ޑަބްލިއުއެޗްއޯ އާއި ހެލްތް މިނިސްޓްރީ ގުޅިގެން ސިއްހީ ދާއިރާގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުމަށް މީޑިއާ އަށް މައުލޫމާތު ދިނުމާ ބެހޭ ވޯކްޝޮޕެއް ހެލްތް މިނިސްޓްރީގެ މުވައްޒަފުންނަށް ފަށައިފި އެވެ.
އެއް ދުވަހަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި ފެށި ވޯކްޝޮޕްގައި މިނިސްޓްރީގެ ޑިޕާޓްމަންޓު ތަކުން މުވައްޒަފުން ބައިވެރިވި އެވެ.
ވޯކްޝޮޕް ފައްޓަވައި ދެއްވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ބަލި މަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅެއް ނަމަވެސް އާއްމުން ހޭލުންތެރިކޮށް މައުލޫމާތު ފަތުރަން އެންމެ އިސް ދައުރެއް އަދާކުރެވޭނީ މީޑިއާއަށް ކަމަށެވެ.

"ޕްރިވެންޓިވް ހެލްތް ކެއާގައި ވެސް އަދި އާއްމުން ހޭލުންތެރިކޮށް މައުލޫމާތު ފެތުރުމުގައި މީޑިއާގެ ދައުރު ވަރަށް ބޮޑު. އެހެން ވީމަ މީޑިއާ އަށް މައުލޫމާތު ދިނުމުގައި ވަރަށް ބޮޑަށް ޒިންމާދާރުވާން ޖެހޭ،" އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ސައްހަ މައުލޫމާތު ފެތުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވި އެވެ.