ހަބަރު

މާރިޔާގެ މިލްކިއްޔާތުގައި މާލެއިން ގޯއްޗަކާއި 1.5 މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ މިލްކިއްޔާތުގައި 1.5 މިލިއަން ރުފިޔާއާއި މާލެއިން ގޯއްޗެއް ހުރި ކަމަށް ބުނެ މާލީ ބަޔާން އާންމުކޮށްފި އެވެ.

މާރިޔާގެ މާލީ ބަޔާން އާމުކޮށްފައިވާއިރު މެންބަރު އަހުމަދު މަހުލޫފްގެ އިތުރުން އެމްޑީޕީގެ ބައެއް އެހެން މެމްބަރުން ވެސް ވަނީ މާލީ ބަޔާން އާންމުކޮށްފަ އެވެ. ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުން ވެސް ދަނީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ މާލީ ބަޔާން އާންމު ކުރުމަށް ގޮވާލަމުންނެވެ.

މިއަދު މާރިޔާ އާމުކުރި ބަޔާނުގައި ބުނެފައި ވަނީ އޭނާގެ މިލްކިއްޔާތުގައި ހުރީ 762،479.81 ރުފިޔާއާއި 774،765.56 ޔޫއެސް ޑޮލަރު ހުރި ކަމަށާއި ގ. އޮއިނާށި އަކީ މާރިޔާގެ މިލްކިއްޔާތުގައިވާ ގޯއްޗެއް ކަމަށެވެ. އަދި މާރިޔާގެ އަމިއްލަ ވިޔަފާރިއެއް ނެތް ކަމުގައި ވިޔަސް އޭނާގެ 57 ޕަސަންޓު ހިއްސާ ދޮންހިޔަލަ ޕްރައިވެޓް ލިމިޓަޑް ކުންފުނީގައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާރިޔާއަށް 28 މެއި 2014 އިން ފެށިގެން 27 މެއި 2015ގެ ނިޔަލަށް މުސާރައާއި ކުލީގެ ގޮތުގައި 1،601،105.23 ރުފިޔާ ލިބިފައިވާ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހެ އެވެ.