މޯލްޑިވްސް ޕޮލިސް ސާވިސް

ސްކޭމް ހުއްޓުވަން ކޯޓު އަމުރަކާ ނުލައި އެކައުންޓް ފްރީޒްކުރަން ބާރުދޭން އެދިއްޖެ

ސްކޭމް ކޮށްގެން ހޯދާ ފައިސާ ދައުރުކުރާ އެކައުންޓްތައް ކޯޓު އަމުރަކާ ނުލައި ފްރީޒްކުރެވޭނެ ގޮތެއް ހަދައިދިނުމަށް ފުލުހުންގެ އިދާރާ އިން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ ސްކޭމްކޮށްގެން ހޯދާ ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ދައުރުކުރަނީ ވަރަށް އަވަސް އަވަހަށް ކަމަށެވެ. އެހެންކަމުން އެގޮތަށް ދައުރު ކުރާ ފައިސާ ވީހާވެސް އަވަހަށް ހޯދުމަށްޓަކައި ކޯޓު އަމުރަކާ ނުލައި އެކައުންޓް ފްރީޒް ކުރެވޭނެ ގާނޫނީ ހައްލުތަކެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގާނޫނުގެ ތެރެއިން އެކައުންޓްތަކުގައި ދައުރުވަމުންދާ [ސްކޭމްގެ] ފައިސާ ހުއްޓުވޭނެ ގޮތެއް އެބަ ބޭނުންވޭ،" މަރިޔަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޭމް ކޮށްގެން ހޯދާ ފައިސާ ދައުރުވުން ހުއްޓުވުމަށްޓަކައި ގާނޫނީ ހައްލުތަކެއް ހޯދުމަށް ބަންޑާރަނައިބާ ބައްދަލުކުރަން ފުލުހުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް ބައްދަލުވުން ފަސްކުރައްވާފައިވާ ކަމަށެވެ.

މަރިޔަމް ވިދާޅުވީ ކޯޓު އަމުރަކާ ނުލައި އެކައުންޓްތައް ފްރީޒްކުރަން ބޭނުންވަނީ އެ ފައިސާ ވީހާވެސް އަވަހަށް އަތުލައިގަތުމަށް ކަމަށްވާތީ އެއީ ވަރަށް އަވަހަށް ބޭނުންވާ ހައްލެއް ކަމަށެވެ.

ކޮމިޓީގައި މަރިޔަމް ވަނީ މުއާސަލާތީ ހިދުމަތް ހޯދާ ކުންފުނިތަކުންވެސް ކޯޓު އަމުރަކާ ނުލައި މައުލޫމާތު ހިއްސާ ނުކުރާ މައްސަލަ ކަންބޮޑުވުމާ އެކު ފާހަގަކުރައްވާފަ އެވެ. އެހެންވެ ބައެއް ޒާތީ މައުލޫމާތު ނުހިމަނާ ނަމަވެސް ސްކޭމްގެ މައްސަލަތައް ހުއްޓުވަން ބޭނުންވާ މައުލޫމާތު އަވަހަށް ލިބޭނެ ގާނޫނީ ހައްލުތަކެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާ އިން ގާއިމުކޮށްފައިވާ އެންޓި-ސްކޭމް ސެންޓަރުގެ މަސައްކަތްތައް ކުރިއަށް އޮތް އޮގަސްޓް މަހު ރަސްމީކޮށް ފެށުމުން މިފަދަ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދޭނެ ކަމުގައިވެސް ފުލުހުން މިއަދު ބުންޏެވެ.