ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރެއް ކަމަށް ސ. ހިތަދޫ ކަރަންކާވިލާ، އަހުމަދު އަމީންގެ ނަން މަޖިލީހަށް ހާޒިރުވީ މެމްބަރުންގެ އިއްތިފާގުން ބަލައިގަނެފި އެވެ.
އެންއައިސީގެ މެމްބަރު ކަމަށް އަމީން އައްޔަން ކުރެއްވުމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހުށަހެޅުމުން އެ ނަން ފާސް ވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ އިއްތިފާގުންނެވެ.
އެންއައިސީ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެކޮމިޝަންގެ މެމްބަރު ކަމަށް ފަސް މެމްބަރުން އައްޔަން ކުރައްވަން ޖެހޭ ނަމަވެސް މިހާރު ތިއްބެވީ ހަތަރު ބޭފުޅެކެވެ. އެއީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއު މުހައްމަދާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ފަރުހާދާއި ހަސަން ހަމީދު އަދި ހަދީޖާ އަބްދުﷲ އެވެ.