މީހުން

ސިޔާސީވުމުގެ ކުރިންވެސް ރޮޒޭގެ އަނގަ ގަދަ! އެހާ ލޯބި!

 އެންމެން ވެސް ދައްކަނީ ހުޅުމީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ)ގެ އަނގައިގެ ވާހަކަ އެވެ.  މާ އަނގަ ގަދައީ އެވެ. ރޮޒޭ ހަމަ އެހާ އަނގަގަދަ ހެއްޔެވެ؟ 

މިއީ ރޮޒޭގެ ވާހަކަ އެވެ. އެކަމަކު އޭނާގެ ސިޔާސީ ވާހަކައެއް ނޫނެވެ؛ ސިޔާސީ ސްޓޭޖުގައި ރޮޒޭ މަޝްހޫރުވެ ސިޔާސީވެ ވަޑައިގަތުމުގެ މާކުރީގެ ހަނދާންތަކުގެ ވާހަކަ އެވެ.

"ސްކޫލްގައި ވެސް ވަރަށް ހަލަބޮލިކޮށް އުޅުނު މީހެއް އަޅުގަނޑަކީ. ޓީޗަރުން ވެސް އާންމުކޮށް ޕޭރެންޓް މީޓިންތަކުގައި ވެސް ބުނާނީ ހުރިހާ ކަމެއް ވެސް ރަނގަޅޭ. އެކަމަކު މާ ގިނައިން އަނގަ ތަޅުވަނީޔޭ،" ރޮޒޭ ހިނިފުޅުވަޑުވާލެއްވި އެވެ.

ރޮޒޭއަކީ ވަރަށް ގަދަރުވެރި ސިޔާސީ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭކަނބަލެކެވެ. މަންމަ އާއި ބައްޕަ އަކީ ވެސް ގާނޫނު ހަދާ މަޖިލީހުން ކުރިން ފެނިވަޑައިގެންފައިވާ ދެ މޫނެވެ. އެ ވާހަކަ އަށް ނުގޮސް ފަށައިގަންނާނީ "މަންމަގެ ފަހާފޮށި، ބޯޓަކަށް ހަދައިގެން" ރޮޒޭ އޭނާގެ ކޮއްކޮމެން ގޮވައިގެން ކުޅެން އުޅުއްވި ދުވަސްތަކާ ހަމައިންނެވެ.

"މަންމަ އަކީ އޭރު ވެސް ފަހާ މީހެއް. އެހެންވީމަ ގޭގައި ހުންނާނެ ފަހާފޮއްޓެއް. ދެން ކޮއްކޮމެން ގޮވައިގެން އަޅުގަނޑު އުޅޭނީ އޭރު މި ފަހާފޮށީގެ ދަށަށް ވަދެގެން. އަޅުގަނޑުމެން ގޭ ތެރޭގައި ކުޅެން ތިބޭއިރު އެއީ ދެން ބޯޓެއް. އޭގެ ވީލްގައި ހިފައިގެން ބޯޓެއްގެ ހުންގާނުހެން އަނބުރާލަ އަނބުރާލަ ތިބޭނީ،" މިއީ ރޮޒޭގެ މާ ކުރީގެ ހަނދާނެކެވެ.

އޭނާ ވިދާޅުވީ ތިން ކޮއްކޮ އާއި މަންމަ އާއި ބައްޕައާއެކު އުޅެ ބޮޑުވި ގެއަކީ "ވަރަށް މަޖާ، ސަކަރާތްޖަހައި ފޯރި ނެގި އަދި އެހާމެ އާއިލީވަންތަކަން ބޮޑު" މާހައުލެއް ކަމަށެވެ.

ރޮޒޭ ބުނާ ގޮތުން ބައެއް ދުވަސްދުވަހު ގެ، ކުޅޭ ކާނިވަލަކަށް ބަދަލުކޮށްލައިގެން ވެސް ކޮއްކޮމެނާއެކު އޭނާއަށް އުޅެވެ އެވެ. ނަމަވެސް މިހުރިހާ ސަކަރާތަކާއި ކުޅިވަރެއްގެ ތެރެއިން ވެސް އޭނާ އެއް ކަމަކަށް ވަގުތު ހުސްކުރެއްވި އެވެ. ފުރާވަރަށް އަރާ އެހެންވެސް ގިނަ އަންހެން ކުދިން ފަދައިން ރޮޒޭ ވެސް ޖެހުނީ ވާހަކަ ފޮތުގެ ޖާދޫގަ އެވެ.

