލަމެވެ.

އިހްތިރާމް ގަބޫލް ކުރެއްވުން އެދެމެވެ.