އަބްދުﷲ މަސީހު މުހައްމަދު

މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ވައްދައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި މައްސަލަ މަޖިލީހަށް މިއަދު ހުށަހަޅާފައި ވަނީ މަޖިލީހުގެ 22 މެންބަރުންގެ ސޮޔާއި އެކު އެވެެ.

މި މައްސަލާގައި ބުނެފައިވަނީ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށްވީހިނދު މަޖިލީހުގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ގަވައިދުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ރައީސް ތަކުރާރުކޮށް އެ ގަވައިދާ ހިލާފުވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ގަދަރާ ޝަރަފު ނަގާލައި މަޖިލީހުގެ ދައުރު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން މަޖިލޫހުގެ ރައީސްކަމުގެ މަސްއޫލިއްޔަތު މަސީހު ގަސްތުގައި އަދާ ނުކުރުމުގެ ސަބަބުން ގެއްލިގެންދާ ވަގުތުތަކާއި މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިނގުމަށް ފުރުސަތުދީ، މާރަމާރިއާއި އަދި އެނޫންވެސް ޖިނާއީ ކުއްތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް އަމަލު ކުރަމުންދާތީ ކަމަށް ބުނެފައި ވެއެވެ.

"މަޖިލީހުގެ ތަޅުމުގައި އަދި ކޮމިޓީތަކުގައި މަޖިލީހުގެ މައިނޯރިޓީ ޕާޓީތަކުގެ ހައްގުތައް ނިގުޅައިގަނެ، ބާރުރަތައް އެކުގައި ކަނޑުވާލުމަށް ފުރުސަތުދީ އެކަން ކުރުމަށް ހިއްވަރުލިބޭ ގޮތަށް މަސީހްގެ އަމަލުތައް ބަހައްޓައިތީ މަޖިލީހުގެ ގަވައިދުގެ 175 ވަނަ މާއްދާގެ (ހ) ގެ ދަށުން މަސީހުގެ އިތުބާރު ނެތް ކަމަށް ގަބޫލު ކުރެވޭތީ އެމައްސަލަ ހުށަހަޅަން،"