ހަބަރު

ރޮޒެއިނާގެ ގަރާރަށް ނިޒާމީ އޮއިވަރުގައި ހޫނު ބަހުސެއް!

އެމްއެމްޕީއާރްސީގެ ތެރެއިން ހިނގާފައިވާ ހިޔާނާތުގެ މައްސަލަ، ރައްޔިތުން މަޖިލީހުގެ ތެރެއިން މިނިވަން ތަހުގީގެއް ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅި ގަރާރަށް ނިޒާމީ އޮއިވަރުގައި ހޫނު ބަހުސްއެއް ކޮށްފި އެވެ.

ރޮޒެއިނާ ހުށަހެޅި މި ގަރާރުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ 1.22 ބިލިއަން ރުފިޔާގެ މައްސަލާގައި ތުހުމަތު ކުރެވޭ އެސްއޯއެފް ޕްރައިވެޓް ލިމިޓަޑް އިން ނެރުނު ބަޔާނުގައި އެފައިސާތައް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ދީފައިވާ ކަމަށް ބުނާތީ އެ ލާރި ލިބިފައިވާ ފަރާތެއް ހޯދުމަށް މަޖިލީހުގެ ތެރެއިން މިނިވަން ތަހުގީގެއް ކުރުމަށެވެ.

މި ގަރާރަށް ބަހުސް ކުރުމަށް ކަނޑައެޅީ ދޮޅުގަޑިއިރުގެ ވަގުތެކެވެ. އެވަގުތު ތެރޭގައި މަޖިލީހުގެ ތަޅުމުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަށް އެމްޑީޕީ އަދި ޕީޕީއެމް ދެމެދުގައި ހޫނު ބަހުސްތަކެއް ހިނގިއެވެ. މިމައްސަލާގެ ތުހުމަތުތައް އެމްޑީޕީއާއި ޕީޕީއެމްގެ މެމެބްރުންވެސް ދެ ފަރާތަށް ކުރަމުން އައި އިރު ބަހުސް ދިގު ދެމިގެން ދިޔައީ މެމްބަރުން ދައްކާވާހަކަތަކަށް ރައްދު ދިނުމަށް ނެންގެވި ނިޒާމީ މައްސަލާތަކުގެ ސަބަބުންނެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކަކީ މަޖިލީހުންނާއި މުޅި ގައުމުވެސް ބަލަން ޖެހޭ ކަމެއް ކަމާއި މެދު ޝައްކެއް ނުކުރާ ކަމަށާއި ސަރުކާރާއި އިދިކޮޅު ފަރާތްއްވެސް މިކަން ސިޔާސީ ނުކުރުމަށް އެދޭ ކަމަށެވެ. އެހެން ނަމަވެސް ގަރާރު ހުށަހެޅި އެމްޑީޕީގެ ވެރިޔަކަށް ހުންނެވި މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިމައްސަލާގެ ތުހުމަތު ކުރެވޭ އެސްއޯއެފްގެ ބޮޑުމީހާ އަކީ ކުށެތް ނެތް މީހެއް ކަމަށް ޓްވީޓު ކުރަމުންދާ ކަމަށް ނިހާން ވިދާޅުވި އެވެ.

"އެހެންވީމަ މިއީ ކޮން ބޭނުމަކު ހުށަހެޅި ގަރާރެއްކަން ސުވާލުވެސް އުފެދޭ. މި ހުށަހަޅުއްވާފައިވާ ގަރާރަށް ގަވައިދުގައި ބުނާ ގޮތުން އަޅުގަނޑުމެން ވެސް މިދަނީ ހޔާލު ފާޅު ކުރަމުން. މިމައްސަލައަކަށް މާބޮޑު ގޮތްތަކެއް ޕީޕީއެމް ޕާލިމެންޓު ގްރޫޕަކަށް ވެސް ނުނިންމޭނެ. ނަމަވެސް ރައީސްގެ އިސްނެންގެވުމަކަށް އެމަނިކުފާނުގެ ހާއްސަ ބާރާއި އެކުގައި އޮޑިޓެއް ކުރައްވާފައި އެވަނީ،" ނިހާން ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި 1.2 ބިލިއަން ރުފިޔާގެ ވައްކަމެއް ކުރި މި މައްސަލައަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ރޭވިގެން ހިންގެވި ބޮޑު ޖިނާއީ ކުށެއް ކަމަށެވެ. އަދި ރަށްރަށާއި ފަޅު ފަދަ ތަންތަން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ދިގު މުއްދަތަކަށް ދީފައިވާތީ އެކަންކަން ބަލައި ވަގަށް ނެގި ފައިސާ އަނބުރާ ނަގައި ރަށްރަށާއި ފަޅުތައް ވެސް ދައުލަތަށް ނަގަން ޖެހޭ ކަމަށް ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީ ފަރާތުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގައި ބޮޑު ވައްކަމެއް ހިނގައިގެން އުޅޭ އިރު އެކަމުގެ ތުހުމަތުތައް ކުރެވެނީ ދައުލަތުގެ އިސްވެރިނަނަށް ތިއްބެވި ބޭފުޅުންނަށް ކަމަށާއި އެހެން ކަމުން ދައުލަތުގެ ފަރާތުން ކުރެވޭ ތަހުގީގުތައް މިނިވަނެއް ނުވާނެ ކަމަށެވެ.

"އެހެންވީމަ މި ގަރާރަށް ތާއީދު ކުރަން. އަދި މި އޮތްގޮތަށް ފާސްކޮށް މިކަން މަޖިލީހުގެ ތެރެއިން މިނިވަންކޮށް ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.