ރައްޔިތުންގެ މަޖިލިސް

މެމްބަރު ރުކުމާގެ މާލީ ބަޔާން އާމުކޮށްފި

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)ގެ މާލީ ބަޔާން އާމުކޮށްފި އެވެ.

ކޮންމެ އަހަރަކު އެއްފަހަރު މަޖިލީހުގެ މެމްބަރެއްގެ މިލްކީޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތާއި، އަރަންޏާއި ދަރަނި ހާމަކޮށް ބަޔާނެއް އަމީންއާމަށް ހުށަހަޅާން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެއަށް އެއްވެސް މެމްބަރަކު އަމަލު ނުކުރުމުގެ ސަބަބުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކަމާއި ދެކޮޅަށް ކެމްޕެއިންއެއް ފެށައި، ގިނަ ބަޔަކު މިހާރު އަންނަނީ މެމްބަރުންގެ މާލީ ބަޔާން ހާމަ ކުރުމަށް ގޮވާލަމުންނެވެ.

އެގޮތުން 28 މެއި 2014 އިން ފެށިގެން 27 މެއި 2015ގެ ނިޔަލަށް މުދަލާއި ހިސާބުތަކުގެ ތަފްސީލު ހިމެނޭ މާލީ ބަޔާން ރުކުމާ އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނާ ގޮތުން އެމުއްދަތުގެ ތެރޭގައި ރުކުމާއަށް މުސާރާގެ ގޮތުގައި ލިބިފައި ވަނީ 636،200 ރުފިޔާއާއި ރޯދަ އެލަވަންސްގެ ގޮތުގައި 10،000ރ. އެވެ. އަދި އަމިއްލަ ވިޔަފާރިން އޭނާއަށް 322،000 ރުފިޔާ އާއި އިންޓްރަސްޓުގެ ގޮތުގައި 206 ރުފިޔާ ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ.

ރުކުމާގެ މާލީ ބަޔާނުގައި ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި 957،226ރ. އޭނާ ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން އަމިއްލަ އާއިލާއާއި އެކު ދިރިއުޅުމުގެ ހަރަދަށް 498،613ރ. ހަރަދުކޮށްފައިވާ އިރު 458،613ރ. ވަނީ އެހީއަށް ހަރަދުކޮށްފަ އެވެ. އަދި ނިއުޕާމް ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް ނަމަކަށް ކިޔާ ވިޔަފާރިއެއްގެ 90 ޕަސަންޓު ހިއްސާ ރުކުމާގެ އޮންނަ ކަމަށާއި ރުކުމާ އެޑްވަޓައިޒިންގެ ނަމުގައި އަމިއްލަ ވިޔަފާރިއެއް ހިނގާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރުކުމާގެ މިލްކިއްޔާތުގައި ހުރީ 11،935.49 ރުފިޔާއާއި 77.52 ޔޫއެސް ޑޮލަރު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިލްކިއްޔާތުގައިވާ ހަމައެކަނި މުދަލަކީ 60،000 ރުފިޔާގެ އެއާ ބްލޭޑު ސައިކަލެކެވެ.

މާލީ ބަޔާން ފޭސްބުކްގައި އާމު ކުރަމުން ރުކުމާ ބުނެފައިވަނީ މުޅި ރާއްޖެއަށް މާލީ ބަޔާން އާމު ކުރުމަށް ބަޔަކު ގޮވަމުން ދިޔަ ނަމަވެސް އެކަން އޭނާ ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް އޭނާ ހެންވޭރު ދެކުނުގައި އުޅުއްވާ ރައްޔިތުން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ތައްޔާރަށް ހުރި ކަމަށެވެ.