މީހުން

ލެންސް އަޅުވާލީ ކާރައި ސައިކަލުގެ ދުވެލީގައި، ދެން އަތެއް ނުވާނެ

މަ ސައްކަތުގައި ތަފާތު ދައްކާ މީހުންނަކީ މީހުންގެ ޝައުގުވެރިކަން ފަސޭހައިން އަތުލައިގަންނަ ބައެކެވެ. އެ މީހުންގެ ހުނަރު އެއީ އެންމެންނަށްވެސް ކަމުދާ ކަމަކަށްވާތީ އެވެ. އުމުރުން 21 އަހަރުގެ ފަންނުވެރި އިބްރާހިމް ރިޔާޝް ރިޔާޒް އަކީވެސް ފޮޓޯގްރަފީގައި އާންމުކޮށް މީހުން ނުނަގައި ޒާތެއްގެ ފޮޓޯ ނަގާ ހުނަރުވެރިއެކެވެ. ރިޔާޝް ހާއްސަ ކަމަކީ ކާރާއި ސައިކަލް އެކި އެންގަލްތަކުން ފޮޓޯ ނެގުމެވެ. ޒުވާން މި ހުނަރުވެރިޔާ މިފަހަރު މިގެނެސްދެނީ ފޮޓޯގްރަފީގައި ކުރިއަށް ދިއުމަށް ބޭނުންވާ މީހުންނަށް ލިބޭ ހިތްވަރަކަށް ވާނެތީ އެވެ.

ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީއަށް ޝައުގު އުފެދުނީ ކިހިނެއް

މި ދަތުރު ރިޔާޝްއަށް ފެށުނީ ފޮޓޯގްރަފީއަށް އޮތް ޝައުގެއްގެ ސަބަބުން 2019 ވަނަ އަހަރު އޯލެވެލް ނިމުމަށްފަހު އެވެ. ފުރަތަމަ ފޮޓޯ ނަގަން ފެށީ ފޯނުގެ ކެމެރާ ބޭނުންކޮށްގެންނެވެ.

"އެއިރު އަދި ވީޑިއޯގްރަފީއަކާމެދު ނުވެސް ވިސްނަން،" ރިޔާޝް ބުންޏެވެ.

އެއަށްފަހު 2022ގައި ރިޔާޝްއަށް ކެނަން އައިއެކްސްޔޫއެސް 185 ޑިޖިޓަލް ކެމެރާ އެއް ލިބުނެވެ. އެހިސާބުން ފޮޓޯގްރަފީގެ އިތުރުން ވީޑިއޯގްރަފީއަށްވެސް އޭނާގެ ހިތްޖެހުނެވެ.

ކާރާއި ސައިކަލުގެ ފޮޓޯ އަދި ވީޑިއޯ ނަގަން ހާއްސަވީ ކީއްވެ

އެންމެ ކުރީއްސުރެ ވެސް ކާރާއި ސައިކަލުގެ ފޮޓޯ ނެގުމުގެ ޝައުގު ހުރި ނަމަވެސް ރިޔާޝްއަށް އެކަން ދައްކުވައިދެވޭނެ ވަކި ގޮތެއް ނެތެވެ. އެއަށްފަހު ސްކޫލު ދައުރު ނިމުމުން އޭނާއަށް ސޯޝަލް މިޑިއާއިން ފެނުނު އެފަދަ ފޮޓޯއާއި ވިޑިއޯތަކުން ހިތްވަރު ލިބި، އެކަމުގައި ކުރިއަށް ދިޔުމަށް މަސައްކަތް ކުރަން ފެށީ އެވެ.

"އަޅުގަނޑު ހިތަށް އެރީ ދެން އަޅުގަނޑުވެސް ޓްރައި ކޮށްލާނަމޭ. ދެން އޭގެ ފަހުން ފޯނުން ފުރަތަމަ ފެށީ. އެ ފޮޓޯތައް މީހުންނަށް ކަމުދިޔައީމާ އެއަށް ހާއްސަވީ،" ރިޔާޝް ބުންޏެވެ.

ވީޑިއޯއާއި ފޮޓޯ ރީތިކޮށް ނެގުމަށްޓަކައި ވިސްނަނީ ކޮން ކަމަކަށް

ރިޔާޝްއަށް އެންމެ މުހިއްމު އެއް ކަމަކީ ފޮޓޯ އަދި ވީޑިއޯ ޝޫޓް ކުރާ ލޮކޭޝަނެވެ. ކާރުގެ ނުވަތަ ސައިކަލުގެ ކުލަ ނުވަތަ ސައިކަލު އެއާ ގުޅޭ މަންޒަރެއްގައި ޝޫޓް ކުރުމަށް އޭނާ އިސްކަން ދެއެވެ. އޭގެއިތުރުން ތަފާތު އޭންގަލްތަކުން ޝޫޓް ކުރެވޭނެ ގޮތެއް ރިޔާޝް އަބަދުވެސް ވިސްނަ އެވެ.

"މީހުން އަބަދު ނަގާފައި ހުންނާނެ ފަހަރެއްގައި ކާރުގެ އެއް ލައިޓެއް ނޫނީ ރިއާ ލައިޓް އެއް،" ރިޔާޝް ބުނެދިނެވެ.

އޭނާ އަބަދުވެސް ބަލަނީ އާންމުކޮށް ނުފެންނަ، އުފެއްދުންތެރި ގޮތަކަށް ފޮޓޯ އަދި ވީޑިއޯ ގެނެސްދިނުމަށެވެ. އަދި އެ ފޮޓޯ ނުވަތަ ވީޑިއޯއެއް އެޑިޓް ކުރާއިރުވެސް ތަފާތު ސްޓައިލެއް ގެންގުޅުން ރިޔާޝްއަށް މުހިއްމެވެ.

