ދުނިޔެ

ޓިމް ކުކްގެ މުސާރައަށް ލިބެނީ ކިހާ ވަރެއް؟

އެޕަލްގެ ފައުންޑާ އަދި ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް އަކީ ވެސް އެ ބޭފުޅާގެ މުސާރައިގެ ކަންކަމުގައި މަޝްހޫރު ބޭފުޅެކެވެ. ޖޮބްސް، 1997 ވަނަ އަހަރުން ފެށިގެން، މުސާރައިގެ ގޮތުގައި އަބަދުވެސް ގެއަށް ގެންދެވީ އެއް ޑޮލަރެވެ. ބޯނަސްއެއް އެއްގޮތަކަށް ވެސް ނުނަންގަވަ އެވެ.

ނަމަވެސް ކުންފުނީގެ ހިއްސާގެ ތެރެއިން ގާތްގަނޑަކަށް 5.5 މިލިއަން ހިއްސާ އޮތީ ޖޮބްސްގެ ނަމުގަ އެވެ. އެއީ ގާތްގަނޑަކަށް ދެ ބިލިއަން އެމެރިކާ ޑޮލަރުގެ ހިއްސާ އެވެ.

މިހާރުގެ ސީއީއޯ ޓިމް ކުކްގެ ވާހަކަ އަށް ޖެހިލަމާ ހިނގާށެވެ. ކުކްއަކީ އެއް އިރެއްގައި، އެޕަލްގެ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި އޮތް އައިބީއެމް ޓީމުގެ މުހިންމު މެމްބަރެކެވެ.

އައިބީއެމްގައި 12 އަހަރު ހޭދަކުރުމަށް ފަހު ޖޮބްސްގެ ދައުވަތަކަށް އޭނާ އެޕަލްއާ ގުޅިވަޑައިގަތީ 1998 ވަނަ އަހަރު އެވެ.

ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ވޯލްޑްވައިޑް އޮޕަރޭޝަންސްގެ މަގާމުން އެޕަލްއާ ގުޅިވަޑައިގެންނެވި ކުކް، އެ ކުންފުނީގެ ސީއީއޯ މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަތީ 2011 ވަނަ އަހަރު ޖޮބްސް ނިޔާވުމާ ގުޅިގެންނެވެ. އޭގެ ކުރިން ކުކް ހުންނެވީ އެކްޓިން ސީއީއޯގެ މަގާމުގަ އެވެ.

ސީއީއޯގެ މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަތީ 378 މިލިއަން ޑޮލަރުގެ ޕެކޭޖަކާ އެކުގަ އެވެ. އެއީ މުސާރައާއި އެހެން އިނާޔަތްތަކާއި ކުންފުނީގެ ހިއްސާއިން އަހަރެއްގެ މައްޗަށް ޖެހޭ ވަރެވެ.

 

ނަމަވެސް މި އަދަދު މިހާރު އެތައް ގުނައެއް މައްޗަށް ޖެހިލާފައިވާއިރު އެޕަލް އިން ވަނީ ކުކްގެ މުސާރަ ވެސް މިދިޔަ އަހަރު ބޮޑުކޮށްފަ އެވެ. އެގޮތުން މުސާރަ އަށް 117 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާއިރު އޭނާގެ މިހާރުގެ ޖުމްލަ މުސާރަ އަކީ 9.22 މިލިއަން ޑޮލަރެވެ.

އޭގެ ކުރީ އަހަރު އެޕަލް އިން އޭނާ އަށް ދިނީ 4.25 މިލިއަން ޑޮލަރުގެ މުސާރައެކެވެ. ކުކްގެ މުސާރަ އެޕަލް އިން ބޮޑުކޮށްފައިވާއިރު އޭނާގެ ހިއްސާތައް ވެސް ވަނީ މައްޗަށް އަރައިގެންގޮސްފަ އެވެ.

ހިއްސާގެ ބާޒާރުން 145 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވާއިރު ކުރިއަށް އޮތް ހަ އަހަރަށް ބަހާލައިގެން އެޕަލް އިން އޭނާ އަށް ދޭން ކަނޑައަޅާފައިވާ ހިއްސާތަކުގެ އަގު 536 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެ އިތުރުން މުސާރައިގެ ކުރިއެރުމެއް ލިބިވަޑައިގެންނެވިއިރު ކުކަށް ވަނީ ބޯނަސް ވެސް ދެ ގުނަ އަށް މަތިވެ، ބޯނަސްގެ ގޮތުގައި 6.7 މިލިއަން ޑޮލަރު ވެސް ލިބިވަޑައިގެންފަ އެވެ.

ސެކިއުރިޓީ އެކްސްޕެންސަސްގެ ގޮތުގައި ވެސް ހަތް ލައްކަ ޑޮލަރު ލިބިވަޑައިގަތެވެ.

ނަމަވެސް ހުރިހާ އަދަދުތަކަށް ބެލިޔަސް އެޕަލް އިން މިފަހަރު މުސާރައިގެ އެންމެ ބޮޑު ޗެކެއް ލިބުނު ފަރާތަކީ ކުކްއެއް ނޫނެވެ. މި ރޭހުގައި ކުރި ހޯދި ފަރާތަކީ އަލަށް އެޕަލްއާ ގުޅިވަޑައިގެންފައިވާ އެ ކުންފުނީގެ އެޕަލް ސްޓޯރުގެ ވެރިޔާ އެންޖެލާ އެހްރެންޓްސް އެވެ.

އޭނާގެ މުސާރައިގެ ޕެކޭޖަކީ 73.3 މިލިއަން ޑޮލަރެވެ. މުސާރައިގެ ގޮތުގައި އޭނާ އަށް 412،000 އެމެރިކާ ޑޮލަރު ލިބުނުއިރު ބޯނަސްގެ ގޮތުގައި 1.65 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އެންޖެލާ އަކީ ކުރިން ބްލެކްބެރީގެ ސީއީއޯ އެވެ.

އެޕަލްގެ އެގްޒެކެޓިވް ލެވެލް އިން މިދިޔަ އަހަރު ބޮޑު އާމްދަނީއެއް ލިބުނު އެހެން ފަރާތްތަކަށް ބަލާލާއިރު ސޮފްޓްވެއާ އެންޑް ސާވިސްގެ ވެރިޔާ އެޑީ ކިއޫ 24.5 މިލިއަން ޑޮލަރު ލިބުނުއިރު އޮޕަރޭޝަންސްތަކާ ބެހޭ ވެރިޔާ ޖެފް ވިލިއަމްސް އަށް 24.4 މިލިއަން ޑޮލަރު ލިބުނެވެ.

ބޯނަސް އާއި މުސާރައިގެ ކުރިއެރުން އެޕަލްގެ ވެރިންނާއި މުވައްޒަފުންނަށް ދީފައިވާއިރު މިދިޔަ އަހަރަކީ އައިފޯނާއި މެކުން އެޕަލް އަށް އަނެއްކާވެސް ރިކޯޑް އަދަދަކަށް ފައިދާ ޖެހުނު އަހަރެކެވެ.