"އޭރު ވަރަށް ގިނަ ވަގުތު ދެވޭ ވާހަކަ ފޮތް ކިޔުމަށް. މަންމަ އުޅޭނެ އެކަމާ ހެދި ބައެއް ފަހަރު އުނދަގޫވެގެން ވެސް. އެއީ ކިޔަވަން ބެހެއްޓީމަ ކިޔަވާ ފޮތުގެ ތެރެއަށް ވެސް ކޮންމެވެސް ވާހަކަ ފޮތެއް ލައިގެން އެ ފޮތް ކިޔަން ހުއްޓާ ފެންނާނީ އަބަދުވެސް،" ރޮޒޭ ވިދާޅުވި އެވެ.

އޭރު ފޮތުގެ ދުނިޔެއިން އޭނާގެ ހިތް ފަތަހަކުރީ ކުޑަކުދިންގެ މަޝްހޫރު ވާހަކަލިޔުންތެރިޔާ އެނިޑް ބްލައިޓޮން އެވެ.

"އޭނާ އަކީ އަޅުގަނޑުގެ ފެވަރިޓް އޯތާ. އޭނާގެ ފޭމަސް ފައިވް ސީރީޒް އާއި ސީކްރެޓް ސެވަން އާއި ވިޝިން ޗެއާ އާއި ފާރަވޭ ޓްރީއާ މިހެން ގޮސް ކިޔާނެ ކަމެއް ނެތް. އެނިޑް ބްލައިޓޮންގެ ހުރިހާ ފޮތެއް ކިޔާނެ އޭރު."

ފިލާވަޅު ދަސްކުރަން ހަވާލުކުރުން ބްލައިޓޮންގެ ވާހަކަތަކުން ގަނޑު އުކަން އޮންނެވިޔަސް ދަރިވަރެއްގެ ގޮތުގައި ވެސް ރޮޒޭ އޭރުވެސް ތޫނުފިއްޔެވެ. ކްލާހުގައި ކިތަންމެ "އަނގަގަދަކޮށްލައިގެން އުޅުނަސް" ޓީޗަރު ހަވާލުކުރާ މަސައްކަތް އެންމެ އަވަހަށް ނިންމާ ދަރިވަރަކީ ވެސް އޭނާ އެވެ.

"ސްކޫލްގައި އެސޭއެއް ލިޔަން ހަވާލުކުރިޔަސް އެންމެ އަވަހަށް އެ މަސައްކަތް ނިންމާ ކުއްޖަކަށް ވާނެ އަޅުގަނޑު. އެއަށް ފަހު ދެން އޮންނަ ވަގުތުގައި ގިނަ ފަހަރު އަޅުގަނޑު އިތުރު މަޒުމޫނެއް ވެސް ލިޔަން. އެއަށް ފަހު ދެން އޮންނާނީ ހަމަ އަނގަތެޅުން."

ރޮޒޭ ވިދާޅުވި ގޮތުގައި އެހެން ދަރިވަރުންގެ ހައްގުތައް ހޯދައި ދިނުމަށް ސްކޫލްގައި ދަރިވަރުންގެ ބަޔަކު އަޑުގަދަކުރިޔަސް އެންމެ ކުރީ ސަފުން އޭރުވެސް އޭނާ ފެންނާނެ އެވެ. 

ރޮޒޭއާ ގުޅޭ އެހެން ދިމާލަކަށް ބަލައިލަމާ ހެއްޔެވެ؟ 

ކިޔެވުން ނިންމަވާލެއްވުމަށް ފަހު ވެސް ރޮޒޭ އަލުން ވަޑައިގެންނެވީ ސްކޫލަށެވެ. އެކަމަކު މިފަހަރު ދަރިވަރެއްގެ ޔުނީފޯމަކު ނޫނެވެ. ޓީޗަރެއްގެ ހެދުމުގަ އެވެ. އެގޮތުން އޭލެވެލް ނިންމަވާލެއްވުމަށް ފަހު ރިސޯސް ޓީޗަރެއްގެ ގޮތުގައި އަމީނިއްޔާ ސްކޫލާ ގުޅިވަޑައިގަތީ 1994 ވަނަ އަހަރު އެވެ. އޭރު އޭނާ އަށް އެންމެ 16 އަހަރެވެ. އެއީ ރޮޒޭގެ ފުރަތަމަ ވަޒީފާ އެވެ. ލިބިވަޑައިގެންނެވި މުސާރައަކީ 1500ރ. އެވެ.

