އިސްލާމިކް މިނިސްޓްރީ

ހުކުރު ހުތުބާގެ ސަބްޓައިޓަލް އަރުވަން ފަށައިފި

ހުކުރާ ހުތުބާ ޓީވީތަކުން ވަގުތުން ދުރަށް ފޮނުވާއިރު ފުރަތަމަ ފަހަރަށް އިނގިރޭސި ސަބްޓައިޓްލް އަރުވަން ފަށައިފި އެވެ.

މި މަސައްކަތް މިއަދު ފެށީ ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން އުޅޭތީ އެ މީހުންނަށް އަމާޒުކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމާ މެދު އާންމުންގެ ހިޔާލު ހުރި ގޮތްވެސް ބަލާފަ އެވެ.

އެކަމަކު އާންމުންގެ ވިސްނުން އެކަމުގައި ދެކަފިވެފައި ހުރުމުން މިނިސްޓްރީން ފަހުން ވަނީ އެ ހިޔާލު ދޫކޮށްލާފަ އެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން އުޅޭއިރު މީގެތެރޭގައި މުސްލިމުން ގިނަކަން ފާހަގަކޮށް އެ މީހުންނަށް އެނގޭ ބަހަކުން އެއް މިސްކިތެއްގައި ހުތުބާ ކިޔުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.