ހަބަރު

ހައްޖަށް ގެންދަން ޝައުގުވެރިވާ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލައިފި

Jan 28, 2015

ރާއްޖެއިން ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އާއްމުކޮށްފައިވާ ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާއި ބެހޭ އުސޫލުގައި ވާ ގޮތުގެ މަތިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ކަމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ހިފައިގެން އަންނަ މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު ދިހައެއް ޖަހާއިރަށް އެ މިނިސްޓްރީއަށް އަންނަންވާނެ ކަމަށެވެ.

އެ މިނިސްޓްރީ ބުނީ ހައްޖަށް މީހުން ގެންދިއުމަށް ނެރެފައިވާ އުސޫލުގައިވާ ގޮތުން ޕްރޮޕޯސަލްތައް ހުޅުވާ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވެވޭނީ ގިނަވެގެން ދެ ފަރާތަށް ކަމަށެވެ.

"ޕްރޮޕޯސަލްތައް ހުޅުވުމަށްޓަކައި ބާއްވާ ބައްދަލުވުމުގައި ކޮންމެ ކުންފުންޏަކުން ވެސް މަދުވެގެން އެކަކު ބައިވެރިވާންވާނެ އެވެ. މިގޮތުން މި ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން ބައިވެރިވާ ފަރާތެއްގެ އަތުގައި އެއީ އެ ކުންފުނިން ބައިވެރިވާ ފަރާތްކަން އަންގައިދޭ، ކުންފުނީގެ ލެޓާ ހެޑްގައި އެކަމުގެ ހުއްދަދީފައިވާ ސިޓީއެއް ނުވަތަ ލިޔުމަކާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރޮޕޯސަލްއާ ވަކިން އޮންނަންވާނެ އެވެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ތިން ކުންފުންޏަކަށް، އެއް އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި ހޮވޭ ކޮންމެ ކުންފުންޏަކަށް ވެސް ދިނުމަށް ހަޖެހިފައިވަނީ 134 ޖާގަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

" މީހުން ހައްޖަށް ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ހައްޖަށް ގެންދިއުމަށް މީހެއްގެ އަތުން ނަގާ އަގު ކަމުގައި ބަޔާންކުރާ އަގަކީ އެ މަސައްކަތްކުރުމަށް އެކަށީގެންވާ އަގަކަށް ނުވާނަމަ އެ ޕްރޮޕޯސަލް ޑިސްކޮލިފައި ކުރެވޭނެ އެވެ. ހުށަހަޅާ އަގުގެ އިތުރަށް އެއްވެސް މިންވަރެއްގެ ފައިސާ ފަހުން ނެގުމަކީ ހައްޖަށް މީހުން ގެންދިއުމަށް އެ ކުންފުންޏަށް ދިން ހުއްދަ ބާތިލުކުރެވޭނެ ކަމެއްކަން މި ފުރުސަތުގައި ހަދުމަފުޅުކޮށް އަރުވަމެވެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.