މަސްތުވާތަކެތި

90 މައްސަލައަކާއި ގުޅުންހުރި ބަނގުރާ ނައްތާލައިފި

އެކި އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2022 ފުޅި ބަނގުރަލާއި ރީނދޫ ހަމުގައި ހުރި ދެ ހަން ރަލާއި 621 ދަޅު ބިޔަރާއި އެހެނިހެން ބާވަތުގެ 169 އައިޓަމްއެކެވެ.

ނައްތާލާފައިވާ ތަކެއްޗަކީ ތަފާތު 90 މައްސަލައަކާއި ގުޅުންހުރި ތަކި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 16 އިންސިޑެންޓަކާއި 2008 ވަނަ އަހަރުގެ މައްސަލައަކާއި 2009 ވަނަ އަހަރުގެ 4 މައްސަލައަކާއި 2012 ވަނަ އަހަރުގެ 13 މައްސަލައަކާއި 2013 ވަނަ އަހަރުގެ 26 މައްސަލައެއްގެ އިތުރުން 2014 ވަނަ އަހަރުގެ 11 މައްސަލައެއް ކަމަށް ފުލުހުން ބުނެ އެވެ.