ހަބަރު

ހަމައެކަނި ވޯޓުލުމުގެ ބަދަލުގައި އަންހެނުން މަގާމުތަކަށް ކުރިމަތިލާންވެސް ޖެހޭ: ދުންޔާ

އަންހެނުންނަކީ ހަމައެކަނި އިންތިހާބު ތަކުގައި ވޯޓުލާން ތިބޭ ބައެއް ނޫން ކަމަށާއި އަންހެނުން މަގާމުތަކަށް ކުރިމަތިލާންވެސް ޖެހޭ ކަމަށް ފޮރިން މިނިސްޓްރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ދުންޔާ ނެރުނު ބަޔާނެއްގައި ވިދާޅުވީ އަންހެނުންނަށް އެ މީހުންގެ އަޑު އިއްވުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށާއި އަންހެނަކަށް ވާހަކަދައްކާނެ ޕްލެޓްފޯމެއް ގާއިމްކޮށްދީފިނަމަ އެ ޕްލެޓްފޯމެއްގައި އެތައް ބައެއް އަޑު އުފުލާނެ ކަމަށެވެ.

ދުންޔާގެ ބަޔާނުގައި އަންހެނުންނަށް ތައުލީމީ ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލާ ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އެންމެ އަންހެން ކުއްޖަކަށް ތައުލީމު ހޯދުމުގެ ފުރުސަތު ދީފިނަމަ އެ ކުއްޖާ ދަސްކުރި އެއްޗެއް މުޅި މުޖުތަމައުއަށް ދަސްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އަދި މުޖުތަމައުގެ އަންހެނަކު ބާރުވެރި ކުރުވުމަކީ މުޅި މުޖުތަމައު ބާރުވެރި ކުރުވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އަންހެނުންގެ ދުވަހަށް މިއަހަރު އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ ޖިންސީ ތަފާތުކުރުން ނައްތާލައި އަންހެނުންނަށް ތަރައްގީއާ ކުރިއެރުން ހޯދުމަށް ބާރުއަޅާނެ ކަމަކަށް ވާނެ ކަމަށެވެ.

އދ. އިން އަންހެނުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "2030 ވަނަ އަހަރަށް 50-50 ދުނިޔެއެއް: ޖިންސުގެ ހަމަހަމަކަން ގެނައުން އަވަސްކުރަމާ" އެވެ.

ދުންޔާ އިތުރަށް ވިދާޅުވީ އަންހެނުންނާއި ދޭތެރޭ ޒަމާނުއްސުރެ ދެކެމުން އަންނަ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އަންހެނުންނަށް ކުރި އަރައިގެންދާނެ ފުރުސަތުތައް ހޯދައިދޭން ޖެހޭ ކަމަށެވެ.