ބޭރު ކުޅިވަރު

ދެ މެޗުން ވެސް ޕީއެސްޖީ އަތުން ބަލިވެ، ޗެލްސީ ކަޓައިފި

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއެކު ކުޅުނު ދެ ވަނަ މެޗުން ވެސް 2-1އިން ބަލިވެ، ޗެލްސީ މުބާރާތުން ކަޓައިފި އެވެ.

މުބާރާތުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ 2-1އިން ބަލިވިއިރު ފްރާންސްގައި ކުޅެގެން ވެސް ޗެލްސީ ބަލިވީ މި ނަތިޖާއިންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޕީއެސްޖީގެ އެޑްރިއަން ރަބިއޮޓެވެ. މެޗުގެ 16 ވަނަ މިނިޓްގައި އޭނާ ޖެހި މި ލަނޑަށް ފަހު ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 27 ވަނަ މިނިޓްގައި ޑިއެގޯ ކޯސްޓާ އެވެ. ނަމަވެސް މެޗުން ޕީއެސްޖީ މޮޅުވި ލަނޑު ޖެހީ 67 ވަނަ މިނިޓްގައި ޒްލަޓާން އިބްރަހިމޮވިޗެވެ.

މި މެޗުން މޮޅުވެގެން ޕީއެސްޖީ ކުއާޓާ ފައިނަލަށް ހޮވުނުއިރު ރޭ ކުއާޓާ އަށް ދިޔަ އަނެއް ޓީމަކީ ޕޯޗުގަލްގެ ބެންފީކާ އެވެ. އެ ޓީމު ކުއާޓާ ފައިނަލަށް ހޮވުނީ ޒެނިތް ޕީޓަސްބާގްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް އިއްޔެރޭ ހޮވިފައިވަނީ ރެއާލް މެޑްރިޑާއި ވުލްފުސްބާގެވެ. ރެއާލް ކުއާޓާ އަށް ދިޔައީ އިޓަލީގެ ރޯމާ ކަޓުވާލައިފަ އެވެ.