ހަބަރު

ރިސޯޓެއްގެ ރޫމަކުން ފައިސާތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލެ އަތޮޅު ރިސޯޓެއްގެ ގެސްޓް ރޫމަކުން ބޭރު ފައިސާތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހިންމަފުށި ކައިރީގައި އޮންނަ ރިސޯޓަކުން ބޭރު ފައިސާތަކެއް ވަގަށް ނެގި ކަމަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން މިދިޔަ އާދީއްތަ ދުވަހު 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމެވެސް ފައިސާތައް ވަގަށް ނެގީ ކޮން ރިސޯޓަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

މި މީހާ ފުލުހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 250 ޑޮލަރާއި 300 ޔެން މާރުކޮށްފައިވާކަމަށް ބެލެވޭ 1200 ރުފިޔާ އާއި ޑޮލަރެއް އޭނާގެ އަތުން ފެނިފައިވާ ކަމަށާއި ބޭރު ފައިސާ މާރުކޮށްގެން ހޯދާފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރު ކުރި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި އަދި މިހާރު އޭނާގެ ބަންދަށް 13 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.