އަމީނިއްޔާގައި ރިސޯސް ޓީޗަރަކަށް އުޅުއްވަމުން، އެ ސިޑިން މަޑުމަޑުން މައްޗަށް އަރާވަޑައިގެންނެވީ އެވެ. ދެން ފެނިވަޑައިގަތީ ޓީޗިން ފުރިހަމަކުރެއްވުމަށް ފަހު ގްރޭޑް ހަޔެކާއި ހަތެކަށް ސައިންސް އަދި އިނގިރޭސި ފިލާވަޅު ނަންގަވައި ދެއްވަން ހުއްޓަ އެވެ. އެއަށް ފަހު ޑިގްރީއެއް ފުރިހަމަކުރައްވައިގެން ގްރޭޑް ދިހައަކާ ހަމަ އަށް އިކޮނޮމިކްސް ކިޔަވައި ދެއްވަން ފެއްޓެވީ އެވެ.

މާސްޓާސް ޑިގްރީ ހާސިލުކުރެއްވީ މާކެޓިންގެ ދާއިރާ އިންނެވެ. ނަމަވެސް އޭރު ވެސް ހިދުމަތްކުރައްވަމުން ގެންދެވީ ތައުލީމީ ދާއިރާގަ އެވެ. ރޮޒޭގެ މި ކެރިއަރު 1994 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައިން ނިމުމަކަށް އައިއިރު އެއް އިރެއްގައި އަމީނިއްޔާ ސްކޫލްގެ ސުޕަވައިޒަރުކަމުގެ މަގާމު ވެސް ފުރުއްވި އެވެ.

"އެއީ ވަރަށް އެންޖޯއިކުރި ދުވަސްތަކެއް އަޅުގަނޑު. އޭރު އެއްގޮތަކަށް ވެސް ސިޔާސީ ކަންކަމުގައެއް ނޫޅެން އަޅުގަނޑެއް. އެކަމަކު ވެސް ބައްޕަ ސިޔާސީ ބޭފުޅަކަށްވީމަ ގޭ ތެރެއިން ވެސް ދިޔައީ ސިޔާސީ ކަންކަމުގެ ތަޖުރިބާ ލިބެމުން އޭރު،" ރޮޒޭ ވިދާޅުވީ މިހެންނެވެ.

ސިޔާސީވެވަޑައިގަތުމުގެ ކުރީގެ ވާހަކަތަކަށް ހާއްސަވީމަ، ރޮޒޭ ސިޔާސީވެ ވަޑައިގެންނެވި ވާހަކަ ބާއްާފައި މި ގަނޑު ވެސް މިހާ ހިސާބުން އެއްލާލަމާ ހިނގާށެވެ.

މިފަހަރު "ލަވް ސްޓޯރީ" އެވެ؛ ރޮޒޭއަށް މުހައްމަދު ނާޝިޒް ތައާރަފްވާ ހިސާބަކީ މިއީ އެވެ. މިއީ ރޮޒޭގެ ފިރިކަލުން އަދި ކުރީގެ މަޖިލިސް މެމްބަރެވެ. 

ނިންވައި ނުލެވޭވަރަށް ރޮޒޭ އައި ނާޝިޒާ ދެ ބޭފުޅުންގެ ހިތް، އިޝްގުގައިޖެހި އަނަދައިގަތީ ސިލޯނުގައި ދެ ބޭފުޅުން އޭލެވެލް އަށް ކިޔަވަމުން ގެންދެވި ދުވަސްވަރު އެވެ. ސިލޯނުގައި ފޮޅުވި މާތަކުން "ހާރެއް" ގަތައި ކައިވެނީގެ ގޮށްޖެހީ 1997 ވަނަ އަހަރު އެވެ. ރޮޒޭ ވިދާޅުވާ ގޮތުން ސިލޯނުގެ މިނިވަން ޖައްވުގައި ނާޝިޒާއެކު ފޮޅުވި މާތައް އަދިވެސް މިލައިގެނެއް ނުދެ އެވެ.

