ރިޕޯޓް

ދަތްއެޅުމުގެ މޫސުން ފެށުނީ ޑްރަގެއްގެ ސަބަބުން ތަ؟

  • މިފަދަ ހާދިސާތައް އެހެން ގައުމުތަކުގައި ހިނގާފައިވޭ
  • މަޝްހޫރުވެފައިވަނީ ޒޮންބީ އެޓޭކްސްގެ ގޮތުގައި
  • މިކަން ދިމާވަނީ ޑްރަގެއް ބޭނުންކުރާތީ ކަމަށްވޭ

ނިމިގެން ދިޔަ ހަފުތާ ދިވެހިން ސިއްސުވައިލީ މީހެއްގެ ކަންފަތް "ކައިލި" ހަބަރުންނެވެ. މިކަން ކުރި މީހާގެ ފޮޓޯ އާއި އަނިޔާ ލިބުނު މީހާގެ ވީޑިއޯ އާއްމުވުމުންނެވެ. ބަލާ ބެލުމަށް އެއީ މިނިކާވަގެއްގެ ހަމަލާ އެކެވެ. ނުވަތަ ކޮންމެވެސް "ޖަނަވާރެއް" ގެ ހަމަލާއެކެވެ. އަނެއްކާ އޭގެ ފަހުން އެކަން ތަކުރާރުވީ އެވެ. މިފަހަރު އައްޑޫގަ އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ މިއީ ޑްރަގެއްގެ ސަބަބުން އުފެދިގެންދާ ނުރައްކަލެއްގެ ނިޝާނެއް ހެއްޔެވެ؟

ދަތް އެޅުމުގެ ފުރަތަމަ ހާދިސާއަށް ބަލައިލަމާ ހެއްޔެވެ؟ ފުރަތަމަ ހާދިސާއަކީ މިސްކިތުގައި ހުރި މީހެއްގެ ފޯނު ފޭރި ގަންނަން އުޅެ އެކަން ކާމިޔާބު ނުވުމުން އެމީހާގެ ކަންފަތުގައި ދަތްއަޅައި ކަންފަތުގެ ބައެއް "ކައިލި" ހާދިސާ އެވެ. ދެވަނަ ހާދިސާގައި އައްޑޫ ސިޓީ ހިތަދޫގެ ޓެކްސީ ޑްރައިވަރެއްގެ އަތާއި ބޮލުގައި މީހަކު ދަތް އަޅައި ޒަހަމް ކޮށްލީ އެވެ. ދާދި އެއްގޮތް ދެ ހާދިސާ އެކެވެ. ސޯޝަލް މީޑިއާގައި މިކަމަކީ މަޖަލެއްކަމަށް ބުނެ، ޖޯކު ޖެހިނަމަވެސް މީއީ ނުރައްކާ ބޮޑު ކަމެކެވެ. މިހާހިސާބުން ދުނިޔޭގައި ހިންގާފައިވާ މި ހާދިސާއާ ގުޅުންހުރި ހާދިސާތަކަކަށް ބަލައިލާނަމެވެ.

އެއީ 2012 ވަނަ އަހަރެވެ. މި ބިރުވެރި ދުވަސްތައް ފެށިގެން ދިޔައީ އެމެރިކާ މީހެއްގެ މޫނުގެ 75 ޕަސެންޓް މީހަކު ކާލުމުންނެވެ. މިއީ އަދަޔާ ހިލާފު ކަމެކެވެ. މި މައްސަލަ ތަހުގީގު ކުރި އެމެރިކަ ފުލުހުންޣޭ ތަހުގީގުން ވަނީ މުހިންމު ކަމެއް ދެނެގަނެފަ އެވެ. އެއީ މީހެއްގެ މޫނު ކާލި މީހާ، ހާދިސާ ހިނގި ވަގުތު ޑްރަގެއް ނަގައިގެން ހުރި ކަމެވެ. މި ފަދަ ދެތިން ހާދިސާއެއް ކައިރިކައިރީގައި އެމެރިކާގައި ހިނގާދިޔަ އެވެ. ކޮންމެ ކޭސް އަކުން ވެސް މި ބުނާ ޑްރަގު ފުލުހުންނަށް ފާހަގަވި އެވެ.

