ރާއްޖެ ކުޅިވަރު

ޗެލްސީ ލީގު ކަޕްގެ ފައިނަލަށް

މެޗުގެ އިތުރު ވަގުތުގައި ސާބިއާގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ޖެހި ލަނޑާއެކު އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، 2-1ގެ އެގްރިގޭޓް ނަތީޖާތަކުން ޗެލްސީ މުބާރާތުގެ ފައިނަލް އިން ރޭ ޖާގަ ހޯދައިފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތިން ވަނަ މިނިޓުގައި އިވަނޮވިޗް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައި، ޗެލްސީ އަށް ލީޑު ހޯދައިދީފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވުމުން، ދެވަނަ ލެގަށް ނިކުތްއިރު ވެސް ފައިނަލަށް ދިއުމުގެ ފޭވަރިޓެއްގެ ގޮތުގައި އޮތީ ޗެލްސީ އެވެ.

ޗެލްސީ ފައިނަލަށް ދިޔަ ނަމަވެސް، މި މެޗުގައި ސްޕެއިންގެ މިޑްފީލްޑަރު ސެސް ފެބްރެގާސް އަށް އަނިޔާވުމުން އެ ޓީމަށް ވަނީ ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ. މި މެޗުގައި ފެބްރެގާސް އަށް ލިބުނު އަނިޔާއާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ފެބްރެގާސް އަށް ނުކުޅެވިދާނެ އެވެ. މީގެ އިތުރުން ލިވަޕޫލްގެ ޑިފެންޑަރު މާޓިން ސްކާޓާލް އާއި މިޑްފީލްޑަރު އެމްރޭ ޗާންގެ ފައި މައްޗަށް ފައިން އެރުމުން، ޗެލްސީގެ ފޯވަޑް ޑިއޭގޯ ކޮސްޓާ އަށް އަދަބު ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. ސްކާޓަލް އާއި ޗާންގެ ފައި މައްޗަށް ކޮސްޓާ ފައިން އެރި މަންޒަރު މެޗުގެ ރެފްރީ ފިލް ޑައު އަކަށް ނުފެނެ އެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރަން ލިވަޕޫލްގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ވަނީ އެ ފުރުސަތު ބޭކާރުކޮށްލައިފަ އެވެ.