މުހައްމަދު އިސްމާއީލް

"އެމްޑީޕީ މެންބަރުން ފައިސާގައި ހިފި، ފައިސާ ގޯނި އުފުލީ އަޅުގަނޑު"

އެމްއެމްޕީއާރްސީ ހިޔާނާތްވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދަވާފައިވާ ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބަހަން ވަޑައިގެންނެވި ކަމަށާއި ހުރިހާ މެންބަރުން އެ ފައިސާގައި ހިފި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ތުހުމަތު ކުރައްވައިފި އެވެ.

މުހައްމަދު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީ އިން ގެއްލިފައިވާ 1.22 ބިލިއަން ރުފިޔާ ލިބުނީ ކޮންފަރާތްތަކަށް ކަން އެނގެން ޖެހޭ ކަމަށާއި އެގޮތުން މިމައްސަލަ މަޖިލީހުގެ ފަރާތުން މިނިވަން ތަހުގީގެއް ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅި ގަރާރުގެ ހޫނު ބަހުސްގައި އެމްޑީޕީގެ މެންބަރުން ފައިސާގައި ޖެހިފައި ނުވާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައިގެނެވެ. އެހެން ނަމަވެސް އޭނާއަށް އެ ވާހަކަތަކުގެ ތަފުސީލަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

މިއަދު ބަހުސް ކުރި މައްސަލައާ ގުޅިގެން މަޖިލިސް ނިޒާމީ ނުކުތާގެ އޮއިވަރުގައި ޖެހި ޕީޕީއެމް އަދި އެމްޑީޕީ ދެމެދު ހޫނު ބަހުސްތަކެއް ކުރިޔަށް ދިޔަ އެވެ. އެމްއެމްޕީއާރްސީ އިން ގެއްލުނު ފައިސާތައް ބޭނުން ކުރި ކަމަށް ބުނެ ދެ ޕާޓީއިން ވެސް ދިޔައީ އެކި މެމްބަރުންނަށް ތުހުމަތު ކުރައްވަމުންނެވެ. މުހައްމަދު ވިދާޅުވީ މަޖިލީހުގައި ވަގުން ކަމަށް ބުނެ އެމްޑީޕީ މެމްބަރުން ވާހަފުޅު ކަދައްކަވަން ނުޖެހޭ ކަމަށާއި މެންބަރު އަހުމަދު މަހުލޫފަކީ އެމްއެމްޕީއާރްސީގެ މައްސަލާގެ 60 ޕަސެންޓް ބޭނުން ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

"މިތަނުގައި އެކި ބޭފުޅުން ވަގުންގެ ވާހަކައާއި އެކި ފައިސާގެ ވާހަކަދައްކާކަށް މާ ރަނގަޅެއް ނޫން. އެ ފައިސާ ގޯނި ހިފާގެން ހިނގީ އަޅުގަނޑޭ ހިފައިގެން އެބޭފުޅުންނަށް އެލާރި ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފިއޭ،" މުހައްމަދު ވިދާޅުވި އެވެ.