ބޭރު ކުޅިވަރު

ޗެލްސީ ކަޓުވާލެވުނީ ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުން: ލުއިޒް

އޭނާގެ ކުރީގެ ކުލަބު ކަމަށްވާ ޗެލްސީ ޗެމްޕިއަންސް ލީގުން ކަޓުވާލެވުނީ ހުރިހާ ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުން ކަމަށް ޕީއެސްޖީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ބުނެފި އެވެ.

ޗެލްސީގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބްރެޒިލް ޑިފެންޑަރު ބުނީ ޗެލްސީ އަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށެވެ.

"އެކަމަކު އަހަރުމެންގެ ފިލޯސަފީ އަށް ބަދަލެއް ނުގެންނަން. އަހަރުމެން ބެލީ ހުސްތަނަކަށް ކުޅެގެން އެމީހުންގެ ގޯލަށް ނުރައްކާ ކުރަން. އެކަން ކާމިޔާބުވި. މިއީ އެންމެން ގުޅިގެން ހޯދުނު ކާމިޔާބީއެއް. އަހަރުމެން މިތިބީ އުފާވެފައި،" ލުއިޒް ބުންޏެވެ.

ޕީއެސްޖީ ކޮޅަށް ގޯލު ޖެހި ޗެލްސީގެ ޑިއެގޯ ކޯސްޓާއަކީ އިދިކޮޅު ޑިފެންޑަރުންނަށް މާކް ކުރަން އުނގަދޫ ކުޅުންތެރިއެއްކަން ވެސް ލުއިޒް ފާހަގަކުރި އެވެ.

ޕީއެސްޖީގެ އެންހެން ޑިމާރިއާ ބުނީ ލިބުނު ކާމިޔާބީއާމެދު އޭނާ ވެސް ހުރީ ހިތްހަމަޖެހިފައި ކަމަށާއި މި ހިސާބުން މުބާރާތް ނިންމާލެވެން ނެތް ކަމަށެވެ.

ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ބުނީ އޭނާ މި އަހަރު ކޮންމެ މެޗެއްގައި ވެސް މަދުވެގެން 20 މިނިޓް ދަނޑުމަތީގައި ހުރިން ކަމަށާއި ޗެލްސީ އަކީ އުނދަގޫ ޓީމެއް ކަމަށެވެ.

"އަހަރުމެން ތިބެން ޖެހުނީ އަބަދުވެސް ފަރުވާތެރިވެގެން. ޗެލްސީގެ ކުރިއަށް ކުޅޭ ހަތަރު ކުޅުންތެރިންނަކީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ނެރެފާނެ ކުޅުންތެރިން. އަހަރުމެން އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ތިބީ އެއްވާނެއްގައި. އަހަރުމެން އޭގެ ފަހުން މި ތިބީ އުފާވެފައި،" އިބްރަހިމޮވިޗް ބުންޏެވެ.