އެލްޖީއޭ

ހިދުމަތުގެ ފަށަލައެއްގެ ގޮތު، ލާމަރުކަޒީ ނިޒާމު ފައްކާ ކުރާނަން: އުމަރު

ލާމަރުކަޒީ ނިޒާމަކީ ހިދުމަތުގެ ފުރިހަމަ ފަށަލައެއްގެ ގޮތުގައި ހަރުދަނާކޮށް ކުރިއަރުވައި ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީީންގެ ސަރުކާރުން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެއަށް ލާމަރުކަޒީ ގާނޫނު އުފަންވެ އެ ނިޒާމް އައީ ސިޔާސީ ގޮތުން ރާއްޖެ ވަރަށް ބޮޑަށް ހަލަބޮލިވެ ބައިބައިވެފައި އޮތް ދުވަސްވަރެއްގައި ކަމަށާއި އަދި އޭރު ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސް ކުރި އިރު އޭރުގެ އިދިކޮޅު ފަރާތަށް މެޖޯރިޓީ އޮތުމުން ގާނޫނު އައީ ކޮންމެހެން ހުންނަންޖެހޭ ބައެއް ކަންކަން ނުހިމެނި އަދި އަދި ހިމެނެން ނުޖެހޭ ބައެއް ކަންކަން ހިމެނިގެން ކަމަށެވެ. އޭގެ ނަތީޖާއަކަށްވީ އޭގެ ފަހުން އައި އެއްވެސް ސަރުކާރަކަށް ލާމަރުކަޒީ ނިޒާމު އެހާ ކަމު ނުދިއުން ކަމަށެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ މި ނިޒާމުގެ އެކި ކަންކަން އެކި ގޮތަށް ތަޖުރިބާ ކުރުމަށްފަހު މި ސަރުކާރާއެކު މިހާރު ދަނީ ރަނގަޅު މިސްރާބަށް ބައްޓަންވަމުން ކަމަށާއި ނިޒާމު ފައްކާވާން ދާންއިރު މިހާރު 90 ޕަސެންޓް ކައުންސިލްތަކަކީ ރަނގަޅު މޮޑެލްގައި ހިނގާ ކައުންސިލްތައް ކަމަށެވެ.

އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ހިދުމަތުގެ ފުރިހަމަ ފަށަލައެއްގެ ގޮތުގައި މަސައްކަތް ކުރުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މި ސަރުކާރުން ކޮށް ފުރިހަމަކޮށްދޭނެ ކަމަށާއި މުޅި ނިޒާމު އެންމެ ރަނގަޅު ބައްޓަމަށް ފައްތައިދޭނެ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން އޮތީ އަޅުގަނޑަށް ހުރިހާ ޔަގީން ކަމެއް ދެއްވާފައި މި ނިޒާމު ކުރި އަރުވައި ފުރިހަމަ ހިދުމަތުގެ ފަށަލައަކަށް ހަދައިދޭން. އަދި އެކަމަށް ކުރަންޖެހޭ ކަންކަމަށް ސަރުކާރުގެ ފުރިހަމަ ތާއީދު ދެއްވަން އަދި އެކަން އެގޮތަށް ފުރިހަމައަށް ކަންކަން ދަނީވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މަދު ބަޔަކަށް އަދި މަދު ކައުންސިލަކަށް ކައުންސިލް ނިޒާމަކީ ވަކި ސިޔާސީ ބޭނުންތަކެއްގައި އޮންނަންޖެހޭ ނިޒާމެއްގެ ގޮތުގައި ހީވެފައި އޮތް ނަމަވެސް މިހާރު އޮތް 209 ކައުންސިލްގައި ތިބި 1078 ކައުންސިލަރުންގެ ބޮޑު ބައަކީ ރަނގަޅު މަސައްކަތް ކުރާ ފަރާތްތައް ކަމަށާއި އެހެން ހުރި ކައުންސިލްތަކަށް ވެސް ސިޔާސީ ބޭނުންތަކާއެކު ކައުންސިލަށް ނުގެންދަން އެދި ވަޑައިގަންނަވާ ކަމަށެވެ.

"ބައެއް ކައުންސިލްތަކަކީ ޓްރޭނިން ބޭނުންވާ ކައުންސިލިން ބޭނުންވާ ނަސޭހަތްވެސް ބޭނުންވާ ކައުންސިލްތައް އަދި ބައެއް ފަހަރަށް ފިޔަވަޅު އަޅަންޖެހޭ ކައުންސިލްތައްވެސް ހުރޭ،" އުމަރު ވިދާޅުވި އެވެ.