އެމެރިކާގެ ފުލުހުން ބެލިބެލުމަށްފަހު އެންގީ ޖަނަވާރެއްގެ އުސޫލުން މީހުންނަށް ދެވޭ ހަމަލާތަކަކީ ޑްރަގެއްގެ ސަބަބުންވާ ކަމެއް ކަމަށެވެ. ފުލުހުން ވަނީ އެ ޑްރަގާ ދުރުވުމަށް ވެސް އާންމުންނަށް އަންގާފަ އެވެ. އެމެރިކާގެ މި ހަމަލާތައް މަޝްހޫރުވެގެން ދިޔައީ "ޒޮންބީ އެޓޭކްސް" ގެ ގޮތުގަ އެވެ.

"ޒޮންބީ އެޓޭކްސް"އަކީ "ބާތް ސޯލްޓްސް" ނަމަކަށްކިޔާ ޑްރަގެއްގެ ސަބަބުން ކުރިމަތި ހަމަލާތަކެކެވެ. މި ޑްރަގުގެ މަޝްހޫރު ނަމަކީ "ކްލައުޑް ނައިން" އެވެ. ބާތް ސޯލްޓްސް ކުދި ޕެކެޓްތަކެއްގައި "ކްލައިޑް ނައިން"ގެ ނަމުގައި އެމެރިކާގައި ވިއްކާފައިވެ އެވެ. މި ޑްރަގު އެންމެ ފުރަތަމަ ދުނިޔޭގެ ސަމާލުކަމަށް އައީ 2010 ވަނަ އަހަރު މި ޑްރަގް އިނގިރޭސިވިލާތުގައި މަނާކުރުމުންނެވެ. އެއަށްފަހު ގިނަ ޔޫރަޕް ގައުމުތަކުން ވެސް މި ޑްރަގް މަނާކުރި އެވެ.

ބާތް ސޯލްޓަކީ މީހުންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިހުސާސްތައް ބަދަލުކޮށްލާ ޑްރަގެވެ. މިއީ ސިއްހީ ގޮތުން ގިނަ ގެއްލުންތަކެއް ހުރި ޑްރަގެކެވެ. އެގޮތުން ހިތުގެ ބަލިތައް، ކިޑްނީ ފެއިލްވުން، ބޮލުގައި ރިއްސުން، ޕެނިކް އެޓޭކްސް، މޭގެ މައްސަލަތައް، އަދި ކަށިތައް ބަލިކަށިވުން ހިމެނެ އެވެ. މިއީ އާންމުކޮށް ކޮންމެ ޑްރަގުން ވެސް ވާ ގެއްލުންތަކެވެ. މި ޑްރަގުގެ އެންމެ ތަފާތު ކަމަކީ، ޑްރަގު ބޭނުން ކުރުމުން މީހާގެ ބިހޭވިއާއަށް އަންނަ ބަދަލެވެ. މީހާ ރޫޅި ގަދަކޮށްލާ، "ވައިލެންޓް ބިހާވިއާ"އަކަށް މީހާ ބަދަލުވެ އެވެ. އަދި ބައެއް ފަހަރަށް އަމިއްލައަށް މަރުވާން ވެސް މަސައްކަތް ކުރެ އެވެ. އަދި މީހުންނަށް ހަމަލާ ވެސް ދެ އެވެ. އެހެން ގޮތަކަށް ބުނާނަމަ މި ޑްރަގު ބޭނުންކުރުމުން މީހާ ޖަނަވާރަކަށްވެ އެެވެ. އަދި މި ޑްރަގު ބޭނުންކޮށްފިނަމަ ތަދު އިހުސާސް ކުރެވުން ވެސް ކުޑަވެ އެވެ.

ބާތް ސޯލްޓްސްއާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ޑރ. ކޭޓް ވިލްމާ ވިދާޅުވެފައިވަނީ، ޑްރަގް ބޭނުންކުރާ މީހުން ކޮންޓްރޯލްކޮށް އެމީހުންގެ ރުޅިގަނޑު މައިތިރިކުރުވަން އުނދަގޫވާނެ ކަމަށާއި އެމީހުންނަށް އެހީވުމަށް މަސައްކަތް ކޮށްފިނަމަ އެމީހުން ހީކުރާނީ ގެއްލުމެއް ދޭން އުޅެނީ ކަމަށް ކަމަށެވެ.

"މީހަކު ބާތް ސޯލްޓްސް ބޭނުންކޮށްފައިވާ މީހަކަށް އެހީވުމަށް މަސައްކަތް ކޮށްފިނަމަ އޭނާއަށް ހީވަނީ ގެއްލުމެއް ދޭން އުޅެނީ ކަމަށް، މި ޑްރަގް ނަގާ މީހުން ހިތުގެ ތެޅުން އިތުވާނެ، މޭގައި ވެސް ރިއްސާނެ، އޭގެ އިތުރަށް ލޭގެ ޕްރެޝާ މަތިވުމާއި ބޮޑީ ޓެންޕަރޭޗާ މަތިވުން ވެސް ހިމެނޭ؛" ޑރ. ކޭޓް ވިދާޅުވެފައިވެ އެވެ.

"މި ޑްރަގުގެ ސަބަބުން ދިގު މުއްދަތަކަށް ސިކުނޑީގެ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިދާނެ، ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވޭ،"

އެމެރިކާގައި މަޝްހޫރުވެގެން ދިޔަ "ޒޮންބީ އެޓޭކްސް" އާއި ބާތް ސޯލްޓްސް ޑްރަގާ، ރާއްޖޭގައި މިދިޔަ ހަފުތާ ތެރޭގައި ހިނގާ ދިޔަ ދެ ހާދިސާއާ ވަރަށް ބޮޑު ގުޅުމެއް އެބަ އޮތެވެ. ބުއްދި ގަބޫލުކުރާނެ ހަގީގަތެކެވެ. ހަމަ އެހެން ހުރެފައި މީހެއްގެ ކަންފަތުގެ އެއްބައި ކާލައި ވަކިކޮށްލާނެ ހެއްޔެވެ؟ ނޫނީ މީހެއްގެ ބޮލާއި އަތުގައި ދަތް އަޅާނެ އެވެ. ގައިމު ވެސް މީގެ ކުރިން މި ފަދަ ކަންކަން ރާއްޖޭގައި ހިނގާފައެއް ނެތެވެ.

މީގެ އިތުރުން ކަންފަތް ކާލި މައްސަލާގައި ހައްޔަރުކުރި 24 އަހަރުގެ ފިރިހެނާއަކީ މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ރިކޯޑް އޮންނަ މީހެކެވެ. ހަމަ އެ ފަދައިން ޑްރައިވަރުގެ ބޮލާއި އަތުގައި ދަތް އަޅައިގެން ހައްޔަރުކުރި 29 އަހަރުގެ ފިރިހެން މީހާއަކީ ވެސް މަސްތުވާތެކެތީގެ ގިނަ ރިކޯޑްތަކެއް އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ތަފާތު ގިނަ ވައްތަރުގެ ޑްރަގުތައް ވަގަށް އެތެރެކޮށް ވިއްކަމުންދާއިރު ސުވާލަކީ، ބާތް ސޯލްޓްސް ރާއްޖެއަށް އެތެކޮށް ވިއްކަމުން ދަނީ ބާ އެވެ؟ ދަތްއެޅުމުގެ މޫސުމާ މި ޑްރަގާ ގުޅުމެއް ވޭބާ އެވެ؟