މަސްތުވާތަކެތި

ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ފުޅިތަކަކާއެކު ނުވަ މީހަކު ހައްޔަރުކޮށްފި

މާލެއަށް ބަނގުރާ އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ފުޅިތަކެއް ހޯދައި ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ ތިން ވަނަ ދުވަހުގެ އެ މީހުން ހައްޔަރުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އާ ދިމާ ފަޅުތެރޭގައި އޮތް ދޯންޏަކުން ފޮށިގަނޑުތަކެއް ބާލައި ޕިކަޕަކަށް އަރުވަނިކޮށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބަންގްލަދޭޝް ހަތަރު މީހެކެވެ.

އެ މީހުން ހައްޔަރުކޮށް، ޕިކަޕަށް އަރުވާފައިވާ ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު 1199 ދަޅު ބިޔަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހުން ފޮށިގަނޑުތައް ބޭލި ދޯނިން ޑިންގީއަކަށް ބަނގުރާ ބޭލިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ވަނީ އެ ޑިންގީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކޮށްފަ އެވެ. ފުލުހުން ބުނީ ޑިންގީ ބަލައިފާސްކުރިއިރު 480 ފުޅި ބިޔަރު ފެނިފައިވާ ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށްފައިވާއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅާއި ހަތަރު ސެލޯފިންކޮޅުގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބިޑިއެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.