"ފެށުނީއްސުރެން ވެސް ވަރަށް ސަކަރާތް ޖަހާ ދެ މީހުން އަޅުގަނޑުމެން ދެ މީހުންނަކީ. އަދިވެސް ހަމަ އެ ގޮތް. އަނގަތަޅަން ފަށައިފި ނަމަ ވާހަކަ ވެސް ހުސްނުވާނެ ދެ މީހުންގެ. މިހާރު ވެސް ބައެއް ރޭރޭ ރޭގަނޑު ތިނެއް ހަތަރެއް ޖަހަންދެން ވެސް ސަކަރާތުގައި ވާހަކަ ދައްކަން އެބަތިބެވޭ،" ދެމަފިރިންގެ ދެމެދުގައި ފައްކާކޮށްފައި އޮތް ގުޅުމަށް އަދިވެސް އެއްވެސް ބަދަލެއް ނާންނަކަން ރޮޒޭ އަންގާލަ ދެއްވީ އޭނާގެ ގަދަ އަނގަޔާއި ގަދަ ހުނުމުންނެވެ.

"ވަރަށް ޔުނީކް ގުޅުމެކޭ ބުނެވޭނީ ދެ މީހުންގެ ދެމެދުގައި އޮތީ. އެއީ މިހާ ދުވަސްވާއިރު ވެސް އެއްވެސް ފޫހިކަމެއް ނެތި އެކީގައި އުޅެމުން މި ގެންދަނީ."

ރޮޒޭ އާއި ނާޝިޒްގެ ކައިވެންޏަށް އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކު ވަނީ ލިބި ވަޑައިގެންފައެވެ. 

"އަންހެން ކުއްޖަކު ލިބިއްޖެ ނަމަ އަޅުގަނޑުގެ ނަމުގެ އެއްބައިން ނަން ދޭން ނިންމައިގެން ތިބީ މާ ކުރިން ވެސް. އެއީ ޒައިނާ."

ދެންވެސްވީ އެހެނެވެ؛ ފިރިހެން ދަރިފުޅަށް ވެސް ނަން ދިނީ ރޮޒޭގެ ނަމާ ގުޅުވައިގެންނެވެ. އެއީ ޒައިން އެވެ.

އަދި އެއް ސުވާލު އެބައޮތެވެ. ފިރިމީހާގެ ފަރާތުން ރޮޒޭ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ސަޕްރައިޒަކީ ކޮބައި ހެއްޔެވެ؟ ނުވަތަ އޭނާ ކޮށްދިން އެންމެ "ލޯބި" ކަމަކީ ކޮބައި ހެއްޔެވެ؟

"އެއީ ބާތުޑޭ ސެލެބްރޭޝަންއެއްގައި އެއް ދުވަހަކު އަޅުގަނޑު ގޮވައިގެން ދިޔައީ ޔޮޓަކަށް. އެއީ އަޅުގަނޑު އެއްގޮތަކަށް ވެސް އެކްސްޕެކްޓްކުރި ކަމެއް ވެސް ނޫން ޔޮޓެއްގައި އުފަން ދުވަސް ފާހަގަކުރުން. ދެން އަދި ޔޮޓަށް ދިޔައިރު އާއިލާގެ އެންމެން ވެސް އޭގައި ތިބީމަ އެކަންވީ ވަރަށް ސަޕްރައިޒިން ކަމަކަށް އަދި ހާއްސަ ދުވަހަކަށް،" ރޮޒޭ ވިދާޅުވި އެވެ.

ދެން މި އޮތީ "ރީތި އަބަދުވެސް ރީތި" ރޮޒޭގެ ޗެޕްޓާ އެވެ.

ރޮޒޭ އެހާ ރީތީ ކީއްވެ ހެއްޔެވެ؟ އެންމެވެސް އުޅެނީ ރޮޒޭ ރީތިވެގެނެވެ. ސިޔާސީ މައިދާނުން ފާހަގަކޮށްލެވޭ އެންމެ ރީތި އަންހެން ބޭކަނބަލުންގެ ލިސްޓްގައި އެންމެ ކުރީ ރޮޒޭގެ ނަން އޮވެއެވެ. އެ ރީތި ކަމުގެ ސިއްރާ ބެހޭ ގޮތުން ސުވާލު ކުރުމުން ރޮޒޭ ހިނިފުޅުވެޑުވީ އެވެ. އަނގަ ހުޅުވުނީ އެވެ.

