ރާއްޖެ ކުޅިވަރު

މާޒިޔާ ތަށި ހޯދުމަކީ ދިވެހި ފުޓްބޯޅަ އަށް ވެސް މުހިންމު ކަމެއް: ސުޒޭން

ޕީޕަލްސް ކަޕްގެ ފައިނަލްގައި މިރޭ މެލޭޝިއާގެ ޕީޑީއާރްއެމްއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނައިރު، މާޒިޔާ މުބާރާތުގެ ތަށި ހޯދުމަކީ ދިވެހި ފުޓްބޯޅަ އަށް ވެސް މުހިންމު ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

"މާޒިޔާ އަށް މި މުބާރާތް ވަރަށް މުހިންމު ދިވެހި ފުޓްބޯޅަ އަށް ކޮށްދެވޭ ކަމެއްގެ ގޮތުގައި. އެއީ މި މުބާރާތް ގިނަ އަހަރުތަކަށް މެދުކެނޑިގެން ގޮސް އޮތުމަށް ފަހު ބާއްވާ އަހަރު ބޭރު ޓީމަކުން މުބާރާތް ކާމިޔާބުކޮށްފިއްޔާ ދިވެހިންގެ ވިސްނުން ބަދަލުވެދާނެ،" މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ. "އެކަމަކު ދިވެހި ޓީމަކުން މުބާރާތް ކާމިޔާބުކޮށްފިއްޔާ އަންނަ އަހަރު ދިވެހިން މުބާރާތަށް އިންތިޒާރުކުރާނެ. ދިވެހިން މި މުބާރާތާ ދޭތެރޭ ވިސްނާ ގޮތް ވެސް ތަފާތުވެ، ފޯރި ވެސް ގަދަވާނެ."

މާޒިޔާ މުބާރާތުގެ ފައިނަލް އިން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ މެޗު އެއްވަރުކޮށްގެނެވެ. ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ޕީޑީއާރްއެމް ފައިނަލް އިން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެެއިން ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްގެނެވެ.

 މި މުބާރާތުގެ ލީގު ބުރުގައި މާޒިޔާ އާއި ޕީޑީއާރްއެމް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެެވެ.

ސުޒޭން ބުނީ ލީގުގައި ބުރުގައި ޕީޑީއާރްއެމްއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ޑިފެންޑަރުންނަށް ގޯސްތަކެއް ހެދުނު ކަމަށާއި ފައިނަލް މެޗަށް ނުކުންނައިރު އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރާނެ ކަމަށެވެ.

"އެ މެޗުގައި ކޮމިއުނިކޭޝަން މައްސަލަތަކާހެދި ޑިފެންސް އަށް މިސްޓޭކްތަކެއް ހެދުނީ. އެކަންތައް ރަނގަޅުކުރަން މަސައްކަތްތަކެއް ކުރެވިފައިވާނީ. ބަދަލެއް ނާންނާނެ. ހަމަ ކުރިން މެޗުގައި ވެސް ޕީޑީއާރްއެމްއާ ދެކޮޅަށް ނިކުތް ފުރަތަމަ 11 މި މެޗުގައި ވެސް ނުކުންނާނީ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ޕީޑީއާރްއެމް އަކީ މާޒިޔާ އަށްވުރެ ވަރުގަދަ ޓީމެއް ކަމަށް ގަބޫލްކުރި ނަމަވެސް، އެ ޓީމަކީ މާޒިޔާ އަށް ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް ނޫން ކަމަށެވެ. އަދި ޕީޑީއާރްއެމްގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އަކީ "ބޮޑެތި މެޗުތަކުގައި ތަފާތު ދައްކާ" ކުޅުންތެރިއެއް ކަމަށެވެ.

"ޕީޑީއާރްއެމް އަކީ މާޒިޔާ އަށްވުރެ ވަރުގަދަ ޓީމެއް. އެކަމަކު މިއީ ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް ނޫން. ޕީޑީއާރްއެމް އަށް ދޭންޖެހޭ އިހުތިރާމް ދީގެން ކުޅެފިއްޔާ، މިއީ އަޅުގަނޑުމެންނަށް ނުވާނެ ކަމެއް ނޫން،" ސުޒޭން ބުންޏެވެ.

މާޒިޔާ އާއި ޕީޑީއާރްއެމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 2100ގަ އެެވެ.