ފަށައިގެންއިރާ މިހާރާ ހުރި ތަފާތަކީ ކޮބާ

ފޮޓޯގްރަފީއާއި ވީޑިއޯގްރަފީގެ މަސައްކަތް ރިޔާޝް ފުރަތަމަ ފެށިއިރު ނޭނގޭ ބައެއް މުހިއްމު ކަންކަން މިހާރު އޭނާއަށް ވަނީ މަސައްކަތުގެ ތެރެއިން ދަސްވެފަ އެވެ.

"ކުރީގަ ވަރަށް ނޭނގޭނެ ކެމެރާ ސެޓިންގްސް، ދެން އަބަދުވެސް އޮޓޯގައި ޝޫޓް ކުރާނީ،" ދަސްވި ކަންކަން ކިޔައިދެމުން ބުންޏެވެ.

މެނުއަލް ސެޓިންގައި ޝޫޓް ކުރަން ފެށީ ރިޔާޝްގެ އާއިލީ ކުއްޖަކާއި އޭނާގެ އަންހެނުން ކިޔައިދިނުމުން އެމީހުން ފަރާތުން ލިބުނު އެހީތެރިކަމާއެކު ކަމަށް ރިޔާޝް ބުންޏެވެ. އެގޮތުން ޝަޓާ ސްޕީޑް އަދި އައިއެސްއޯ ފަދަ ފީޗަތަކުގެ މުހިއްމުކން އޭނާއަށް ދަސްވި އެވެ. މީގެ އިތުރުން ވީޑިއޯގްރަފީގެ ތެރެއިން ކަލާ ގްރޭޑިން ފަދަ ކަންކަން ދަސްކޮށް، ގްރެފިކް ޑިޒައިނިން އޭނާގެ ފޮޓޯގްރަފީއާއެކު ގެނެސްދޭން ފެށި އެވެ. ރިޔާޝް ބުނީ މިއީ އޭނާއަށް ދަސްކުރުމުގެ ތަޖުރިބާއަކަށްވެސް ވެގެން ދިޔަ ކަމެއް ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން ދަސްވީ ކޮން ކަމެއް

ރިޔާޝް ކުރާ މަސައްކަތުގެ ތެރެއިން އޭނާއަށް ދަސްވި އެންމެ މުހިއްމު ކަމަކީ އެންމެންނަކީ ތިމާގެ ސްޓައިލް ކަމުދާ ބަޔަކަށް ނުވާނެ ކަމެވެ. އަދި އެމީހެއްގެ ވާދަވެރިއަކަށް އަކަށް ވާންޖެހޭނީ އެމީހެއް އެކަނި ކަމެވެ.

"ތިމާ މީހާ އުފާ ވަންޏާ އެކަންތައް ކުރިއަށް ގެންދާށޭ ވާހަކައަކީ،" ރިޔާޝް ބުންޏެވެ.

ތަފާތު މަސައްކަތެއް ކުރަން ބޭނުންވާ ކުއްޖަކަށް ދޭނެ ނަސޭހަތަކީ ކޮބާ

ފޮޓޯގްރަފީ ނުވަތަ ވީޑިއޯގްރަފީގެ ދާއިރާއިން ކުރިއަށް ދިއުމަށް އަޒުމު ކަނޑައަޅާފައިވާ ކުދިންނަށް ރިޔާޝް ދޭން އޮތް ނަސޭހަތަކީ އެ މަސައްކަތެއްގައި ނަތީޖާއެއް ލިބެންދެން ގަދައަޅާ ހިތްވަރު ކުރުމެވެ.

"ފޯނު އެކަނި އޮތަސް ކުރާށޭ ވާހަކައަކީ، އެއީ ރިޔާޝްވެސް ފުރަތަމަ ފެއްޓިއިރު ފޯނު ބޭނުންކުރީ،" އޭނާ ބުންޏެވެ.

ރިޔާޝް ބުނީ އަބަދުވެސް ދަސްކޮށް، ދިރާސާ ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އަމިއްލަ ސްޓައިލެއް ގެންގުޅުމަށް އިސްކަންދިނުމާއިއެކު އެހެން މީހުންގެ ހިޔާލާ އެކު ތިމާގެ އަމިއްލަ ސްޓައިލެއް ގެންގުޅުމަށްވެސް އެދުނެވެ.

"އެކަމަކު މީހުން ކައިރި އޮޕީނިއަން އެހުމަކީ ރިޔާޝް ގެންގުޅޭ އައިޑިއޮލޮޖީއެއް ނޫން. އެހެން ކުދިން ނާހަށެކޭވެސް ނޫން މިބުނީ،" އޭނާ ބުންޏެވެ.

ބުނެލަން ބޭނުންވާ ހާއްސަ ވާހަކައެއް

ރިޔާޝް ވަނީ ކާރު އަދި ސައިކަލު ގެންގުޅޭ މީހުންނަށް ހާއްސަ މެސެޖެއް ދީފަ އެވެ.

"ބުނެލަން އޮތީ އާ ފޮޓޯގްރަފަރުން ނޫނީ ވީޑިއޯގްރަފަރުންނަށް ޗާންސް ދޭށޭ، އެމީހުން ވެސް ބޭނުންވަނީ ދަސްކުރާށޭ. އުނދަގޫ ކުރާކަށް ނޫނޭ،"