"ދެން އަޅުގަނޑު ހަމަ އެއްވެސް ކަމެއް ނުކުރަމޭ އަސްލު ދަންނަވާލަން ޖެހޭނީ. ކަސްރަތު ވެސް އެއްވެސް ގޮތަކަށް ނުކުރާ މީހެކޭ ބުނެވިދާނެ އަޅުގަނޑަކީ. އެކަމަކު މިއަދު ދިޔައިން ޖިމަށް ވަރަށް ޒަމާންކޮށްލާފަ. މާ ފަލަވަނީއޭ ހިތަށް އަރައިގެން."

ރޮޒޭ ވިދާޅުވި ގޮތުގައި އޭނާ އަކީ ރީތިކޮށް ފިޓްކޮށް ހުންނެވުމަށް ހާއްސަ ކަސްރަތެއް ނުވަތަ ހާއްސަ ފޯމިއުލާއެއް ގެންގުޅުއްވާ ބޭފުޅެއް ނޫނެވެ.އަދި ކަސްރަތުކުރާ ހިތްވިޔަސް ގަވާއިދުން ކަސްރަތު ވެސް ކުރެއްވޭ ބޭފުޅެއް ނޫނެވެ.

"އެކަމަކު ކަސްރަތުކުރަންވީއޭ ހިތަށް އަރައިގެން ދޭތެރެއަކުން މިގޮތަށް ފެށިޔަސް ހަފުތާއަކަށް ވުރެ ގިނަ ދުވަހު އެކަމެއް ހިފަހައްޓައެއް ނުލެވޭ." އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުގެ މަންމަ ވެސް ހުންނާނީ މިގޮތަށް ހިކިކޮށް. ދެން އަޅުގަނޑަށް ހީވަނީ އަޅުގަނޑު މިހެން ހުންނަނީ ވަކި އިތުރު ހިތްވަރެއް ލައިގެންނެއް ނޫންހެން."

ރޮޒޭގެ ވާހަކައިގެ ތެރެއިން އޭނަގެ ކެއުމުގެ އާދަތައް ވެސް ހިއްސާ ކުރެއްވި އެވެ. 

"ހަމަ އެންމެ މީރީ ރިހާކުރާއި މަސްފެނާއި ގަރުދިޔަ ކަހަލަ ދިވެހި ކެއުން. ކިތަންމެ ބައިވަރު އެއްޗެހި ހަދާފައި ހުރި ތަނަކުން ވެސް ބަތާއި ރިހާކުރު ފެނިއްޖެ ނަމަ އަޅުގަނޑު ކާނީ ބަތާއި ރިހާކުރު. ރިހާކުރަކީ ހަމަ އެންމެ ކުރިން ފެށިގެން ވެސް ވަރަށް މީރު އެއްޗެއް. ތެލުލި ރިހާކުރުވިޔަސް، މިރުސް އަޅައިގެން ކުޅިކޮށްގެން ވިޔަސް، ހުނިރޮށްޓާ ރިހާކުރާ ކަމުގައިވިޔަސް، ރިހާކުރު މިއީ ވަރަށް ކަމުދާ އެއްޗެއް. ބޭރަށް ކިޔަވަންދިޔަ އިރު ވެސް އަބަދުވެސް ރިހާކުރާއި ދުފާއެއްޗެހި ހަމަކުރެވޭތޯ ބަލަން."

ރޮޒޭނާ އަށްއެންމެ މީރުކޮށް ކައްކާކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ބައެއް ފަހަރު އަމިއްލަފުޅަށް ކައްކަވަ އެވެ. 

