ސްކޫލް

އިތުރު 10 އަތޮޅެއްގައި ވީޑީއޯ ކޮންފަރެންސް ނިޒާމް ގާއިމްކުރަނީ

އިތުރު 10 އަތޮޅެއްގައި ވީޑިއޯ ކޮންފަރެންސް ނިޒާމް ގާއިމްކުރަން އައިޑީ ޑިވިޝަން އޮފް އޯޑިއޯ ވިޝުއަލްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

ވީޑިއޯ ކޮންފަރެންސިން ނިޒާމް ގާއިމްކުރުމަށް އެ ކުންފުންޏާއެކުވި އެއްބަސްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 10 އަތޮޅެއްގައި ވީޑިއޯ ކޮންފަރެންސިންގް ނިޒާމް ގާއިމްކޮށް މިހާރު އެ ނިޒާމް ގާއިމް ގާއިމްކޮށްފައިވާ 10 އަތޮޅެއްގެ އެ ނިޒާމް އަޕްގްރޭޑް ވެގެންދާނެ ކަމަށެވެ.

މި މައްސައްކަތް ކުރަން އައިޑީ ޑިވިޝަން އޮފް އޯޑިއޯ ވިޝުއަލްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރީ 2.78 މިލިއަން ރުފިޔާ އަށެވެ. އެއީ ދެ މަސް ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

އިބްރާހިމް އިސްމާއީލް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ނުވަ އަތޮޅެއްގެ ސްކޫލްތަކުގައި އަދި ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގައިވެސް މި ނިޒާމް ގާއިމްވެގެންދާނެ ކަމަށެވެ. އެ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅި ތައުލީމީ މަރުކަޒާއި، ރ. އަތޮޅު ތައުލީމީ މަރުކަޒާއި، ކ. އަތޮޅު ތައުލީމީ މަރުކަޒާއި، އއ. އަތޮޅު ތައުލީމީ މަރުކަޒާއި، ވ. އަތޮޅު ތައުލީމީ މަރުކަޒާއި، ފ. އަތޮޅު ތައުލީމީ މަރުކަޒު އަދި ވިލުފުށީ ސްކޫލެވެ. ތިނަދޫ އަބޫބަކުރު ސްކޫލް އަދި ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހްގައިވެސް ވީޑިއޯ ކޮންފަރެންސިންގ ނިޒާމް ގާއިމްކުރަންވަނީ ހަމަޖެހިފަ އެވެ.

ވީޑިއޯ ކޮންފަރެންސިން ނިޒާމް އެންމެ ފުރަތަމަ ގާއިމްކޮށްފައިވަނީ މިދިޔަ އަހަރެވެ. އެފަހަރު ރާއްޖޭގެ 10 އަތޮޅެއްގައި އެނިޒާމް ގާއިމުކުރި އެވެ.

މި ނިޒާމްގެ ބޭނުން ހިފާ ވޭތުވެދިޔަ އަހަރު ތަފާތު ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އަތޮޅު ތެރޭގެ ސްކޫލްތަކާއި ގުޅިގެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިޔަ އެވެ.