ހަބަރު

އީވާގެ މާލީ ބަޔާން: މިލްކިޔާތުގައި އެއްވެސް މުދަލެއް ނެތް

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲގެ މާލީ ބަޔާން އާންމު ކުރައްވައިފި އެވެ.

ކޮންމެ އަހަރަކު އެއްފަހަރު މަޖިލީހުގެ މެމްބަރެއްގެ މިލްކީޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތާއި، އަރަންޏާއި ދަރަނި ހާމަކޮށް ބަޔާނެއް އަމީންއާމަށް ހުށަހަޅާން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެއަށް އެއްވެސް މެމްބަރަކު އަމަލު ނުކުރުމުގެ ސަބަބުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކަމާއި ދެކޮޅަށް ކެމްޕެއިންއެއް ފަށައި، ގިނަ ބަޔަކު މިހާރު އަންނަނީ މެމްބަރުންގެ މާލީ ބަޔާން ހާމަ ކުރުމަށް ގޮވާލަމުންނެވެ.

އެގޮތުން 28 މެއި 2014 އިން ފެށިގެން 27 މެއި 2015ގެ ނިޔަލަށް މުދަލާއި ހިސާބުތަކުގެ ތަފްސީލު ހިމެނޭ މާލީ ބަޔާން އީވާ އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނާ ގޮތުން އެމުއްދަތުގެ ތެރޭގައި އީވާއަށް މުސާރާގެ ގޮތުގައި ލިބިފައި ވަނީ 80،153.72 ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި ފައިސާގެ ގޮތުގައި ހުރި 36.556.60 ރުފިޔާއާއި، 2،827.72 ޑޮލަރެވެ.

އީވާގެ މާލީ ބަޔާނުގައިވާ ގޮތުން އީވާގެ ވިޔަފާރީއެއް ނުވަތަ ހިއްސާވާ ވިޔަފާރިއެއް ވެސް ނެތެވެ. އަދި އީވާގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ވެސް ނެތް ކަމަށް މާލީ ބަޔާނުގައިވެ އެވެ.