"ބައެއް ފަހަރު ކައްކަނީ އަމިއްލަ އަށް. މެރީކޮށްގެން ގޮސް މެލޭޝިއާގައި ކިޔަވަން އުޅުނުއިރު ބޮޑަށް ކައްކަން ދަސްވީ. އޭގެ ކުރިއަކުން ނުކައްކަން. ދެން އެންމެ މޮޅުވާނީ އެކި ފާޑުގެ ފްރައިޑް ރައިސް ކަހަލަ އެއްޗިއްސަށް. ފާޑުފާޑުގެ ރިހަ ކައްކާކަށް ނޭނގޭނެ އަޅުގަނޑަކަށް."

އެއް އިރެއްގައި "ކޮކަޓޫ" އެއްގެ ގެ މައްސަލާގައި ރޮޒޭގެ ވާހަކަ ފަލަ ސުރުހީ އަށް އަރައިގެން އުޅުނު ހަނދާންވޭ ހެއްޔެވެ؟ އެހެންވީމަ ޕެޓެއްގެ ވާހަކަ ނުދައްކައި ރޮޒޭގެ ވާހަކަ ނިންމާލާކަށް ނުވާނެ އެވެ.

"ޕެޓެއް ނުގެންގުޅެން އަޅުގަނޑެއް. އެކަމަކު ކުޑައިރު އަޅުގަނޑު ގެންގުޅުނިން މުސަޅެއް. އޭރު އަޅުގަނޑު އުޅޭނީ ގްރޭޑް އަށެއް ނުވައެއްގައި."

ރޮޒޭ ވިދާޅުވި ގޮތުގައި ކޮކަޓޫ އާއި ފާޑުފާޑުގެ ގުރައަކީ އޭނާ އަށް މާ ކަމުދާ ވައްތަރުގެ ޕެޓްތަކެއް ނޫނެވެ.

"ރޭގަނޑު ނުނިދޭ ވަރަށް އަޑުގަދަކުރާ އެއްޗެހި އަޅުގަނޑަކަށް ކަމަކުނުދޭ."

ރޮޒޭ އަކީ ފޯރީގައި ސީރީޒް ބައްލަވާ އަދި އެހާމެ ފޯރީގައި ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ވެމްޕަޔާ ޑައިރީސް އާއި އޮރިޖިނަލްސް އަދި ޑީވިއަސް މެއިޑްސް ފަދަ ސީރީޒްތަކަށް ވަގުތު ހުސްކުރެއްވިޔަސް ސޯޝަލް މީޑިއާގައި އޮންނަ ފޯރީގައި ވެސް ގާތުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

"އަޅުގަނޑު މިއީ ހަމަ ވަގުތު ހޯދައިގެން ނިކަން ގަދަ އަށް އިނގިރޭސި ސީރީޒް ބަލާ މީހެއް. ބައެއް ފަހަރު ދުވާލު މިހާ ބިޒީކޮށް އުޅޭތީ މި ޑްރާމާތައް ބަލަން ނިދި ވެސް ގުރުބާންކޮށްލަން ޖެހޭ،" ރޮޒޭ ވިދާޅުވި އެވެ. "އަނެއްކޮޅުން އެ ގަޑިއަކީ އަޅުގަނޑު ފޭސްބުކާއި ޓްވިޓާގައި ވެސް ވާނުވާ ބަލާ ގަޑި އާންމުކޮށް. ދެން ސީރީޒް އަޅުވައިގެން އިންނައިރު ހުންނާނީ ފޭސްބުކަށް ވެސް ވަދެވިފަ، ޓްވީޓްވެސް ކުރަމުން ސީރީޒް ކުރިއަށް ގެންދާނީ"

"ޓްވިޓާގައި ވަރަށް ބޮޑަށް އުޅެވޭ. މިސާލަކަށް އިސްތިރިކުރަން ހުންނައިރު ވެސް ޓްވީޓްކުރެވިދާނެ. އިސްތިރި ކުރަމުން ޓްވީޓްކުރަމުން. އެކި ކަންކަމުގެ ތެރޭގައި އުޅެމުން. ކަމާކަން ފަށާފައި ޓްވީޓެއް ނުކުރަން. ނިދަން އެނދަށް އަރައި އޮންނައިރު ވެސް ޓްވީޓްކުރެވޭ. ބައެއް ރޭރޭ އެހެން ގޮސް އޭގެ ތެރެއަށް ވަދެވިގެން އިރު އަރަންދެން ވެސް އޮވެވޭ އޭގެ ތެރެއިން ނުނިކުމެވި."